ޖަމްޢިއްޔަތުއްސަލަފުން އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއެކޮށްފިއެވެ. ދީނީ އިޖުތިމާޢީ ހޭލުންތެރިކަން ފެތުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން ޤާއިމުކުރެވުނު މި ފަހުމުނާމާގެ މުއްދަތަކީ 4 އަހަރެވެ.
މި ފަހުމުނާމާގައި ސޮއެކުރެވުނީ، ހިމަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން ހިމަންދޫ ޔޫތް މޫވްމަންޓް ޖަމްޢިއްޔާއާއި ހިމަންދޫ ކުލަބް ނިއު ފްރެންޑްސް ގުޅިގެން މިހަފްތާގައި އެ ރަށުގައި ކުރިއަށްގެންދާ “ހަފްތާ ބަންދު ދަރުސް” ޕްރޮގްރާމުގައި ބޭއްވުނު ރީތިކޮށް ބަންގި ގޮވަން ދަސްކޮށްދޭ ވޯކްޝޮޕް ނިންމުމުގެ ގޮތުން ސެޓްފިކެޓް ދިނުމަށް، ރޭ، ހިމަންދޫ ސުކޫލު ހޯލުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ހިމަންދޫ ކައުންސިލާއެކު މި ސޮއެކުރެވުނު ފަހުމުނާމާގެ ދަށުން، ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އިޖުތިމާޢީ އެކިއެކި މަސައްކަތު ބައްދަލުވުންތައް ހިންގައިދިނުމާ، ކޮންމެ 3 މަހަކުން އެ ކައުންސިލާގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ޖަމްޢިއްޔާގެ ޢިލްމުވެރިން ހިމަންދޫއަށް ފޮނުވައިދިނުން ހިމެނެއެވެ. އަދި ކައުންސިލުން އެދިއްޖެ ޙާލަތެއްގައި، ޝަރުޢީގޮތުން އެކި ކަންކަމުގައި، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރީންގެ މަޖިލީސް މެދުވެރިކޮށް ލަފާއެރުވުންވެސް މި ފަހުމުނާމާގައި އެއްބަސްވެވުނު ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ހަމައެއާއެކު މި ޕްރޮގްރާމްތައް ހިންގުމުގައި ކައުންސިލްގެ ފަރާތުން ކުރަންޖެހޭ ކަންތައްތައްވެސް މި ފަހުމުނާމާގައި ބަޔާންކޮށްފައިވެއެވެ.
ކައުންސިލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއެކުރެއްވީ، އެ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އަކުރަމް އަޙްމަދުއެވެ. އަދި ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ސޮއެކުރެއްވީ، ދަޢުވާ މެނޭޖަރ އެޓޯލް ޑިވިޝަން، އައްޝައިޚް މުޖުތަބާ ޙަމީދުއެވެ.
“ހަފްތާ ބަންދު ދަރުސް” ޕްރޮގްރާމްގައި އއ. ހިމަންދުއަށް ވަޑައިގެންނެވީ އައްޝައިޚް ޝިރުހާން ޢަލީ އާއި އައްޝައިޚް މުޖުތަބާ ޙަމީދުއެވެ. މި ޕްރޮގްރާމުގައި މިސްކިތުގައި ޢާންމުންނަށް ހުޅުވާލައިގެން ބޭއްވުނު ދަރުސްތަކުގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ރީތިކޮށް ބަންގި ގޮވަން ދަސްކޮށްދޭ ޚާއްޞަ ވޯކްޝޮޕެއް ވަނީ ބޭއްވިފައެވެ. މި ވޯކްޝޮޕް ނަންގަވައިދެއްވީ އައްޝައިޚް ޝިރުހާން ޢަލީއެވެ.

