الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަސްތަކެވެ. އެދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތުގައި ނުހަނު ލޮބުވެތިވެގެންވެއެވެ. އަދި ޘަވާބު އިތުރުވެގެންވެއެވެ.
އެއިލާހު ވަޙީކުރެއްވިއެވެ.
وَالْفَجْرِ ﴿١﴾ وَلَيَالٍ عَشْرٍ ﴿٢﴾ [سورة الفجر 1 – 2]
މާނައީ: “ފަތިސް ގަންދެއްވަމެވެ. [1] އަދި ދިހަ ރޭ ގަންދެއްވަމެވެ. [2]”
﴿وَلَيَالٍ عَشْرٍ﴾ ގެ ތަފްސީރުގައި އިބްނު ޢައްބާސް رضي الله عنهما އާއި އިބްނު އައްޒުބައިރު رضي الله عنهما އާއި މުޖާހިދު رحمه الله އަދި އެނޫންވެސް ސަލަފުންގެ ބޭކަލުން ވިދާޅުވެފައިވަނީ އެއީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސްކަމުގައެވެ. [1]
އަދި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿لِّيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَّعْلُومَاتٍ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ﴾ [سورة الحج 28]
މާނައީ: “އެއީ އެބައިމީހުންނަށް ހުރި (ދީނީ އަދި ދުނިޔަވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެބައިމީހުން ﷲ ގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ. ނަޢަމްސޫފީގެ ނިޢުމަތް އެބައިމީހުންނަށް ދެއްވިކަމަށްޓަކައެވެ.”
ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި މި އާޔަތުގައިވާ ﴿ أَيَّامٍ مَّعْلُومَاتٍ﴾އަކީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. [2]
އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَا مِنْ أَيَّامٍ العَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الأَيَّامِ العَشْرِ»، فَقَالُوا: يَا رَسُولَ اللَّهِ، وَلَا الجِهَادُ فِي سَبِيلِ اللَّهِ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «وَلَا الجِهَادُ فِي سَبِيلِ اللَّهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ» [رواه البخاري (969)، وأبو داود (2438)، والترمذي (757) واللفظ له، وابن ماجه (1727)، وأحمد (1968)، وصححه الألباني في الإرواء (953)]
މާނައީ: “ހެޔޮ ޢަމަލު ކުރުމަށް، މި ދިހަ ދުވަހަށް ވުރެ (އެބަހީ: ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ.”
އެކަލޭގެފާނަށް ސުވާލު ދެންނެވުނެވެ. “އޭﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެންވެސް ހެއްޔެވެ؟”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެންވެސް އެވެ. އެއީ އޭނާގެ ޖާނާއި މާލުން ޖިހާދުކުރުމަށް ނުކުމެ، އެއިން އެއްވެސް އެއްޗަކާއިގެން އެނބުރި ނާންނަ މީހާ ފިޔަވައެވެ.”
އަދިވެސް އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَا مِنْ عَمَلٍ أَزْكَى عِنْدَ اللَّهِ وَلَا أَعْظَمَ أَجْرًا مِنْ خَيْرٍ تَعْمَلُهُ فِي عَشْرِ الْأَضْحَى» [رواه الدارمي (1815)، والبيهقي (3476)، وحسنه الألباني في صحيح الترغيب والترهيب (١2٤٨)]
މާނައީ: “އަޟްޙާގެ ދިހަ ދުވަހު (އެބަހީ: ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހު) ކުރާ ޢަމަލުތަކަށް ވުރެ، ﷲ ގެ ޙަޟުރަތުގައި އެ ޢަމަލުތަކެއްގެ އިތުރުކަން ބޮޑު އަދި މަތިވެރި އަޖުރު ލިބެނިވި ޢަމަލުތަކެއް ނުވެއެވެ.”
ފަހެ ތާބިޢީ ބޭކަލެއްކަމުގައިވާ ސަޢީދު ބުން ޖުބައިރު رحمه الله އާ ބެހޭގޮތުން އައިސްފައިވެއެވެ.
