1446 ވަނަ އަހަރުގެ އަޟްޙާ ޢީދު އިސްލާމީ އިމުގެ ތެރެއިން ފާހަގަކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ޖަމްޢިއްޔަތުއްސަލަފުން އެފަރާތްތަކަށް ހަނދާނީ ލިޔުންދީފިއެވެ.
މިކަން ފާހަގަ ކުރުމުގެ ގޮތުން، ރޭ، ޖަމްޢިއްޔަތުއްސަލަފުން ބޭއްވި ޙަފުލާގައި، 8 ފަރާތަކަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ. ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ، މި ޙަފްލާގެ ޝަރަފްވެރި މެހެމާން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އާދަމް ޝަރީފް އަޙްމަދުއެވެ.
1446ވަނަ އަހަރުގެ އަޟްޙާޢީދު އިސްލާމީ ތަރަޙައިގެ ތެރެއިން ފާހަގަކުރުމުން، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ޖަމްޢިއްޔަތުއްސަލަފުންދޭ ހަނދާނީލިޔުން ލިބުނު ފަރާތްތަކަކީ އދ. ދަނގެތި ޖަމްޢިއްޔަތުލް ޤަލަމް، ގާފަރު ކައުންސިލް، ހދ. ނޮޅިވަރަމު ޖަމްޢިޔަތުލް ރިސާލަ، ރ. ކިނޮޅަސް ކައުންސިލް، ދ. ކުޑަހުވަދޫ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ އާއި އެރަށުގެ ބްރަދާސް އެކަޑަމީ، ހދ. ވައިކަރަދޫ ކައުންސިލް އަދި ނަޑެއްލާ އައިލެންޑް ޑެވެލޮޕްމެންޓް ސޮސައިޓީއެވެ.
ލިޔުން ޙަވާލުކޮށްދެއްވުމަށްފަހު، ޙަފްލާގެ ބައިވެރިންނާ މުޚާޠަބް ކުރައްވައި ޝަރަފްވެރިމެހެމާނު ވާހަކަފުޅު ދައްކަވަމުން، ޖަމްޢިއްޔަތުއްސަލަފުން އިސްނަންގަވައިގެން މިފަދަ ކަމެއް ކުރައްވާކަމީ އުފާފުޅުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. އަދި މިއީ މިފަދައިން ރާއްޖޭގައި ބޭއްވޭ ފުރަތަމަ މުނާސަބަތުކަން ކަމުގައި ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި، ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އެންމެ ބޮޑު ރޯލެއް އަދާކުރަނީ ސިވިލްސޮސައިޓީ ކަމަށާއި ނަމަވެސް ރާއްޖޭގައި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދައުރު މުޅިންވެސް ފެންނަނީ ކުޅިވަރު ކުޅުމާއި މުނިފޫހި ފިލުވުމުގެ ދާއިރާއިން ކަމުގައި ފާހަގަ ކުރެއްވިއެވެ.
“ރަށެއް، އަތޮޅެއް އަދި ޤައުމެއްގެ ހިންގުން ޖަވާބުދާރީ ކުރުވުމަށް ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އެންމެ ބޮޑު ރޯލެއް އަދާކުރާ ފަރާތްތަކަކީ ސިވިލްސޮސައިޓީ، އެކަމަކު އަޅުގަނޑުމެން ރާއްޖޭގައި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދައުރު އަޅުގަނޑުމެންނަށް މިފެންނަނީ މުޅީންވެސް ކުޅިވަރު ކުޅުމާއި މުނިފޫހި ފިލުވުމާ މިފަދަ އިޖުތިމާޢީ ކަންކަމުގެ ތެރެއިން.
ރަށެއް ހިންގުމުގައި، އަތޮޅެއް ހިންގުމުގައި ޤައުމެއް ހިންގުމުގައި ޖަވާބު ދާރީ ކުރުވައި ޖަމްޢިއްޔާ ޖަމާޢަތްތަކުން އަދާކުރާ ދައުރަކީ މިއަދު ނެތޭ ބުންޏަސް ދޮގުނުވާ މިންވަރަށް އޮތް ޙަޤީޤަތެއް.” ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.
މީގެ އިތުރުން، މަދަނީ ޖަމްޢިއްޔާތައް އުފަންވުމުގެ މައިގަނޑު ބޭނުމަކީ، ސަރުކާރު ޖަވާބުދާރީ ކުރުވުންކަމަށާއި، މިފަދައިން މަސައްކަތް ކުރުމަކީ ކޮންމެ ޖަމްޢިއްޔާއަކުން ކުރަންޖެހޭނެ ކަމެއްކަމުގައި ފާހަގަ ކުރެއްވިއެވެ.
