“ސަލަފް ރިޙްލާ 2026″ގެ މެއިން ސްޕޮންސަރަކަށް މިއަހަރުވެސް އެލިއާ އިންވެސްޓްމަންޓް ހަމަޖެހިއްޖެއެވެ. ފާއިތުވީ އަހަރު ބޭއްވުނު ސަލަފް ރިޙްލާގައިވެސް، އެ ކުންފުނިން މެއިން ސްޕޮންސަރގެ ގޮތުގައި، ޔަމަހާ ސައިކަލެއް އިނާމުގެ ގޮތުގައި ހުށައަޅާފައިވެއެވެ.
ދީނީ އިޖްތިމާޢީ އަދި ތަރައްޤީއާއި އަޚުލާޤީ ތަރުބަވީ ތަފާތު އެކި ޙަރަކާތްތައް ހިމަނައިގެން ބާއްވާ “ސަލަފް ރިޙްލާ 2026” މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ބ. އަތޮޅުގައެވެ. މިގޮތުން މި ހިނގާ ނޮވެމްބަރ މަހުގެ 11 އިން 14 އަށް ކުރިއަށްގެންދާ މި ރިޙްލާގެ މެއިން ސްޕޮންސަރަކަށް އެލިއާ އިންވެސްޓްމަންޓް ހަމަޖެހިފައިވާއިރު، ކޯސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ މެޑިފްލެކްސް ޑެންޓަލް އެންޑް މެކްސިލޮފޭޝަލް ސާޖަރީ، ސޯސަން ފިހާރަ، ރެޑްވޭވް އަދި ހިޖާޒް ޙައްޖު އެންޑް ޢުމްރާއެވެ.
އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދީ، ދީނީ ގޮތުން ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި މި ޖަމްޢިއްޔާއިން އަތޮޅުތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ސަލަފް ރިޙްލާ ބާއްވަމުން އަންނަތާ މިއީ 10 ވަނަ އަހަރެވެ.
ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ “ސަލަފް ރިޙްލާ 2026”ގެ މީޑިއާ ޕާރޓްނަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ އޭދަފުށި ޓައިމްސް (އީޓީ)އެވެ. އަދި ބްރޯޑްކާސްޓިންގ ޕާރޓްނަރަކަށް ހަމަޖައްސާފައިވަނީ ދާރިސް ޓީވީއެވެ. މި ޕްރޮގްރާމް ރާވައި ހިންގުމުގައި ބ. އަތޮޅުން އެންމެ އިސްދައުރެއް އަދާކުރަނީ، ފޭލި ޖަމްޢިއްޔާ އާއި ހިތާދޫ އައިލެންޑް މޫވްމަންޓު (ހިމް) އިންނެވެ.

