ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވާ ބައެއްގެ ޙައިސިއްޔަތުން، އަޅުގަނޑުމެންނަށް ޚާއްޞަ ޑްރެސްކޯޑެއް އެއިލާހު ކަނޑައަޅުއްވާ ދެއްވާފައިވާ ކަމަށާއި، އެ ޑްރެސްކޯޑާ ޚިލާފަށް، އެއްވެސް މުއައްސަސާއަކުން، އެއްވެސް އިދާރާއަކުންވެސް ޑްރެސްކޯޑެއް ނުހެދޭނެ ކަމަށް، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ދާރިސްޓީވީ އިން، ރޭ ވަޤުތުން ކުރިއަށްގެންދިޔަ “ސުވާލަކީ ކޮބާ” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ޝައިޚް ވިދާޅުވެފައިވަނީ، “އަޅުގަނޑުމެން އިސްލާމުންގެ ޙައިސިއްޔަތުން، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވާ ބައެއްގެ ޙައިސިއްޔަތުން، އަޅުގަނޑުމެންނަށް އެބައޮވޭ އިލާހީ ޑްރެސްކޯޑެއް، ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މައްޗަށް ޝަރުޢު ކުރައްވާފައިއޮތް ޑްރެސްކޯޑެއް އެބައޮވޭ، އެއީ އެއްވެސް ތަނެއްގައި އެއްވެސް މުއައްސަސާއެއްގައި، އެއްވެސް ކުންފުންޏެއްގައި، އެއްވެސް އިދާރާއެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ކަނޑައަޅުއްވާފައިވާ ޑްރެސްކޯޑާ ޚިލާފަކަށެއް ޑްރެސް ކޯޑެއް ނުހެދޭނެ” ކަމަށެވެ.
އަޅުގަނޑުމެން ދުނިޔެއަށް ފޮނުވާފައިވަނީ ﷲ އެންގެވި ގޮތަށް އުޅެން ކަމަށްވުމާއެކު، އަޅުގަނޑުމެން ހަދާ ޔުނީފޯމު ކޯޑާއި ޤާނޫނުތަކާއި ޤަވާޢިދުތަކާއި އަދި އުސޫލުތައްވެސް ހުންނަންވާނީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ކަނޑައަޅުއްވާފައިވާ ޝަރީޢަތުގައި ބަޔާންކުރައްވާފައިވާ އަސާސްތަކާއި އުސޫލުތަކާއި ހަމަތަކާ ޚިލާފު ނުވާގޮތަށް ކަމުގައި ޝައިޚު ވިދާޅުވިއެވެ. އަދި އެ އުސޫލުތަކާ ޚިލާފަށް ޤާނޫނާއި ޤަވާޢިދުތައް ހެދުމަކީ އެއްވެސް މީހަކަށް ލިބިފައިވާ ޙައްޤެއް ނޫންކަމުގައި ފާހަގަކުރައްވަމުން، ޝައިޚު ވިދާޅުވީ، އެ ޝަރީޢަތާ ޚިލާފަށް ޤާނޫނާއި ޤަވާޢިދުތަކާއި އުސޫލުތައް ހެދުމަކީ ދިވެހިރާއްޖޭގެ ޤާނުނު އަސާސީގައިވެސް މަނާކޮށްފައިވާ ކަމެއްކަމަށެވެ.
“ﷲ އެންގެވި ގޮތަށް ދުނިޔޭގައި އުޅެން އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވާފައި މިތިބީ، އެހެންވީމާ، އަޅުގަނޑުމެން ހަދާ ކޮންމެ ޔުނީފޯމު ކޯޑެއްވިޔަސް، އަދި ހަދާ ކޮންމެ ޤާނޫނެއްވިޔަސް، ޤަވާޢިދެއްވިޔަސް، އުސޫލެއްވިޔަސް މިހުރިހާ އެއްޗެއް ހިމެނެންޖެހޭނީ އަޅުގަނޑުމެންގެ ދާއިރާގެ ތެރޭގައި. އޭގެ މާނައަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ޝަރީޢަތުގައި ކަނޑައަޅުއްވައި ބަޔާންކުރައްވާފައިވާފައި ހުރި އަސާސްތަކާއި އުސޫލުތަކާއި ހަމަތަކާއި ޚިލާފަކަށް އެއްވެސް އުސޫލެއް ނުހެދޭނެއޭ! އެއީ އެއްވެސް މީހަކަށް ލިބިފައިވާ ޙައްޤެއް ނޫން އަސްލު! މިއީ އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ ހަމައަކީ، މިކަން އަޅުގަނޑު މި ދަންނަވަނީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައިވެސް އޮތީ ސާފުކޮށް ބުނެފައޭ، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފަކަށް ޤާނޫނެއް ނުހެދޭނެއޭ” ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ޤާނޫނުތައް ހެދުމާ، އިސްލާޙުކުރުމާ، ބޭނުންވެއްޖެ ހިނދެއްގައި ބަދަލުކުރުމާ މިކަންކަން އެބައެއްގެ މެންޑޭޓުގައި ހިމެނިގެން ޙަވާލުކުރެވިފައިވާ ބަޔަކީ ރައްޔިތުންގެ މަޖިލީސް ކަމަށާއި، އެ ފަރާތަށް މަތިކޮށްފައިވާ މި މަތިކުރުމުގައިވެސް ސާފު ޞަރީޙަ ބަހުން އިސްލާމްދީނުގެ އަސްލުތަކާ ޚިލާފަށް ޤާނޫނާއި ޤަވާޢިދާއި އުސޫލުތައްވެސް ހެދުމަކީ މަނާކަމެއްކަން ބުނެފައިވާކަން ޝައިޚުގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، މި ޤާނޫނުތަކުގައި ލިޔެވިފައި މި ވަނީވެސް، އަޅުގަނޑުމެން މުސްލިމުންގެ ޙައިސިއްޔަތުން ޤަބޫލުކޮށް ބަލައިގެންފައިވާ ހަމަތަށް ކަމުގައިވިޔަސް، އެ ޤާނޫނުގައި އެ އުސޫލުތައް ހިމެނިފައި އޮތަސް ނެތަސް އަޅުގަނޑުމެން އުޅެން ޖެހޭނީ ޤުރުއާނުގައި ހުރި ހަމައިގެ ތެރޭގައި ކަމުގައި ވިދާޅުވިއެވެ.
