ފާފައަކީ އޭގެ ޒާތުގައި މީހާއަށް ނުތަނަވަސްކަން ގެނުވާ އެއްޗެކެވެ. އަދި ފާފައިގެ ސަބަބުން އަޅާ އޭނާގެ ރައްބާއި ދެމެދުގައި އިންފާރެއް ލެވިގެންދެއެވެ. ހިތް ހަރުވެ، ޙައްޤާއި ބާޠިލު ވަކިކުރަން އުނދަގޫވެގެންދެއެވެ. އެހެންކަމުން ފާފައިގެ އަސަރުތައް އިންސާނާއަށް ނުހަނު ބޮޑަށް ކުރެއެވެ. ކުދި ފާފައާއި ބޮޑެތި ފާފަތަކަކީވެސް އެ ފާފައެއްގެ ޒާތުން އޭގެ ޖަޒާ ބޮޑުވެގެން ދާ ކަމެކެވެ.
އެހެންކަމުން ފާފަތައް ޢިލްމުވެރިން ދެ ބަޔަކަށް ބައްސަވައެވެ. އެއީ ކުދިފާފައާއި ބޮޑެތި ފާފައެވެ. އިބްނުލް ޤައްޔިމް – رحمه الله – ވިދާޅުވެފައިވެއެވެ. ” ކީރިތި ޤުރުއާނާއި ނަބިއްޔާ ގެ ސުންނަތާއި ޢިލްމުވެރިންގެ އިޖުމާޢު އަދި ބުއްދީގެ ހަމަތަކުން، ފާފަތައް ބެހިގެންދަނީ ކުދި އަދި ބޮޑެތި ފާފަތަކަށެވެ. ” [1] އަދި ހަމަ މިބީދައިން އަލްއިމާމު އިބްނު ޙަޖަރު އަދި އަލްއިމާމު އައްނަވަވީވެސް ފާފަތައް މި ދެބަޔަށް ބެހިގެންދާކަމަށް ބަޔާންކޮށްފައިވެއެވެ. [2]
އެހެންކަމުން ފާފަތަކުގެ ތެރެއިންވެސް ނުބައިކަން ބޮޑުވެގެންވާ ފާފަތަކެއް ވެއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޙަދީޡް ބަސްފުޅުތަކުން އަހަރުމެންނަށް އެކަންކަމުގެ ޚަބަރު އެނގިގެންދެއެވެ. އެކަލޭގެފާނުގެ ފަރާތްޕުޅުން ވާރިދުވެފައިވާ ޙަދީޘްއެއްގައި ހަލާކު ކުރުވަނިވި ބޮޑު 7 ފާފައެއްގެ ވާހަކަ ބަޔާންވެގެން އައިސްފައިވެއެވެ.
عن أبي هريرة رضي الله عنه: “اجتنبوا السبع المُوبِقَات، قالوا: يا رسول الله، وما هُنَّ؟ قال: الشركُ بالله، والسحرُ، وقَتْلُ النفسِ التي حَرَّمَ الله إلا بالحق، وأكلُ الرِّبا، وأكلُ مالِ اليتيم، والتَّوَلّي يومَ الزَّحْفِ، وقذفُ المحصناتِ الغَافِلات المؤمنات”. [3]
އަބޫ ހުރައިރާގެ އަރިހުން ރިވާކުރައްވާފައިވާ ހަދީޘެއްގައިވެއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ހަލާކު ކުރުވަނިވި 7 ފާފައަކުން ތިޔަބައިމީހުން ދުރުވެގަންނާށެވެ. އަޞްޙާބުބޭކަލުން ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއީ ކޮން ކަންތައް ތަކެއްތޯއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. އެއީ ﷲއަށް ޝިރުކުރުމާއި، ސިހުރުހެދުމާއި، ﷲ ޙުރުމަތްތެރިކޮށްފައިވާ ނަފްސެއް ޙައްގަކައި ލައިގެން މެނުވީ މެރުމާއި، ރިބާ ކެއުމާއި، ޔަތީމުންގެ މުދާ (ނުޙައްޤުން) ކެއުމާއި، ހަނގުރާމައިގެ މައިދާނުން ފިނޑިވެ ފިލަންދުވުމާއި، ޢިއްފަތްތެރި މުއުމިނު އަންހެނުންގެ މައްޗަށް ޒިނޭގެ ތުހުމަތު ކުރުމެވެ.
މި ޙަދީޘްގައި ހަލާކު ކުރުވަނިވި ފާފައޭ އޮތުމުގެ މާނައަކީ ކޮބައިތޯ؟
المُوبِقَات އެއީ ހަލާކުކުރުވަނިވި ބޮޑެތި ފާފަތައް، އެގޮތަށް ނަންގަނެވިފައިވަނީ އެފާފަތަކުގެ ސަބަބުން، އެ ފާފައަށް އަރައިގަތުމުން އެމީހަކު ހަލާކުގެ ތެރެއަށް ވެއްޓިގެންގޮސް ދުނިޔެމަތީގައިވެސް އެފާފައިގެ ސަބަބުން ޢުޤޫބާތް ކުރިމަތިވެ، ނަރަކައަށް ވަންނަންޖެހި، އާޚިރަތްދުވަހުންވެސް އެމީހަކަށް ޢަޒާބު ޙައްޤުވެގެންދާތީއެވެ.[4]
އެހެންކަމުން މި ފާފަތަކުގެ ނުރައްކާތެރިކަމަކީ، އެ ފާފައެއްގެ ސަބަބުން ދުނިޔެ މަތީގައިވެސް އަދި އާޚިރަތުގައިވެސް ނުތަނަވަސްކަމާއި އަބާއްޖަވެރިކަން އޮތުމެވެ. އަޅުގަނޑުމެން މި ފާފަތަކާއި ދުރުވާންޖެހެނީ މި ފާފަތަކުގެ ނުރައްކާތެރިކަން އިންތިހާއަށް އޮތަތީވެއެވެ. އަދި އެކަންކަމުގެ ސަބަބުން އެތައް ބައެއްގެ ހައްޤުތައް ގެއްލި މުޅި މުޖުތަމަޢު ފަސާދައަށް ހުށައެޅިގެން ދާތީއެވެ. ﷲ ތައާލާ އަޅަމެން އެންމެން މިފަދަ ބޮޑެތި ފާފަތަކުން ރައްކާތެރި ކުރައްވާށިއެވެ. އާމީން!
– ނުނިމޭ –
ކުރިޔަށް ހުރި ބައިތަކުގައި މި ބައިތަކާއި ގުޅޭ ސުވާލުތައް އަދި ފާފަތަކުގެ އިތުރު ތަފްޞީލުތައް ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ. إن شاء الله
[1] انظر: (( مدارج السالكين )) (١/ ٣٤٢) ، وانظر: (( الجواب الكافي )) (ص ١٨٦) .
[2] انظر (فتح الباري) (٥/ ٢٦٣) ؛ لابن حجر. وانظر: (شرح صحيح مسلم للنووي) (٢/ ٨٥) .
[3] أخرجه البخاري (٢٧٦٦) واللفظ له، ومسلم (٨٩)
[4] https://dorar.net/hadith/sharh/133864