ގުލޯބަލް އެސޯސިއޭޝަން އޮފް އިސްލާމިކް ސްކޫލްސްގެ 4 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމަށް، ޖަމްޢިއްޔަތުއްސަލަފްގެ ވަފުދެއް ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ. ސްރީލަންކާގެ ކޮލަމްބޯގައި، މިއަދުން ފެށިގެން 8 އޮކްޓޯބަރުގެ ނިޔަލަށް ބާއްވާ މި މުހިއްމު ބައްދަލުވުމަށް ޖަމްޢިއްޔާގެ ފަރާތުން ވަޑައިގެންނެވީ، ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އާއި ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. މީގެ އިތުރުން، ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރ އައްޝައިޚް ޙަސަން މޫސާ ފިކުރީއާއި، މަޝްވަރާ މަޖިލީހުގެ މެމްބަރު އަޙްމަދު މުޙައްމަދުވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ބައްދަލުވުމުގައި ދުނިޔޭގެ 25 ޤައުމަކުން، ގާތްގަނޑަކަށް 250 އަށްވުރެ ގިނަ އިސްލާމީ ސްކޫލުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
އިސްލާމީ ތަޢުލީމު އާލާކޮށް ދިރުވުމާއި، ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