“މި ނުކުތާ އަޅުގަނޑު މި ފާހަގަކޮށްލަނީ، މިއީ އަޅުގަނޑުމެން އިސްލާމުންގެ ޙައިސިއްޔަތުން، ޤަބޫލުކޮށްފައި ހުރި ހަމަތަކޭ، އަޅުގަނޑުމެންގެ ތެރޭގައި މި ލިޔެވިފައި މިހުރީވެސް. އެހެންވީމައި މި ހަމަ އަދި ލިޔެވިފައި އޮތަސް އަދި ނެތަސް ޤުރުއާނުގައި ހުރި ހަމައިގެ ތެރޭގައި އަޅުގަނޑުމެން އުޅެންޖެހޭނީ. މި ހަމަ މިއީ އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ މިންގަނޑަކީ، ޤަބޫލުކުރަން ޖެހޭ މިންގަނޑަކީ. އެއީ އާންމުކޮށް އިންސާނުން މި ކަނޑައަޅާ އުސޫލުތައް އިސްލާމުންގެ ޙައިސިއްޔަތުން އެ މިން ފަހަނައަޅައި ގޮއްސާނެތީ އަސްލު މި ކަންކަން މި ލިޔެވި ކަށަވަރު ކުރެވިފައި ހުންނަން މިޖެހެނީ! އެގޮތުން މި ރައްޔިތުންގެ މަޖިލީހުގެ ޒިންމާގެ ބާބުގައި ބަޔާންކޮށްފައި އެބައޮވޭ، ރައްޔިތުންގެ މަޖިލީހުން، އިސްލާމްދީނުގެ އަސްލަކާ ޚިލާފަސް ޤާނޫނެއް ފާސްކޮށްގެން ނުވާނޭ! އަސްލު އަޅުގަނޑުމެންނަށް ޤާނޫނު އަސާސީން، ޤާނޫނު އަސާސީން އެބަބުނޭ ކޮބައިކަން “އަސްލަކީ”، މާނަކުރުމުގެ ބާބުގައި މާއްދާގައި އެބަ ބުނޭ “އަސްލަކީ” ކޯއްޗެއްކަން. އަދި އިސްލާމީ ޝަރީޢަތަކީ ކޯއްޗެއްކަން. ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ބަޔާންކުރައްވާފައިވާ ކަންކަމާ އަދި މި ދެ އަސްލުން ސާބިތުކޮށްދޭ އެހެނިހެން އަސްލުތަކާ މި ވާހަކަ އެބައޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައި.” ތަފްޞީލުކޮށްދެއްވަމުން ޝައިޚު ވިދާޅުވިއެވެ.
މީގެ އިތުރުން، “އަޅުގަނޑުމެންގެ ޢާންމު ޔުނިފޯމު ކޯޑު، އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބިމުގައި، އެއިލާހުގެ ރިޒްޤު ކައިގެން، އެ އިލާހަށް ޝުކުރުކުރާ އަޅެއްގެ ގޮތުގައި އުޅޭ މީހާ އުޅެން ކަނޑައަޅާފައި އޮތް ޢާންމު ގައިޑްލައިނާ ޚިލާފަށް އެއްވެސް މީހަކަށެއް ގައިޑްލައިނެއް ނުހެދޭނެ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކަށް، އިސްލާމަކަށްވީތީ އެނގެންޖެހޭނެ ކަންކަން. ތިމަންނަމެންނަކަށް ނުހެދޭނެކަން އެއްވެސް އުސޫލެއް، ﷲގެ ޝަރީޢަތާ ޚިލާފަކަށް، ﷲގެ ދީނާ ޚިލާފަކަށެއް އުސޫލެއް ނުހެދޭނެކަން ތިމަންނަމެންނަކަށެއް. މިތާންގައި ތިމަންނަގެ މި ކުންފުނީގައި ވަޒީފައި އަދާކުރާ މީހާ އަންނަން ޖެހޭނީ މިވެނި ހެދުމެއް ލައިގެންނެ. އޭނައަކަށް ނޭނގޭނެ، ﷲ އާ ޚިލާފުވާކަށެއް.” އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވިއެވެ.
ކޮންމެ ހަފްތާގެވެސް ހޯމަދުވަހުގެ ރޭ، 9ޖަހާއިރު ދާރިސް ޓީވީއިން ވަޤުތުން ފޮނުވާ “ސުވާލަކީ ކޮބާ” މި ޕްރޮގްރާމަކީ، ޢާންމުންނަށް ދީނުގެ ކަންކަން އޮޅުންފިލުވާދިނުމުގެ ގޮތުން، ވަޤުތުން ސުވާލުކުރެވޭގޮތަށް، ޖަމްޢިއްޔަތުއްސަލަފާއި ދާރިސް ޓީވީ އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

