މިއަހަރުގެ ނޮވެމްބަރ 11 އިން 14އަށް ބ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ “ސަލަފް ރިޙްލާ 2026″ގެ ބްރޯޑްކާސްޓިންގ ޕާރޓްނަރުގެ ގޮތުގައި ދާރިސް ޓީވީ ހަމަޖައްސައިފިއެވެ.
ދަރުސްތަކާއި، ތަފާތު އެކި ޢުމުރުފުރާތަކަށް ޚާއްޞަ ވޯކްޝޮޕްތަކާއި، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކާއި، ތަރުބަވީ އެކިއެކި ޙަރަކާތްތައް ހިމަނައިގެން މި ޖަމްޢިއްޔާއިން ބާއްވަމުންއަންނަ ސަލަފް ރިޙްލާއަކީ އަތޮޅުތަކުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް ޙަރަކާތެވެ.
އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދީ، ދީނީ ގޮތުން ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި މި ޖަމްޢިއްޔާއިން ކުރިއަށް ގެންދާ މިއަހަރުގެ ރިޙްލާގެ ބްރޯޑްކާސްޓިންގ ޕާރޓްނަރަކަށް، ދާރިސްޓީވީ ހަމަޖެއްސި އިރު، ފާއިތުވެދިޔަ ދެ އަހަރުވެސް “ސަލަފް ރިޙްލާ”ގެ ބްރޯޑްކާސްޓިންގ ޕާރޓްނަރުގެ ގޮތުގައި މަސައްކަތް ކޮށްދެއްވާފައިވަނީ ދާރިސްޓީވީ ކަން ފާހަގަކޮށްލަމެވެ. ދާރިސްޓީވީ އަކީވެސް ދީނީ ގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމާއި، އިސްލާމްދީނުގެ ޞައްޙަ ތެދު މަޢުލޫމާތު ފޯރުކޮށްދީ، އިސްލާމީ އިމުގެ ތެރެއިން މަޢުލޫމާތު ފެތުރުމުގެ ކަންކަން ކުރިއަރުވުމަށް މަސައްކަތް ކުރަމުން އަންނަ ޗެނަލެއްކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން، މި ޖަމްޢިއްޔާއިން ބާއްވަމުން އަންނަ މިފަދަ ހުރިހާ ޙަރަކާތެއްގައިވެސް، ދާރިސްޓީވީން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެމުން އަންނަކަން ފާހަގަކޮށް، އެ ޗެނަލްގެ އިސްފަރާތްތަކަށް ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ.
ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ “ސަލަފް ރިޙްލާ 2026” ރާވައި ހިންގުމުގައި ބ. އަތޮޅުން އެންމެ އިސްދައުރެއް އަދާކުރަނީ، ފޭލި ޖަމްޢިއްޔާ އާއި ހިތާދޫ އައިލެންޑް މޫވްމަންޓު (ހިމް) އިންނެވެ.
“ސަލަފް ރިޙްލާ” އެންމެ ފުރަތަމަ ބާއްވާފައިވަނީ 2009ވަނަ އަހަރުއެވެ. އަދި މިހާތަނަށް ސަލަފް ރިޙްލާގެ ޙަރަކާތްތައް 9 ފަހަރެއްގެމަތިން ކާމިޔާބުކަމާއެކު ވަނީ ބާއްވާފައެވެ.

