ބޭރުގެ މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިޢާޔަތް ކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ސަރުކާރަށް އިލްތިމާސްކޮށްފިއެވެ.
މިއަދު ޖަމްޢިއްޔާއިން ނެރެފައިވާ އިލްތިމާސްގައި، ރަސްމާލެ މަޝްރޫޢާއި އަދި މިފަދަ ބޭރުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އެއާގުޅޭ ޤާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭކަމަށް 8 ކަމެއް ވަނީ ބަޔާންކޮށް ފާހަގަކުރައްވާފައިވެއެވެ.
ޖަމްޢިއްޔަތުއްސަލަފުން މިފަދަ އިލްތިމާސެއް ސަރުކާރަށް ކޮށްފައި މިވަނީ، ސަރުކާރުން އިޢުލާންކޮށްފައިވާ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުންތައް ހުރިކަން ފައުޅުކުރަމުންދަނިކޮށް، މިދިޔަ ސެޕްޓެމްބަރ މަހުގެ 28ވަނަ ދުވަހު، އެ ޖަމްޢިއްޔާއިން އެ މަޝްރޫޢުއާ ގުޅޭގޮތުން ދިރާސާ ކުރަމުންދާކަން އިޢުލާންކުރިތާ 1 މަސް ފަހުންނެވެ.
ޖަމްޢިއްޔަތުއްސަލަފުން ސަރުކާރަށް ކޮށްފައިވާ އިލްތިމާސްގެ ލިޔުމުގައި ބުނެފައިވަނީ، ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއެކު ބައްދަލުވުންތައް ބާއްވައިގެންނާއި، އަދި އެހެނިހެން ގޮތްގޮތުން ހޯދި މަޢުލޫމާތުތަކުން އެނގުނު ގޮތުގައި، މި މަޝްރޫޢަކީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން، ދިވެހި ދައުލަތުގެ މިލްކުވެރިކަން ދެމިއޮންނަ ގޮތަށް، ރިއަލް އެސްޓޭޓް އުޞޫލުން ތަރައްޤީކޮށް އިންވެސްޓްކުރުމަށް ޔޫ.އޭ.އީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރުގެ މުއްދަތަށް ދޫކުރުމަށް ރޭވިފައިވާ މަޝްރޫޢެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޖަމްޢިއްޔަތުއްސަލަފުން ކޮށްފައިވާ މި އިލްތިމާސްގައި ފާހަގަކޮށްފައިވާ 8 ނުކުތާގެ ތެރޭގައި، އިސްލާމީ ޝަޚްޞިއްޔަތާއި ޤައުމީ ސިޔާދަތު ޙިމާޔަތްކުރުމާއި، ދައުލަތުގެ ސިޔާދަތާއި އިސްތިރާޖީ މިނިވަންކަން ޙިމާޔަތްކުރުމާއި އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުމާއި ދިވެހިރައްޔިތުންނަށް އެންމެ މަތީ މަންފާ ލިބޭނެ އިޤްތިޞާދީ ތަރައްޤީއަކަށް އަމާޒުހިފުމާއި ދެފުށްފެންނަ، ހާމަކަން ބޮޑު ސިޔާސަތެއް ޤާއިމުކުރުމާއި ހުޅުވާލެވިފައިވާ އިޤްތިޞާދަކާއި ޤައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމާއި ދާއިމީ މޮނިޓަރިންގ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުން އިޖްތިމާޢީ އަސަރުތައް ވަޒަންކުރުން ހިމެނެއެވެ.
ސަރުކާރަށް ކޮށްފައިވާ އިލްތިމާސްގައި، ދިވެހިރާއްޖޭގައި ހިންގާ އިންވެސްޓްމަންޓްތަކުގައި ޤައުމުގެ އިސްލާމީ ވަންތަކަމާއި، ޤައުމީ ސިޔާދަތު ޙިމާޔަތްކުރުމަށާއި، ދިވެހިރާއްޖޭގައި ހިންގޭ މިފަދަ މަޝްރޫޢަކުން، ފަލަސްޠީނުގެ މުޤައްދަސް ބިންތައް ފޭރިގަނެ، ޒަޔަނިސްޓް އިސްތިޢުމާރެއްގެ ދަށުން ޤާއިމުކޮށްފައިވާ “އިޒްރޭލު”ގެ ރައްޔިތަކަށް ފުރުސަތު ނުދިނުމަށް ވަނީ ގޮވާލާފައެވެ. އަދި އެއްބަސްވުންތައް ދެފުށް ފެންނަ ގޮތެއްގައި ހާމަކޮށް، ރައްޔިތުންގެ މަޝްވަރާއާއެކު، އިސްލާމީ އަދި އިޖުތިމާޢީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބާކަން މޮނިޓަރކޮށް، ޤައުމީ މަޞްލަޙަތު އެންމެ އިސްކޮށް ރައްކާތެރި ކުރެވޭނެހެން މަޝްރޫޢުގެ އެއްބަސްވުންތަކާއި ޤާނޫނީ އޮނިގަނޑު ފަރުމާ ކުރުމަށް ދިވެހި ސަރުކާރަށް ޖަމްޢިއްޔަތުއްސަލަފުން އިލްތިމާސްކޮށްފައިވެއެވެ.
ޖަމްޢިއްޔަތުއްސަލަފުން ފާހަގަކުރައްވާފައިވާ ގޮތުގައި ރަސްމާލޭގެ މަޝްރޫޢުގެ ޙަޤީޤީ ތަޞައްވުރު ޔަގީންވެގެންދާނީ މަޝްރޫޢުގެ އެއްބަަސްވުން އެކުލަވާލެވި، ކަމާބެހޭ ގާނޫނު ވުޖޫދުވުމުންނެވެ.
ރަސްމާލެ މަޝްރޫޢުފަދަ ބޭރުގެ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން ބަޔާންކޮށް ނެރެފައިވާ އިލްތިމާސް އެއްކޮށް ވިދާޅުވުމަށް ފިއްތަވާލައްވާ!

