1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ގިނަ ޙަރަކާތްތަކެއް ވަނީ ފަށާފައެވެ.
މި ގޮތުން އެންމެ ފާހަގަކޮށްލެވޭ ޙަރަކާތްތަކަކީ:
1- ސަލަފު ރޯދަ ހަދިޔާ: މިއީ ފާއިތުވި 1446ވަނަ އަހަރު ފެށުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން އެ މަސް ފެށެން ކައިރިވުމާއެކު ބޭއްވޭ ހަދިޔާ ދިނުމުގެ ބޮޑު އިވެންޓެކެވެ. ޖުމުލަ 101 އިނާމާއެކު ބޭއްވޭ މި އިވެންޓުގައި އަގުހުރި ތަފާތު އިނާމުތައް އިވެންޓަށް ޙާޟިރުވާފަރާތްތަކަށާއި އަދި އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ނަގައިގެން ދިމާވާ ފަރާތްތަކަށް ހަދިޔާ ކުރެވެއެވެ. މި އަހަރު ރޯދަ ހަދިޔާ އިވެންޓު ބާއްވާފައިވަނީ ފެބްއަރީ 13 ވަނަ ދުވަހު ރޭގަނޑު، ހުޅުމާލެ ސެންޓަރަލް ޕާކުގައެވެ. 4000 އަށް ވުރެ ގިނަ މީހުން ބައިވެރިވި މި އިވެންޓުގައި އެއްވަނަ ހަދިޔާއަކަށް މިފަހަރު ސަލަފުން ދިނީ ޙައްޖު ދަތުރެކެވެ. އޭގެ އިތުރުން ސައިކަލަކާއި ޢުމުރާ ދަތުރަކާއި އަދިވެސް އަގުހުރި ބޮޑު ހަތް ހަދިޔާއެއް ގުރުއަތުން ދިމާވި ފަރާތްތަކަށް ވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން، އޮންލައިނުކޮށްނާއި ޙާޟިރުވެގެން ބައިވެރިވެވޭގޮތަށް ހުޅުވާލި ބައިގައި ޖުމުލަ 18 ހާހަށްވުރެ ގިނަ ބައިވެރިން ބައިވެރި ވެފައިވެއެވެ. މީގެ ތެރެއިން އޮންލައިންކޮށް މުޅި ރާއްޖެއިން ބައިވެރިވި ޢަދަދު 15 ހާހަށްވުރެ ގިނަކަން ފާހަގަކުރަމެވެ. މިބައިން ޖުމުލަ 90 ހަދިޔާ ބައިވެރިންނަށް ހަދިޔާކުރެވިފައިވެއެވެ. 18 ހާހަށްވުރެ ގިނަ މީހުން ބައިވެރިވި މި ޙަރަކާތުގައި ޚާއްޞަ ފޯރަމެއް ކުރިއަށް ގެންދެވުނެވެ. “ރޯދަވެރިޔާގެ އަޚުލާޤު” މި މަޢުލޫގެ މައްޗަށް އަލިއަޅުވާލައި ކުރިއަށްގެންދެވުނު ފޯރަމުގައި މަޢުލޫމާތު ދެއްވީ، އައްޝައިޚް އަޙްމަދު ސަމީރު، އައްޝައިޚް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ އިތުރުން އައްޝައިޚް ޙަސަން މޫސާ ފިކުރީއެވެ. ފޯރަމްގެ މޮޑަރޭޓަރެއްގެ ގޮތުގައި އައްޝައިޚް މުޖުތަބާ ޙަމީދު ބައިވެރިވެލެއްވި މި ޕްރޮގްރާމު ކުރިއަށް ގެންދެވުނީ ޢާންމުންނަށް ސުވާލުކުރުމުގެ ފުރުޞަތު ހުޅުވާލައިގެންނެވެ. ސަލަފު ރޯދަ ހަދިޔާ، މި އިވެންޓަކީ، ހެޔޮއެދޭ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާ އެއްބާރުލުމާއެކު ކުރިއަށް ގެންދެވުނު ބޮޑު އިވެންޓެކެވެ. އެގޮތުން، މި އިވެންޓުގައި ބައިވެރިންނަށް ހަދިޔާގެ ގޮތުގައި ދެވިފައިވާ ތަކެއްޗަކީ އެފަރާތްތަކުން ހަދިޔާކޮށްފައިވާ ތަކެތިކަން މިފުރުޞަތުގައި ފާހަގަކުރަމެވެ. އެކަމަށްޓަކައި އެ އެންމެހާ ފަރާތްތަކަށް ޖަމްޢިއްޔަތުއްސަލަފުން ޝުކުރުއަދާކުރަމެވެ.
