ޖަމްޢިއްޔަތުއްސަލަފުން، ކޮޅުމަޑުލު ދިޔަމިނގިލި ކައުންސިލާ ބައްދަލުކޮށްފިއެވެ. ރޭ، ޖަމްޢިއްޔަތުއްސަލަފުގެ އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި ދިޔަމިގިލި ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު މޫސާ، ނައިބުރައީސް އަލްފާޟިލް އަޙްމަދު ޒަހީންގެ އިތުރުން ސެކެޓްރީ ޖެނެރަލް އަލްފާޟިލް އާދަމް ޝަފީޤުއެވެ. ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ އެ ޖަމްޢިއްޔާގެ ނައިބުރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމްއާއި ދަޢުވާ މެނޭޖަރ އެޓޯލް ޑިވިޝަން، އައްޝައިޚް މުޖުތަބާ ޙަމީދުގެ އިތުރުން، ޖަމްޢިއްޔާގެ ކޮންޓެންޓް ކުރިއޭޓަރ އަލްފާޟިލް ފާހިދު ޢަބްދުލް މުޙުސިންއެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީ ޖަމްޢިއްޔަތުއްސަލަފާގުޅިގެން، ދިޔަމިނގިލީގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުންނެވެ. އަދި ދިޔަމިނގިލީގައި ލޯކަލް ޓޫރިޒަމް ތަޢާރަފްކުރުމުގެ މަސައްކަތްކުރެވެމުންދާތީ، އެކަމާމެދުވެސް މި ބައްދަލުކުރުމުގައި މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި އެހެނިހެން ޕްރޮގްރާމްތައް ހިންގުމާގުޅޭގޮތުން، ދެފަރާތުގެ މެދުގައި ފަހުމުނާމާއެއްގައި ސޮއެކުރުމާގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

