ދީނީ އަދި އިޖުތިމާޢީ ކަންކަމުގައި މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ މަޤުޞަދުގައި، ޖަމްޢިއްޔަތުއްސަލަފާއި ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ ދިޔަމިގިލީ ކައުންސިލް އިދާރާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ފަހުމުނާމާގައި ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ސޮއިކުރެއްވީ ޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ ވަކީލު އައްޝައިޚް ޢަބްދުއްސަލާމް ދާވޫދޫއެވެ. އަދި ދިޔަމިގިލީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙުމަދު މޫސާއެވެ.
އިއްޔެ ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން، ދިޔަމިގިލީ ކައުންސިލާ ގުޅިގެން އެ ރަށުގެ ރައްޔިތުންގެ މެދުގައި ދީނީ އަދި އިޖުތިމާޢީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޚާއްޞަ ޕްރޮގްރާމްތަކެއް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ދީނީ ދަރުސްތަކާއި، މުޖުތަމަޢަށް ފައިދާހުރި އެކި ހަރަކާތްތައް ހިންގުން ހިމެނެއެވެ.
ދިޔަމިގިލީ ކައުންސިލާއެކު މި ފަހުމުނާމާގައި ސޮއިކުރެވިގެންދިޔައީ، ޖަމްޢިއްޔަތުއްސަލަފުން، އަތޮޅުތަކުގައި ކުރިއަށްގެންދާ ހަފްތާ ބަންދު ދަރުސް” ޕްރޮގްރާމްގެ ތެރެއިންނެވެ. އެގޮތުން، މި ނޮވެމްބަރު މަހުގެ 5 އިން 7 އަށް އެ ރަށުގައި ވަނީ ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެތެރޭގައި މިސްކިތު ދަރުސްގެ އިތުރުން ދިޔަމިގިލީ ސްކޫލުގެ ގުރޭޑް 7 އިން މަތީގެ ދަރިވަރުންނަށް ބޭއްވުނު ޚާއްޞަ ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޢާންމުކޮށް ހުޅުވާލައިގެން، ހުކުރު ދުވަހުގެ ރޭ ބޭއްވުނު ބޮޑު ދަރުސް، “ހިތުގެ ހަމަޖެހުން” ފާހަގަކޮށްލެވެއެވެ. މި ދަރުހަށް ރަށުގެ ވަރަށް ގިނަ ރައްޔިތުން ޙާޟިރުވެފައިވެއެވެ.