2- ވާބިލު: މިއީ ކޮންމެ ރޯދަމަހަކުވެސް ނިކަމެތި ޢާއިލާތަކަށް ރޯދަމަހަށް ބޭނުންވާ އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ސަލަފު އެއިޑުން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ކޮންމެ ޢާއިލާއަކަށްވެސް ވައުޗާ ދޫކުރެއެވެ. އެ ވައުޗާތައް ބޭނުންކޮށްގެ ރެޑްވޭވުގެ 3 ފިހާރައަކުން ގެއަށް ބޭނުންވާ ތަކެތި ދޫކުރެވޭނެއެވެ. މިއަހަރުގެ ވާބިލު ޕްރޮގްރާމުގައި، މިހާތަނަށް 61ޢާއިލާއަކަށް ވަނީ ވައުޗާ ދޫކުރެވިފައެވެ.
3- ހަދާޔާ: މިއީ ހަސްފަތާލުތަކުގައި ޑިއުޓީގައި ތިއްބަވާ ނަރުހުންނާއި ޑޮކްޓަރުން އަދި ބަލިމީހުންގެ އެހީތެރިންނަށް ރޯދަވީލުމަށް ދޭ ހަދިޔާ ޕެކެކެވެ. މި ޕްރޮގްރާމުގެ ދަށުން ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ސަރުކާރުގެ މައި ހަސްފަތާލު އައި.ޖީ.އެމް.އެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ރޯދަވީލުމަށް ޚާއްޞަ މި ޕެކް ބެހުން ކުރިއަށް ގެންދެވެއެވެ. މި ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަސް ފާއިތުވެގެން ދިޔައިރު އައި.ޖީ.އެމް.އެޗް ގައި 3650 ހަދިޔާ ޕެކް އަދި ހުޅުމާލެ ހޮސްޕޮޓަލުގައި 2100 ހަދިޔާ ޕެކް ވަނީ ބަހާފައެވެ. އަދި މި ޕްރޮގްރާމް، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައިވެސް ކުރިއަށްގެންދެވޭކަން ފާހަގަކުރަމެވެ.
4- ރޯދަ ސުފުރާ: ކޮންމެ ރަމަޟާން މަހަކުވެސް ސަލަފުގެ ފަރާތުން ހުޅުމާލެ ފޭސް 2 ގެ މަސްޖިދު އަބޫބަކުރު އައްޞިއްދީޤާއި މާލޭގެ އިސްލާމީ މަރުކަޒުގައި ރޯދަވީއްލުމަށް ސުފުރާއަޅައެވެ. އެވުރެޖުކޮށް ހުޅުމާލެ މިސްކިތުގައި ދުވާލަކަށް 50 ވުރެ ގިނަ މީހުންނަށް ރޯދަވީލުމުގެ ޚިދުމަތް ފޯރުކޮށްދޭއިރު އިސްލާމީ މަރުކަޒުގައި އެވުރެޖްކޮން ދުވާލަކު 400 މީހުންނަށް ރޯދަވީލުމުގެ ޚިދުމަތް ފޯރުކޮށްދެވެއެވެ.
5- މިސްކިތު ދަރުސް: ރަމަޟާން މަހު ކޮންމެ ދުވަހަކު މާލޭގެ ފުރުޤާން މިސްކިތުގައި ޢަޞްރު ނަމާދު ފަހުން ސިލްސިލާކޮށް ދަރުސް ބާއްވައެވެ. 30 މިނެޓަށް ކޮންމެ ދުވަހަ ކުރިއަށްދާ މި ސިލްސިލާ މިއަހަރު ކުރިއަށް ގެންދަނީ ” ދުޢާ” މި ނަމުގައެވެ. މި ގޮތަށް ރަމަޟާން މަހު އަޞްރު ފަހުން ފުރުޤާން މިސްކިތުގައި ދަރުސް ސިލްސިލާ ކުރިއަށް ގެންދާތާ 11 އަހަރުވަނީ ވެފައެވެ. އަދި މިއަހަރު ހުޅުމާލެ މަސްޖިދު ރަޝީދުގައި ކޮންމެ ދެދުވަހުން އެއްދުވަހުވެސް ދަރުސްތައް ކުރިއަށް ގެންދެވެއެވެ.
