“ފުރުސާން އޯވަރނައިޓް ކޭމްޕް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޖަމްޢިއްޔަތުއްސަލަފުން، އަތޮޅުތަކުގައި ކުރިއަށް ގެންދާ، ހަފްތާ ބަންދު ދަރުސް ޕްރޮގްރާމްގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވުނު މި ކޭމްޕު ބޭއްވުނީ، ހދ. ވައިކަރަދޫގައެވެ. ވައިކަރަދޫގެ ޒުވާން ކުދިންނަށް ޢަމާޒުކޮށްގެން ކުރިއަށްގެންދެވުނު މި ކޭމްޕުގައި ޖުމްލަ 40 ކުދިން ބައިވެރިވެފައި ވެއެވެ. 2 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވުނު މި ކޭމްޕު ބޭއްވިފައިވަނީ 25 އަދި 26 ސެޕްޓެމްބަރ ގައެވެ.
މުނިފޫހިފިލާނެ ފަދަ މަޖާ ހަރަކާތްތަކާއެކު، އިސްލާމީ ނަޒަރަކުން ކަންކަން އޮޅުންފިލުވައިދީ، އަދި ކުދިންގެ އަމިއްލަ ހުނަރުތައް ދެނެގަނެ އާލާ ކޮށް، ކުދިންނަށް ހިތްވަރު ލިބޭނެފަދަ ހަރަކާތްތަކާއެކު ބޭއްވި 2 ދުވަހުގެ މި ކޭމްޕްގައި، ހަރަކާތްތަށް ކުރިއަށް ގެންގޮސް ޓްރޭނިންގތައް ނަގައިދެއްވީ އައްޝައިޚް މުޙައްމަދު ސަމޫޙް، އައްޝައިޚް މުޖުތަބާ ޙަމީދު އަދި އައްޝައިޚް ޝުޢައިބު ނާޡިމް އެވެ.
ކޭމްޕްގައި ކުރިއަށް ގެންދެވުނު ޙަރަކާތްތަކުގެ ތެރޭގައި، ބީޗު ސާފުކުރުން، އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރު ދިނުމަށް ބޭއްވި ޓީމް ބިލްޑިންގ ޙަރަކާތްތައް، ކުދިންގެ ކިބައިގައި ހުންނަ އެކުދިންގެ ހުނަރާއި ފަންނުވެރިކަން ހޯދައި، ދައްކާލުމަށް ބޭއްވި ސްކިލް ޝޯވް އަދި ކުދިންގެ ހިތްވަރު އާލާކުރުމަށްޓަކައި ނަސޭޙަތުގެ ސެޝަންތަކާއި، އެންމެން އެއްކޮށް ޖަމާޢަތުގައި ނަމާދު ކުރުން އަދި ޝައުގުވެރި ވާނެފަދަ ވާހަކަ ކިޔުން ވެސް ހިމެނެއެވެ.
މި ކޭމްޕުން، ބައިވެރިންނަށް ޙާޞިލް ކުރެވުނު ކަންކަމުގެ ތެރޭގައި:
އެކުގައި މަސައްކަތް ކުރުމުގެ މުހިއްމުކަން ދަސްވެގެން ދިޔުން
އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި ލިބިފައިވާ ހުނަރުގެ ބޭނުންހިފަން ދަސްވުން
އިބްރަތްތެރި ވާހަކަތަކުން ފިލާވަޅުލިބި، ނަފްސު އިސްލާހުކުރުމަށް އައު ހިތްވަރެއް ލިބުން.
ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރި ވުމާއި، ވަށައިގެންވާ މާހައުލަށް އަދި ތިމާވެއްޓަށް އިޙްތިރާމްކޮށް ކަމޭހިތުމަށް ދަސްވުން ކަމުގައި މި ކޭމްޕުގެ ބައިވެރިން ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން، އެންމެ މުޙިއްމު ކަމަކީ، ކިތަންމެ ބުރަކޮށް އުޅުނުކަމުގައި ވިނަމަވެސް، އަދި ކޮންމެ ޙާލަތެއްގައި ވިނަމަވެސް، ގަޑިންގަޑިއަށް ނަމާދު އަދާ ކުރުމުގެ މުހިއްމުކަން އެނގި ޢަމަލީގޮތުން މި ކޭމްޕުގައި ތަޖުރިބާ ކުރެވިގެން ދިޔަ ކަމީ މި ކޭމްޕުން ލިބިގެންދިޔަ އެންމެ މުހިއްމު ފިލާވަޅު ކަމުގައި ބައިވެރިން ފާހަގަ ކޮށްފައިވެއެވެ.

