ގްލޯބަލް އެސޯސިއޭޝަން އޮފް އިސްލާމިކް ސްކޫލްސްގެ 4 ވަނަ އަހަރީ ބައްދަލުވުމުން މުހިއްމު މަޢުލޫމާތުތަކެއް ލިބިގެންދިޔަ ކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު މިހެން ވިދާޅުވެފައި ވަނީ، ޖީ.އޭ.އައި.އެސްގެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު، ބައްދަލުވުމާއި ގުޅޭގޮތުން ސަލަފްގެ މީޑިއާއަށް ދެއްވާފައިވާ ޚާއްޞަ މެސެޖެއްގައެވެ. އޮކްޓޯބަރު މަހުގެ 5 އިން 8ށް، ސްރީލަންކާގެ ކޮލޮމްބޯގައި، ބޭއްވުނު މި ކޮންފަރެންސް ނިންމަވާލައްވައި، ދެއްވި މެސެޖުގައި އައްޝައިޚް ސަމީރު ވިދާޅުވެފައި ވަނީ، މި ކޮންފަރެންސްގައި ދުނިޔޭގެ 30 ގައުމަކުން 300 އެއްހާ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާ ކަމަށާއި، އެބޭފުޅުންނާއި ބައްދަލުވެ، އެބޭފުޅުންގެ ތަޖުރިބާއާއި މަސައްކަތްތައް ޙިއްސާ ކުރައްވާފައިވާ ކަމަށެވެ.
“މިބައްދަލުވުމުގައި ދުނިޔޭގެ 30 އަކަށް ގައުމަކުން 300 އެއްހާ ބޭފުޅުން ބައިވެރިވެ ވަޑައިންނަވާ. ޔޫރަޕް، އޮސްޓްރޭލިއާ، އޭޝިއާ، އެފްރިކާގެ ޤައުމުތަކުން ވަރަށް ބައިވަރު ސްކޫލްތަކުގެ ލީޑަރުން، މަންހަޖު ލިޔުއްވާ ބޭފުޅުން، ކަރިކިއުލަމް ހައްދަވާ ބޭފުޅުން އަދި ސްކޫލްގެ މެނޭޖްމަންޓުގެ ދާއިރާގެ ބޭފުޅުން، ފަންޑިންގގެ ބޭފުޅުން ބައިވެރިވެ ވަޑައިންނަވާ. އެބޭފުޅުންނާއި ބައްދަލުވެ އެބޭފުޅުންގެ ތަޖުރިބާ އަދި އެބޭފުޅުންގެ މަސައްކަތްތައް އަޅުގަނޑުމެންނާއި ޙިއްސާކޮށްފައިވޭ.” އައްޝައިޚް އަޙްމަދު ސަމީރުގެ ވީޑިއޯ މެސެޖްގައި ވިދާޅުވެފައިވެއެވެ.
ހަތަރު ދުވަހުގެ މި ކޮންފަރެންސްގައި އައްޝައިޚް ސަމީރުގެ އިތުރުން ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އާއި ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރ އައްޝައިޚް ޙަސަން މޫސާ ފިކުރީ، އަދި މަޝްވަރާ މަޖިލީހުގެ މެމްބަރު އަޙްމަދު މުޙައްމަދުވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިންފައިވެ އެވެ. މި ކޮންފަރެންސްގައި މަޢުލޫމާތު ދެއްވާފައިވާ އެންމެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާގެ ޑިރެކްޓަރ ފޯ ދަ ސެންޓަރ ފޯ އިސްލާމިކް ތޯޓު އެންޑް އެޑިއުކޭޝަން ޕްރޮފެސަރ މުޙައްމަދު އަބްދުﷲ އާއި، ޔުނިވާސިޓީ އޮފް ވޯވިކްގެ ރީޑަރ އިން އިސްލާމިކް އެޑިއުކޭޝަން ޑޮކްޓަރ ޢަބްދުﷲ ޝާހިންއެވެ.
ގިނަ މަޢުލޫމާތުތަކަކާއި ތަޖުރިބާތަކެއް ލިބިގެންދިޔަ މިކޮންފަރެންސްއާއި ބެހޭގޮތުން އައްޝައިޚް ސަމީރު ވިދާޅުވެފައިވަނީ، މި ކޮންފަރެންސަކީ ވަރަށް މުޙިއްމު މަޢުލޫމާތުތަކެއް ލިބިގެންދިޔަ ކޮންފަރެންސެއް ކަމަށް ޤަބޫލުކުރާ ކަމުގައެވެ.
“ޙަޤީޤަތުގައި މިކޮންފަރެންސަކީ ވަރަށް މުހިއްމު މަޢުލޫމާތުތަކެއް އަޅުގަނޑުމެންނަށް ލިބިގެންދިޔަ ކޮންފަރެންސެއް ކަމުގައި އަޅުގަނޑުމެން ގަބޫލު ކުރަން.” ޝައިޚުގެ ވީޑިއޯ މެސެޖް ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.

