“ސަލަފް ރިޙްލާ 2026” މާދަމާ ފެށޭނެއެވެ. ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދާ މި ޙަރަކާތް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދީ، ދީނީ ގޮތުން ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި މި ޖަމްޢިއްޔާއިން އަތޮޅުތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ސަލަފް ރިޙްލާ މިއަހަރުގެ ޕްރޮގްރާމުގައި 70 އަށްވުރެ ގިނަ ޙަރަކާތްތައް ހިންގާ ގޮތަށް ވަނީ ތާވަލު ކުރެވިފައެވެ. މިއަހަރުގެ ރިޙްލާގައިވެސް، ދީނީ އިޖްތިމާޢީ، އަޚުލާޤީ ތަރުބަވީ ތަފާތު އެކި ޙަރަކާތްތައް ހިމެނިފައިވެއެވެ. އަދި ތަފާތު އާބާދީތަކުގެ ހުރިހާ ޢުމުރުފުރާތަކާ ތަފާތު ފަންތިތަކާ ގުޅޭ ޙަރަކާތްތައް ހިމެނިފައިވެއެވެ.
“ސަލަފް ރިޙްލާ 2026” ފެށުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތު އޮންނާނީ މާދަމާރޭ ތުޅާދޫގައެވެ.
ބ. އަތޮޅުގެ ރަށްރަށުގެ ރަށުކައުންސިލްތަކާއި، ފޭލި ޖަމްޢިއްޔާއާއި ހިތާދޫ އައިލެންޑް މޫވްމަންޓްގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ ސަލަފް ރިޙްލާ 2026 އަށް، އެ އަތޮޅުން ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. އަދި މި ޕްރޮގްރާމުގައި ފެސިލިޓޭޓަރުންނާއި އެހީތެރިންގެ ބައެއް ޓީމުތައް މިއަދުގެ ވަޤުތެއްގައި ވަނީ ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ ތުޅާދޫއަށް ގޮސްފައެވެ. “ސަލަފް ރިޙްލާ 2026″ގައި ފެސިލިޓޭޓަރުންނާއި އެހީތެރިން ހިމެނޭގެން ޖުމްލަ 50އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވާނެއެވެ. މީގެ ތެރޭގައި ދީނީ ޢިލްމުވެރިންނާ، ފަންނީ ބޭފުޅުންނާއި އަދި ޑޮކްޓަރުންވެސް ހިމެނެއެވެ.
މިއަހަރުގެ ސަލަފް ރިޙްލާގެ މެއިން ސްޕޮންސަރަކީ އެލިއާ އިންވެސްޓްމަންޓްއެވެ. ކޯސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ މެޑިފްލެކްސް ޑެންޓަލް އެންޑް މެކްސިލޮފޭޝަލް ސާޖަރީ، ސޯސަން ފިހާރަ، ރެޑްވޭވް އަދި ހިޖާޒް ޙައްޖު އެންޑް ޢުމްރާއެވެ. މީޑިއާ ޕާޓްނަރުގެ ގޮތުގައި އޭދަފުށި ޓައިމްސް (އީޓީ) ހަމަޖައްސާފައިވާއިރު ބްރޯޑްކާސްޓިންގ ޕާރޓްނަރަކަށް ހަމަޖައްސާފައިވަނީ ދާރިސް ޓީވީއެވެ.

