މިއަހަރު މާޅޮސްމަޑުލު ދެކުނުބުރީ (ބ. އަތޮޅު) މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްގެންދާ “ސަލަފް ރިޙްލާ 2026” ރަސްމީކޮށް އިފްތިތާޙު ކުރެވިއްޖެއެވެ. މިއަހަރުގެ ރިޙްލާ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ، ރޭ ތުޅާދޫ މަދަރުސާގެ ހޯލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ތުޅާދޫ ކައުންސިލްގެ މެންބަރު އަލްފާޟިލާ ޝިފްނާ ރަޝާދުއެވެ.
މި ރަސްމިއްޔާތުގައި ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމް އާއި ނައިބު ރައީސް އަދި ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުގެ އިތުރުން ޖަމްޢިއްޔާގެ ބައެއް އިސްބޭފުޅުންނާއި ފެސިލިޓޭޓަރުންގެ އިތުރުން ތުޅާދޫ ކައުންސިލްގެ މެންބަރުންނާއި މަދަރުސާގެ ދަރިވަރުންގެ އިތުރުން ތުޅާދޫގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވިއެވެ.

އިފްތިތާޙުކުރުމުގެ ގޮތުން ބޭއްވުނު މި ރަސްމިއްޔާތުގައި ޖަމްޢިއްޔަތުއްސަލަފާ ބެހޭ ޚާއްޞަ ވީޑިއޯ ރިޕޯޓަކާއި އަދި “ސަލަފް ރިޙްލާ” އާ ބެހޭ ޚާއްޞަ ވީޑިއޯ ރިޕޯޓެއް ހުށައަޅާފައިވެއެވެ.
“ސަލަފް ރިޙްލާ 2026” އިފްތިތާޙުކުރުމުގެ ރަސްމިއްޔާތަށްފަހު ވަނީ ޚާއްޞަ ފޯރަމްއެއް ބޭއްވިފައެވެ. “އޭ ދަރިފުޅާއެވެ!” ނަމުގައި ބޭއްވުނު މި ފޯރަމްގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެލެއްވީ ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމްއާއި، ނައިބު ރައީސް އަދި ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. އަދި ފޯރަމް ހުށައަޅުއްވައިދެއްވީ ޖަމްޢިއްޔާގެ ދަޢުވާ މެނޭޖަރ (އެޓޯލް ޑިވިޝަން) އަދި ޢިލްމުވެރީންގެ މަޖިލީހުގެ މެންބަރު އައްޝައިޚް މުޖުތަބާ ޙަމީދުއެވެ.

މިއަހަރުގެ ރިޙްލާ ރާވާ ހިންގުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވަމުން ގެންދަވަނީ ރަށްރަށުގެ ރަށުކައުންސިލްތަކާ ގުޅިގެން ފޭލި ޖަމްޢިއްޔާއާއި، ހިތާދޫ އައިލެންޑް މޫވްމަންޓް (ހިމް) އިންނެވެ.
މިއަހަރުގެ ސަލަފް ރިޙްލާގެ މެއިން ސްޕޮންސަރަކީ އެލިއާ އިންވެސްޓްމަންޓްއެވެ. ކޯ-ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ މެޑިފްލެކްސް ޑެންޓަލް އެންޑް މެކްސިލޮފޭޝަލް ސާޖަރީ، ސޯސަން ފިހާރަ، ރެޑްވޭވް އަދި ހިޖާޒް ޙައްޖު އެންޑް ޢުމްރާއެވެ. މީޑިއާ ޕާޓްނަރަކަށް “އޭދަފުށި ޓައިމްސް” (އީޓީ) ހަމަޖައްސާފައިވާއިރު، ބްރޯޑްކާސްޓިންގ ޕާޓްނަރަކީ “ދާރިސް ޓީވީ” އެވެ.