“(ޙައްޖު މަހުގެ ފުރަތަމަ) ދިހަ ދުވަސް އައުމުން ސަޢީދު ބުން ޖުބައިރު، އެކަލޭގެފާނުގެ ކުޅަދާނަކަން ހުރި އެންމެ މަތީ ދަރަޖައަށް، ހެޔޮ ޢަމަލުކުރެއްވުމުގައި އަވަދިނެތި އުޅުއްވައެވެ.” [3]
* ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހު ކުރެވިދާނެ ބައެއް ހެޔޮ ޢަމަލުތައް
އެ ދުވަސްތަކުގައި ކުރެވިދާނެ ބައެއް ހެޔޮ ޢަމަލުތަކަކީ:
- ޙައްޖުކުރުން
- ތަކުބީރުކިޔުން
- ރޯދަހިފުން
- އުޟްޙިޔާ ކަތިލުން
މިއީ ޞަރީޙަ ނައްޞުތަކުން އެދުވަސްތަކުގައި ކުރުމަށް ބާރުއަޅުއްވާފައިވާ ހެޔޮ ޢަމަލުތަކެވެ. މީގެ އިތުރަށްވެސް އެދުވަސްވަރުގައި ކޮންމެ ހެޔޮ ޢަމަލެއްވެސް އިތުރުކުރުން އެދެވިގެން ވެއެވެ. އޭގެ ތެރޭގައި:
ފަރުޟު ނަމާދުތަކަށް ފަރުވާތެރިވުމާއި ސުންނަތް ނަމާދުތައް ކުރުން ގިނަކުރުމާއި ކީރިތި ޤުރުއާން ކިޔެވުމާއި ޞަދަޤާތްކުރުމާއި ތައުބާވުމާއި އިސްތިޣުފާރުކުރުމާއި މައިންބަފައިންނަށް ހެޔޮކޮށްހިތުމާއި ރަޙިމުގެ ގުޅުން ޤާއިމުކުރުމާ އަދި މިނޫންވެސް ހެޔޮކަންތައް ހިމެނެއެވެ.
ހަމަ އެއާއެކު އެދުވަސްވަރުގައި އެންމެހާ މުންކަރާތްތަކާ ދުރުހެލިވުންވެސް ހުއްޓެވެ. ވަކިން ޚާއްޞަކޮށް އެ މަތިވެރި ދުވަސްތަކަށް ފަހުގައި އަންނަ އަޟްޙާ ޢީދު ދުވަހުގައި ކުރެވޭ އެންމެހާ މުންކަރާތްތަކުން ދުރުހެލިވުން ހުއްޓެވެ. އޭގެ ތެރޭގައި: މިޔުޒިކު ޝޯތައް ބޭއްވުމާއި އަންހެނުންނާއި ފިރިހެނުން މައްސުނިވެގެން ކުޅޭ ކުޅިވަރުތައް ކުޅުމާއި ހިލޭފިރިހެނުންނާއި އަންހެނުން އެއްބަޔަކު އަނެއްބަޔަކާ އަތާއަތްޖޯޑުކޮށް ސަލާމްކުރުމާއި ނަމާދުތައް އެޅުމާ އަދި މިނޫނަސް ޢީދުދުވަހުގައި ކޮށްއުޅޭ އެންމެހާ މުންކަރާތްތަކުން ދުރުހެލިވުން ހުއްޓެވެ.
ދުޢާއަކީ އަޅަމެންނަކީ މިފަދަ އަޅުކަމުގެ މޫސުންތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާ ބަޔަކުކަމުގައި ލެއްވުމެވެ!
____________________
[1] ބައްލަވާ: تفسير ابن كثير (8 / 390)، ولطائف المعارف لابن رجب (ص: 268).
[2] ބައްލަވާ: تفسير البغوي (5 / 379)، وتفسير ابن كثير (5 / 415)، ولطائف المعارف لابن رجب (ص: 263).
[3] رواه الدارمي في سننه (1815) والبيهقي في شعب الإيمان (3476) وحسنه الألباني في إرواء الغليل (3 / 398).