6- ސަލަފު ހަފްތާ ބަންދު ދަރުސް: މިއީ އަހަރުގެ ކޮންމެ ހަފްތާ ބަންދެއްގައި ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕޮރޮގްރާމެކެވެ. ރަމަޟާންމަހު ހަފްތާގެ ތެރޭގެ ބައެއް ދުވަސްތަކާއި ހަފްތާ ބަންދުގައިވެސް މި ޕްރޮގްރާމު ކުރިއަށްގެންދެވެއެވެ. މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދިހައެއް ނިމުނު އިރު، ޖުމުލަ 17 ރަށެއްގައި ވަނީ ހޭލުންތެރިކުރުމުގެ ޕުރޮގްރާމުތައް ކުރިއަށް ގެންދެވިފައެވެ. އެއީ އއ.ތޮއްޑޫ، މ.މުލީ، މަޑުއްވަރީ، ވޭވަށް، ދިއްގަރު، ކ.ގުރައިދޫ، ދ.ކުޑަހުވަދޫ، ޅ.ހިންނަވަރު، ބ.ދަރަވަންދޫ، ހއ.ހޯރަފުށި، އުތީމު، ވަށަފަރު، ކެލާ، ހދ.ނޭކުރެއްދޫ، ގއ.ވިލިގިލި، ދެއްވަދޫ އަދި އއ.މާމިއިގިއްޔެވެ. މިތަނުން މާމިއިގިއްޔާއި ދިއްގަރުގައި ސަލަފު ފޯރަމުގެ ދެ ފޯރަމް ވަނީ ގެންދެވިފައެވެ.
7- މީސްމިޑިޔާގެ ކުއިޒު: މި އަހަރުވެސް ސަލަފުގެ ފޭސްބުކު ޕޭޖް މެދުވެރިކޮށް “ސަލަފު ރޯދަ ސުވާލު މުބާރާތް” މިއަހަރުވެސް ކުރިއަށް ގެންދެވެއެވެ. މިއީ، ޖަމްޢިއްޔާގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް ކުރިއަށްގެންދެވޭ މުބާރާތެކެވެ. 13 އަހަރުން މައްޗަށް ޚާއްޞަކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މިއަހަރު އިނާމަކީ ދުވާލަކު 150 ރުފިޔާއެވެ. ރަނގަޅު ޖަވާބު ދިމާކުރައްވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހޮވޭ އެއްފަރާތަކަށް ކޮންމެ ދުވަހަކުވެސް 150 ރުފިޔާ އަންނަނީ ހަދިޔާ ކުރަމުންނެވެ. މިއާއެކު އިނގިރޭސި ބަހުން “ޑޯން ޓު ޑަސްކް” ގެ ނަމުގައި މަދަރުސާ ކުދިންނަށް ޚާއްޞަކޮށްގެން ސުވާލު މުބާރާތެއް ކުރިއަށް ގެންދެވެއެވެ. މި ކުއިޒުގައި ރަނގަޅު ޖަވާބު ދިމާކުރާ ކުދިންގެ މެދުގައި ގުރުއަތުން ދިމާވާ ކުއްޖަކަށް، ޕިއްޒާއެއް ހަދިޔާ ކުރެވެއެވެ. މި މުބާރާތުގެ އިނާމު ސްޕޮންސަރ ކޮށްފައިވަނީ ޑަންކް އެންޑް ޑިޕްގެ ފަރާތުންނެވެ.
8- ބިދޭސީންނަށް ޚާއްޞަ ދަރުސް: ރާއްޖޭގައި މަސައްކަތްކުރާ ބަންގުލަދޭޝްގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން، ބަންގާޅު ބަހުން ދަރުސް ޕްރޮގްރާމެއް މިއަހަރު މިވަނީ ފެށިފައެވެ. ބަންގާޅު ބަހުން، އެ ޤައުމުގެ ޢިލްމުވެރިއެއް ރާއްޖެ ގެނެސްގެން ކުރިއަށްގެންދާ މި ދަރުސްތައް މި ރަމަޟާންމަހުގެ ކޮންމެ ދުވަހަކު، ޢަޞުރު ނަމާދަށްފަހު، ވިޔަފާރިވެރިންގެ މިސްކިތުގައި ކުރިއަށް ގެންދެވެއެވެ. އަދި ހަމައެއާއެކު، ސަލްމާން މިސްކިތުގެ ގޯތިތެރޭގައި ކުރިއަށްގެންދާ ރޯދަވީއްލުމުގެ ޕްރޮގްރާމުގައި، އެތަނަށް ޙާޟިރުވާ ބަންގްލަދޭޝް ރައްޔިތުންނަށްވެސް ދަރުސްތައް ކުރިއަށް ގެންދެވޭކަން ފާހަގަކުރަމެވެ.
މީގެ ކުރިން 1438 ވަނަ އަހަރުވެސް އަޅުގަނޑުމެންވަނީ މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައެވެ.

