ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، މި ހިނގާ ނޮވެމްބަރ މަހުގެ 11 އިން 14 އަށް ކުރިއަށްގެންދާ “ސަލަފް ރިޙްލާ 2026″ގައި ހިމެނޭ ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ޔަމަހާ ފްރީގޯ (ސިލްވަރ) ސައިކަލެއް ދޭ ގޮތަށް ހަމަޖެހިއްޖެއެވެ. މިއީ ސަލަފް ރިޙްލާ މިއަހަރުގެ މެއިން ސްޕޮންސަރ އެލިއާ އިންވެސްޓްމަންޓުން ހަދިޔާ ކޮށްފައިވާ ސައިކަލެކެވެ.
ބ. އަތޮޅުގެ ރަށްރަށުގެ ރަށުކައުންސިލްތަކާއި، ފޭލި ޖަމްޢިއްޔާއާއި ހިތާދޫ އައިލެންޑް މޫވްމަންޓްގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ “ސަލަފް ރިޙްލާ 2026″ގެ ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 3 ފަރާތަކަށް އިނާމު ވަނީ ހުށައެޅިފައެވެ. މިގޮތުން ދެވަނައަށް ހުށައެޅިފައިވަނީ ހިޖާޒް ޙައްޖު އެންޑް ޢުމްރާގެ ފަރާތުން ދެއްވާ ޢުމްރާ ދަތުރެކެވެ. އަދި ތިންވަނައަށް އަންނަ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ ހިޓާޗީ ފުރިޖެކެވެ.
ފާއިތުވި އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް، އެކި ޢުމުރުފުރާތަކަށް ޚާއްޞަ ޙަރަކާތްތަކާއި، ކުޅިވަރުގެ ޙަރަކާތްތައް ހިމެނޭނެއެވެ. މިގޮތުން 70 އަށްވުރެ ގިނަ ޙަރަކާތް މިއަހަރުގެ ރިޙްލާގައި ކުރިއަށް ގެންދެވޭނެއެވެ.
ކޮންމެ ރަށެއްގައިވެސް ވަކިވަކިން އެރަށަކަށް ޚާއްޞަކޮށް ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެގެން ކޮންމެ ބޭފުޅަކަށްވެސް ކޫޕަންއެއް ލިބޭނެއެވެ. އެއީ ދަރުސްތަކަށް ޙާޟިރުވުމާއި، ވޯރކްޝޮޕްތަކުގައި ބައިވެރިވުމާއި އަދި މީގެ އިތުރުންވެސް ހިންގާ އެކި ޙަރަކާތްތަކުގައި ބައިވެރިވެގެންނެވެ. އަޅުގަނޑުމެންގެ އެދުމަކީ މި ރިޙްލާގައި ކުރިއަށްގެންދާ ޙަރަކާތްތަކުން ބ. އަތޮޅުގެ ވީހާވެސް ގިނަ ރައްޔިތުންނަކަށް ފައިދާ ލިބިގެންދިއުމެވެ.

