ރާއްޖޭގެ ރަށްތަކުގައި، ޖަމްޢިއްޔަތުއްސަލަފުން ކުރިއަށްގެންދާ، ހަފްތާ ބަންދު ދަރުސް ޕްރޮގްރާމް، މިހަފްތާގައި 3 ރަށެއްގައި ކުރިއަށް ގެންގޮސްފިއެވެ. ސެޕްޓެމްބަރ 25 އިން 27 އަށް ކުރިއަށް ގެންދެވުނު މި ހަފްތާގެ ޕްރޮގްރާމް ބޭއްވިފައިވަނީ ކ. ދިއްފުށި، މ. ވޭވަށް އަދި ހދ. ވައިކަރަދޫގައެވެ.
މިގޮތުން ދިއްފުށީގައި ބޭއްވިފައިވަނީ މިސްކިތު ދަރުސްތަކެވެ. މި ދަރުސްތައް ދެއްވާފައިވަނީ، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު، އައްޝައިޚް މުޙައްމަދު މަންޞޫރު އާދަމްއެވެ. އަދި މ. ވޭވަށުގައި ވެސް ވަރަށް ޚާއްޞަ ދަރުސްތަކެއް ވަނީ ކުރިއަށް ގެންދެވިފައެވެ. މިދަރުސްތައް ދެއްވާފައިވަނީ ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރުއެވެ.
މި ހަފްތާގެ ޕްރޮގްރާމްގައި، އެންމެ ތަފާތު އަދި ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންދެވިފައިވަނީ ހދ. ވައިކަރަދޫގައެވެ. މިގޮތުން މިސްކިތު ދަރުސްތަކުގެ އިތުރުން، މުޅިން އަލަށް ބޭއްވުނު “ފުރުސާން އޯވަރނައިޓް ކޭމްޕް” ގެ ނަމުގައި 2 ދުވަހުގެ ކޭމްޕެއް ބޭއްވުނެވެ. ޒުވާނުންނަށް ޢަމާޒުކޮށްގެން ކުރިއަށްގެންދެވުނު މި ކޭމްޕް ކުރިއަށް ގެންގޮސްދެއްވާފައިވަނީ، އައްޝައިޚް އަޙްމަދު ސަމޫޙް، އައްޝައިޚް މުޖުތަބާ ޙަމީދު އަދި އައްޝައިޚް ޝުޢައިބު ނާޡިމްއެވެ.
ކުދިބޮޑު އެންމެންނަށް ޢަމާޒުކޮށްގެން، ކޮންމެ ހަފްތާއަކުވެސް ޖަމްޢިއްޔަތުއްސަލަފްއިން ކުރިއަށް ގެންދާ “ހަފްތާ ބަންދު ދަރުސް” ޕްރޮގްރާމުގެ މަޤްސަދަކީ، މުޅި ރާއްޖެއަށް އިސްލާމް ދީނުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދީ، ރިވެތި އަޚުލާޤު ފެތުރުމާއި، އިސްލާމްދީނުގެ ރިސާލަތު ފޯރުކޮށްދީ، މުޖުތަމަޢު އިޞްލާޙު ކުރުމެވެ.

