މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2026 މި އޮގަސްޓްމަހުގެ 13ވަނަ ދުވަހު ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވާން ފެށިއްޖެއެވެ. ދެ ދުވަހުގެ މުއްދަތައް ބާއްވާ މި މަހާސިންތާ ކުރިއަށްދާނީ މި އޮގަސްޓް މަހުގެ 13 އަދި 14ގައެވެ.
ޢާންމުކޮށް ހުރިހާ ދާއިރާއެއްގެ މަދަނީ ޖަމްޢިއްޔާތަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ މި މަހާސިންތާގައި ބައިވެރިވުމަށް ޖުމްލަ 34 ޖަމްޢިއްޔާއަކުން މިހާތަނަށް ވަނީ ފޯމު ހުށައަޅާފައެވެ.
ފޯމު ހުށައަޅާފައިވާ ޖަމްޢިއްޔާތަކުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ނިސްބަތްވާ ޖަމްޢިއްޔާތަކާއި، އަންހެނުންނަށް ޚާއްޞަކޮށް ޙަރަކާތްތައް އިންތިޒާމްކުރާ ޖަމްޢިއްޔާތަކާއި، ކުޅިވަރު ކުލަބުތަކާއި އެކި ދާއިރާތަކުގެ މަދަނީ ޖަމްޢިއްޔާތައް ހިމެނެއެވެ.
“ގުޅިގެން އޯގާތެރި މުޖުތަމަޢަކަށް” މި ޝިޢާރުގެ ދަށުން މާލޭސިޓީގެ ދާރުލްއާސާރު ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި، ލީޑަރޝިޕާއި، މާކެޓިންގއާއި، އައިޓީގެ އިތުރުން، އޭއައި އަދި ޝަރުޢީ ދާއިރާތަކާ ގުޅުންހުރި މުހިންމު ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ ބޭއްވުމުގެ މައިގަނޑު މަޤުޞަދާ ގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމް ވިދާޅުވީ އެއީ ޖަމްޢިއްޔާތަކުން ކުރަމުންދާ މުއައްސަސީ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ އެއްޖަމްޢިއްޔާ އަނެއް ޖަމްޢިއްޔާގެ ކިބައިން ތަޖުރިބާއާއި ހުނަރާ ފަންނީ ޤާބިލުކަން ލިބިގަތުން ކަމުގައެވެ. އަދި މުއައްސަސީކޮށް ކުރާ މަސައްކަތްތައް އިންތިޒާމުކުރުމުގައި ޖަމްޢިއްޔާތަކުގެ ހަކަތަ ބޭނުންކުރުމުގައި އޭގެ ފައިދާ އެންމެ ބޮޑުވާނެ ގޮތްބަލައިގެން ކަންކަން ކުރުމަށް އެހީތެރިވެވޭނެ މަގުތަށް ހޯދުންކަމުގައި، ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ވިދާޅުވިއެވެ.
“މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ” ބާއްވާ މިއީ 2 ވަނަ އަހަރެވެ. އެންމެ ފުރަތަމަ މަހާސިންތާ ބޭއްވިފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ 3ގައެވެ. އއ. މަތިވެރީގައި ބޭއްވި ފުރަތަމަ މަހާސިންތާގައި ބައިވެރިވި 19 ޖަމްޢިއްޔާގެ މެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށް، ފާއިތުވި ދެ އަހަރު ދުވަހު ގުޅިގެން ގިނަ ޙަރަކާތްތަކެއް ވަނީ ހިންގިފައެވެ.
މި އަހަރުގެ “މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2026” ޓައިޓަލް ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކްއެވެ. މެއިން ސްޕޮންސަރަކީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އެވެ، އަދި އޮފިޝަލް މީޑިއާ ޕާޓްނަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ ދާރިސް ޓީވީއެވެ.

