الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد:
ﷲ ތަޢާލާވަނީ ބައެއް މައްސަރުތައް މާތްކުރައްވާފައެވެ. އަދި އޭގެ ތެރެއިން ބައެއް މައްސަރުތަކަކީ ޙުރުމަތްތެރިކުރައްވާފައިވާ މައްސަރުތަކެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّ عِدَّةَ الشُّهُورِ عِندَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ الدِّينُ الْقَيِّمُ ۚ فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ﴾ [سورة التوبة: 36]
މާނައީ: ”ހަމަކަށަވަރުން އުޑުތަކާއި ބިން ޚަލްޤުކުރެއްވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، ﷲގެ ޙަޟްރަތުގައި ބާރަ މަހެވެ. އޭގެ ތެރެއިން ހަތަރު މަސް ޙުރުމަތްތެރިވެގެން ވެއެވެ. އެއީ ޙައްޤު ތެދު ދީނެވެ. ފަހެ އެ މައްސަރުތަކުގައި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން އަނިޔާވެރި ނުވާހުށިކަމެވެ.”
އަބޫބަކުރުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެވިއެވެ.
«السَّنَةُ اثْنَا عَشَرَ شَهْرًا، مِنْهَا أَرْبَعَةٌ حُرُمٌ، ثَلاَثَة مُتَوَالِيَاتٌ: ذُو القَعْدَةِ وَذُو الحِجَّةِ وَالمُحَرَّمُ، وَرَجَبُ مُضَرَ، الَّذِي بَيْنَ جُمَادَى وَشَعْبَانَ» [رواه البخاري (3167) ومسلم (29 – (1679))]
މާނައީ: ”އަހަރެއްގައި ބާރަ މައްސަރު ވެއެވެ. އޭގެ ތެރެއިން ހަތަރު މަސް ޙުރުމަތްތެރިވެގެން ވެއެވެ. (އެއީ) ޖެހިޖެހިގެން އަންނަ ތިން މަސް: ޛުލްޤަޢިދާ، ޛުލްޙިއްޖާ އަދި މުޙައްރަމެވެ. އަދި (ހަތަރުވަނައީ) ޖުމާދާއާއި ޝަޢުބާނުގެ ދެމެދަށް އަންނަ މުޟަރުގެ ރަޖަބެވެ.”
މުޟަރަކީ ޢަރަބިންގެ ޤަބީލާއެކެވެ. މި ޙަދީޘްގައި މުޟަރު ޤަބީލާއަށް ރަޖަބުމަސް ނިސްބަތްކުރައްވާފައިވަނީ އެބައިމީހުންނަކީ ރަޖަބު މަހަށް ޚާއްޞަކަމެއް ދީ، އެމަހަށް މާތްކޮށް ހިތާ އުޅުނު ބަޔަކަށް ވާތީއެވެ. [1]
ޙުރުމަތްތެރިކުރައްވާފައިވާ މައްސަރުތަކަށް އެ ނަމުން ނަން ދެވުނު ސަބަބު
އެ މަސްތަކަށް އެފަދައިން ނަން ދެވުނީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.[2]
- އެ މަސްތަކުގެ ޙުރުމަތްތެރިކަމުގެ ބޮޑުކަމުން: ހުރިހާ މައްސަރުތަކެއްގައިވެސް ފާފަކުރުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ. ވަކިން ޚާއްޞަކޮށް ޙުރުމަތްތެރިކުރައްވާފައިވާ މައްސަރުތަކުގައި ފާފަތަކުން ދުރުހެލިވާން ޖެހެއެވެ.
- އެ މަސްތަކުގައި އިސްވެ ހަނގުރާމަކުރުން ނަހީކުރައްވާފައިވުމުން: އެހެނަސް ކާފިރުން އިސްވެ ހަމަލާ ދީފިނަމަ އެދުވަސްތަކުގައިވެސް ހަނގުރާމަ ކުރެވޭނެއެވެ.
ޢަރަބި ބަހުގައި مُحَرَّمގެ މާނައަކީ: ޙުރުމަތްތެރިކުރައްވާފައި ވުމެވެ.
___________________
[1] ބައްލަވާ: تحفة الأحوذي للمباركفوري (7 / 389).
[2] ބައްލަވާ: زاد المعاد لابن القيم (3 / 302 – 303) وتفسير السعدي (ص: 336).