ޖަމްޢިއްޔަތުއްސަލަފުގެ ދުޢާތުންގެ މަޖިލީހުގެ 2 ވަނަ އަހަރީ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަހުގެ 11 އިން 13 އަށް ކުޑަގިރީގައި ބޭއްވި މި ބައްދަލުވުން ނިންމާލުމަށްފަހު ބައިވެރިން މާލެ އައިސްފައިވަނީ އިއްޔެ ހަވީރުގެ ވަޤުތެއްގައެވެ.
ދަޢުވަތުގެ މައިދާނުގައި މަސައްކަތްކުރައްވާ ޢިލްމުވެރިންނަށް ބޭނުންވާ ތަމްރީނާއި ހުނަރު، އަދި ޢިލްމީ މައުލޫމާތު އިތުރަށް އުނގަންނައިދިނުމަށް ބޭއްވި މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެކެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ޓައިޓްލް ސްޕޮންސަރުކޮށްފައިވާ މި ބައްދަލުވުމުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިއްބެވި ޢިލްމުވެރިންގެ ތެރެއިން ޖަމްޢިއްޔަތުއްސަލަފާ ގުޅިގެން ދަޢުވަތުގެ މަސައްކަތްކުރައްވާ 50 އަށްވުރެ ގިނަ ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ދުޢާތުންނަށް ތަފާތު ތަމްރީނުތަކާއި ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން، ދަޢުވަތުގެ މައިދާނުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި ކުރިއަށް އޮތްތަނުގައި އެޅިދާނެ ފިޔަވަޅުތަކާއި، މިހާރަށްވުރެ ބޮޑަށް ރައްޔިތުންނާ ގާތުން ޚިދުމަތްދީ، މުޅި ރާއްޖެއަށް ދަޢުވަތުގެ މަސައްކަތްތައް ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގެ ޢިލްމީ ސެޝަންތަކުގައި މަޢުލޫމާތު ދެއްވާފައިވަނީ އެ ދާއިރާތަކުން ތަޖުރިބާހުރި ޤާބިލު ބޭފުޅުންނެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ 5 ޢިލްމުވެރިއަކު ބައިވެރިވެވަޑައިގެން، އެބޭފުޅުންގެ ޢިލްމާއި މައިދާނީ ތަޖުރިބާ ހިއްސާކުރެއްވިއެވެ. ބޭރުން ވަޑައިގެން ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:
-
ޕްރޮފެސަރ ޑރ. ޢުމަރު އަޢްމިރީ (މޮރޮކޯ)
-
ޑރ. ޢަބްދުއްރަޙްމާން ބިން ޞާލިޙް ބިން ޢުޘްމާން އަލް-މުޒައިނީ (ސަޢޫދީ ޢަރަބިޔާ)
-
އައްޝައިޚް ޢަބްދުﷲ ބިން ޢަބްދުއްރަޙްމާނު ބިން ޞާލިޙް އަލް-މުޒައިނީ (ސަޢޫދީ ޢަރަބިޔާ)
-
ޑރ. މުޙައްމަދު ރާޒިޤު މުޙައްމަދު އަމްޖަދު ރާޒިޤު (ސްރީލަންކާ)
-
ޑރ. މުކައްރަމް ޙުސައިން މުޙްސިން (ބަންގްލަދޭޝް)
މި ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ މި މަހުގެ 10 ވީ ބުރާސްފަތި ދުވަހުގެ ހަވީރު ހުޅުމާލޭ މެންހަޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މި ބައްދަލުވުމުގެ އޮފިޝަލް ޕާޓްނަރަކީ އެޗްޑީސީއެވެ. ޓްރެވަލް ޕާޓްނަރަކީ އެމްޓީސީސީ އަދި މީޑިއާ ޕާޓްނަރަކީ ދާރިސް ޓީވީއެވެ.

