“ސަލަފް ރިޙްލާ 2026” އިފްތިތާޙުކުރުމުގެ ޚާއްޞަ ރަސްމިއްޔާތު މިރޭ 8:30 ގައި ބ. ތުޅާދޫ ސުކޫލު ހޯލުގައި އޮންނާނެއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްގެންދާ މި ރިޙްލާ ޕްރޮގްރާމް، މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މިރޭ ބާއްވާ އިފްތިތާޙީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙުމަދު އަފްރާޙުއެވެ. ތުޅާދޫގެ ހުރިހާ ރައްޔިތުންނަށްވެސް މި ރަސްމިއްޔާތަށް މިހާރު ވަނީ ދަޢުވަތު އަރުވާފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން “އޭ ދަރިފުޅާއެވެ!” ނަމުގައި ވަރަށް ޚާއްޞަ ފޯރަމެއް ކުރިއަށްދާނެއެވެ. މި ފޯރަމްގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެލައްވާނީ ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމްއާއި، އެ ޖަމްޢިއްޔާގެ ނައިބު ރައީސް އަދި ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. އަދި ފޯރަމް މޮޑަރޭޓްކޮށްދެއްވާނީ (ހުށައަޅުއްވައިދެއްވާނީ) ޖަމްޢިއްޔާގެ ދަޢުވާ މެނޭޖަރ (އެޓޯލް ޑިވިޝަން) އަދި ޢިލްމުވެރީންގެ މަޖިލީހުގެ މެންބަރު އައްޝައިޚް މުޖުތަބާ ޙަމީދުއެވެ.
ރަސްމީކޮށް ސަލަފް ރިޙްލާ މިރޭ ފަށާގޮތަށް ހަމަޖެހިފައިވީ ނަމަވެސް، މިއަދު ހެނދުނު ރިޙްލާގެ ޙަރަކާތްތައް ވަނީ ފެށިފައެވެ. މިގޮތުން ކިހާދޫ، ކެންދޫ، ކުޑަރިކިލު، ގޮއިދޫ، ތުޅާދޫ، ދަރަވަންދޫ އަދި އޭދަފުށީގައިވެސް ވަނީ ޙަރަކާތްތައް ކުރިއަށްގެންދެވިފައެވެ. އަދި މީގެ އިތުރުން “ކޮފީ ވިތް ޝައިޚް”ގެ ނަމުގައި ޒުވާނުންނަށް ޚާއްޞަކޮށްގެން މިއަދު ހަވީރު ތުޅާދޫގައިވަނީ ޚާއްޞަ ޕްރޮގްރާމެއް ކުރިއަށްގެންގޮއްސައެވެ. މި ޕްރޮގްރާމުގައިވެސް ބައިވެރިވެލެއްވީ މިރޭގެ ފޯރަމްގައި ބައިވެރިވެލައްވާ ތިން ބޭފުޅުންނެވެ. މި ކޮފީގެ ތެރެއިން ޒުވާނުންނަށް ދީނީ ގޮތުން މަޢުލޫމާތު އޮޅުންފިލުވުމަށް ސުވާލުކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.
މިއަހަރުގެ ރިޙްލާ ރާވާ ހިންގުމުގައި ރަށްރަށުގެ ރަށުކައުންސިލްތަކުގެ އިތުރުން ފޭލި ޖަމްޢިއްޔާއާއި، ހިތާދޫ އައިލެންޑް މޫވްމަންޓް (ހިމް) އިން ދެމުންދާ އެހީތެރިކަން ޖަމްޢިއްޔަތުއްސަލަފުން ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރެއެވެ.
މިއަހަރުގެ ސަލަފް ރިޙްލާގެ މެއިން ސްޕޮންސަރަކީ އެލިއާ އިންވެސްޓްމަންޓްއެވެ. ކޯ-ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ މެޑިފްލެކްސް ޑެންޓަލް އެންޑް މެކްސިލޮފޭޝަލް ސާޖަރީ، ސޯސަން ފިހާރަ، ރެޑްވޭވް އަދި ހިޖާޒް ޙައްޖު އެންޑް ޢުމްރާއެވެ. މީޑިއާ ޕާޓްނަރަކަށް “އޭދަފުށި ޓައިމްސް” (އީޓީ) ހަމަޖައްސާފައިވާއިރު، ބްރޯޑްކާސްޓިންގ ޕާޓްނަރަކީ “ދާރިސް ޓީވީ” އެވެ.

