ފާދިއްޕޮޅު އަތޮޅުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޅ އަތޮޅަށް ޚާއްޞަކޮށް ކުރިއަށް ގެންދާ “ފާދިއްޕޮޅު ދަތުރު 2025” އަށް ސަލަފްގެ ޢިލްމުވެރިން އެއަތޮޅަށް މިއަދު ވަޑައިންފިއެވެ. މިއީ ފާދިއްޕޮޅުގައި މިޕްރޮގްރާމް ކުރިއަށް ގެންދެވޭ ދެވަނަ އަހަރެވެ.
ޅ. އަތޮޅު ނައިފަރު، ހިންނަވަރު، އޮޅުވެލިފުށި އަދި ކުރެންދޫގައި ކުރިއަށްގެންދާ މިޕްރޮގްރާމުގައި މިފަހަރު ބައިވެރިވެވަޑައިގަންނަވަނީ، ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރުގެ އިތުރުން ޖަމްޢިއްޔާގެ ދުޢާތުންގެ މަޖިލީހުގެ 3 މެމްބަރުންކަމުގައިވާ، އައްޝައިޚް އަޙްމަދު ފަޒާދު ފާއިޒު، އައްޝައިޚް ޙަސަން ފައިޞަލް އަދި އައްޝައިޚް މުޙައްމަދު ފަޒީލް އެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވޭ މި ޕްރޮގްރާމްގައި ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ހުރިހާ ޢުމުރުފުރައަކަށް ޢަމާޒުކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި، ޢާންމުކޮށް ހުރިހާ ރައްޔިތުންނަށް ހުޅުވާލެވިގެން ކޮންމެ ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުދަރުސް، ވަކި ވަކި ރަށްރަށުގެ މިސްކިތްތަކުގައި ޢިލްމުވެރިން ދެއްވާ ޚާއްޞަ މިސްކިތު ދަރުސްތައް، އިސްލާމީ މާލީ ނިޒާމާއި، ޙަލާލު މުޢާމަލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް އިސްލާމިކް ފައިނޭންސިންގ އާއި ބެހޭގޮތުން ބޭއްވޭ ޚާއްޞަ ވޯކްޝޮޕްގެ އިތުރުން ކުދިން ތަރުބިއްޔަތު ކުރުމާއި، އިސްލާމީ އަދަބުތައް ދަސްކޮށްދިނުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވޭ ޕޭރެންޓިންގ ސެޝަން ހިމެނެއެވެ.
މީގެ އިތުރުން އޮޅުވެލިފުއްޓާއި ހިންނަވަރު އަދި ނައިފަރުގައި، ޖަމްޢިއްޔާގެ ޢިލްމުވެރިން ހުކުރު ދުވަހު އިމާމްވެ ހުކުރު ނަމާދު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
“ފާދިއްޕޮޅު ދަތުރު” އެންމެ ފުރަތަމަ ބޭއްވިފައިވަނީ 2024 ވަނައަހަރުއެވެ. ސެޕްޓެމްބަރ 13 އިން 15 އަށް ބޭއްވުނު އެ ފުރަތަމަ ޕްރޮގްރާމުގައި 6 ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ޖަމްޢިއްޔަތުއްސަލަފުން ކުރިއަށްގެންދާ “ހަފްތާ ބަންދު ދަރުސް” ޕްރޮގްރާމުގައި ހިމެނިގެން ކުރިއަށްގެންދާ “ފާދިއްޕޮޅު ދަތުރު 2025” ޅ އަތޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ހަފްތާ ބަންދު ދަރުސް ޕްރޮގްރާމް، ނ. ހޮޅުދޫގައިވެސް ކުރިއަށް ދާނެއެވެ. މިގޮތުން ޖަމްޢިއްޔަތުއްސަލަފްގެ ދަޢުވާ މެނޭޖަރު އަދި ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު، އައްޝައިޚް މުޖުތަބާ ޙަމީދު، މިއަދުގެ ވަޤުތެއްގައި ވަނީ އެރަށަށް ފުރާ ވަޑައިގެންފައެވެ. ހޮޅުދޫގައި ކުރިއަށްގެންދެވޭ ޙަރަކާތްތަކުގެ ތެރޭގައި މިސްކިތު ދަރުސްތަކުގެ އިތުރުން އެހެނިހެން ޙަރަކާތްތައް ވަނީ ރޭވިފައެވެ.