” ކައުންސިލްތަކުން އަތޮޅުތަކުގައި، ރަށްރަށުގައި، ޤައުމުގައި އަޅުގަނޑުމެން މިހންގާ މަދަނީ މަސައްކަތްތައް ރަށްވެހި ޚިދުމަތްތައް، ރައްޔިތުންނަށް މިދޭ ޚިދުމަތްތައް، ހަމަމަގުން، ހަމައިމުން، ދީނީ އުސޫލުތަކާއި މިންގަނޑުތަކަށް އަދި ރައްޔިތުންގެ ޙައްޤުތަށް އަދާ ކުރަނީ ކިހާ މިންވަރަކަށްތޯ ފާރަވެރިވެ، އެއަށް ކައުންސިލްތައް، އަތޮޅުތައް ޤައުމު ނުވަތަ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަކީ އެއީ އަޅުގަނޑުމެން ކޮންމެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރަންޖެހޭނެ ކަމެއް. އެއީ ސިވިލްސޮސައިޓީ ނުވަތަ މަދަނީ ޖަމާޢަތެއް އުފަންވުމުގެ ބޭނުމަކީ. އެއީ ރައްޔިތުންގެ ޙައްޤުތަށް ކަށަވަރު ކުރުން. ރައްޔިތުންނަށް އެކަށޭނަ މިންވަރު، ޙައްޤު މިންވަރު ހޯދުމަށް ވަކާލާތު ކުރުމަށް މަސައްކަތް ކުރުން. ރައްޔިތުން ހޭލުންތެރި ކުރުވުން، އެކަމަކު އެ މަސައްކަތެއް މިއަދަކު އަޅުގަނޑުމެންނަށް އެ މަގުން ހިނގާތީ ފެންނަނީ ވަރަށް މަދު ޙާލަތެއްގައި ވަރަށް މަދު ޖަމްޢިއްޔާއަކުން.” ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އާދަމް ޝަރީފް އަޙްމަދު ވިދާޅުވިއެވެ.
ރޭ ބޭއްވުނު ޙަފްލާގައި، ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރުވެސް ބައިވެރިންނާ މުޚާޠަބުކޮށް ވާހަކަފުޅު ދެއްކެވިއެވެ. ޝައިޚުގެ ވާހަކފުޅުގައި، އިމުގެތެރޭން ޢީދު ފާހަގަކުރުމުގެ ގޮތުން ހޭލުންތެރި ކުރުމަށް ކުރެވިފައިވާ މަސައްކަތްތައް ޙިއްސާކުރައްވިއެވެ. މިގޮތުން ޖަމްޢިއްޔަތުއްސަލަފް އިސްވެއޮވެ، އެކުލަވާލާފައިވާ ރާއްޖޭގެ އެކިކަންކޮޅުތަކުން ޙަރަކާތްތެރި ދަޢުވަތުގެ މަސައްކަތްކުރަމުންދާ ޖަމްޢިއްޔާތަކުގެ ވިއުގައެއް އެކުލަވާލާފައިވާކަމާ، އެޖަމްޢިއްޔާތަކާއި މަޝްވަރާކޮށް، ޢީދު އިމުގެތެރޭން ފާހަގަކުރުމަށް ހޭލުންތެރި ކުރުވުމުގެގޮތުން ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލާ މަޝްވަރާކޮށް، 1446 ވަނަ އަހަރު “ޢީދުއުފާ އިމުގެތެރޭ” ނަމުގައި ހޭލުންތެރި ކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދެވިފައިވާކަން ފާހަގަކުރެއްވިއެވެ.
ރޭގެ ޙަފްލާގައި، ޖަމްޢިއްޔަތުއްސަލަފުން މުޅީން އަލަށް އެކުލަވާލި ދެ މަޤާމަކަށް އިސްކުރެވިފައިވާ ދެ ބޭފުޅުންނަށް މަޤާމުގެ ލިޔުންވެސް ރޭގެ ޙަފްލާގައި ވަނީ ޙަވާލުކޮށްފައެވެ. މިލިޔުން ޙަވާލުކޮށްދެއްވީ ޖަމްޢިއްޔަތުއްސަލަފްގެ ނާއިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. އަލަށް ހަމަޖެއްސުނު ދެމަޤާމަކީ ސްޕޯޓްސް ޑައިރެކްޓަރގެ މަޤާމާއި، ސްޕޯކްސް ޕާރސަންގެ މަޤާމެވެ. ޖަމްޢިއްޔަތުއްސަލަފްގެ ސްޕޯޓްސް ޑައިރެކްޓަރުގެ މަޤާމަށް އައްޔަނުކުރެވުނީ، ރާއްޖޭގެ ޤައުމީޓީމުގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ އަދި ސްޕޯކްސްޕާރސަންގެ މަޤާމަށް އައްޔަނުކުރެވުނީ، މުޙައްމަދު ތަސްލީމްއެވެ.
އެދެބޭފުޅުންނަށާއި އަދި އިސްލާމްދީނުގެ ތަރަޙައިގެ ތެރޭގައި ޢީދު ފާހަގަކޮށް ހަނދާނީ ލިޔުން ޙާސިލްކުރެވި ފަރާތްތަކަށްވެސް ޖަމްޢއިްޔަތުއްސަލަފުން މަރުޙަބާ ކިޔަމެވެ.