މޯލްޑިވްސް އިސްލާމިކް ބޭންކުން ޓައިޓްލް ސްޕޮންސަރ ކޮށްފައިވާ، ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުމުގައި ރާއްޖޭން ބޭރުގެ 4 ޢިލްމުވެރިއަކު ބައިވެރިވެލައްވާނެއެވެ.
މިގޮތުން މި ބައްދަލުވުމުގައި ބައިވެރިވެލައްވާ 4 ޢިލްމުވެރިންގެ ތެރެއިން 3 ޢިލްމުވެރިން މިހާރުވަނީ ރާއްޖެ ވަޑައިގެންފައެވެ. މީގެ ތެރޭގައި ހިމެނެނީ، ސަޢޫދީ ޢަރަބިއްޔާގެ 2 ޢިލްމުވެރިންނާއި، ސްރީލަންކާ އަދި މޮރޮކޯގެ ޢިލްމުވެރިއެކެވެ.
މި ބައްދަލުވުމުގައި ބައިވެރިވެލައްވާ ބޭރުގެ 4 ޢިލްމުވެރީންގެ މަޢުލޫމާތު:
1. د. عبد الرحمن بن صالح بن عثمان المزيني (ސަޢޫދީ ޢަރަބިއްޔާ)
2. علبد الله بن عبد الرحمن بن صالح المزيني (ސަޢޫދީ ޢަރަބިއްޔާ)
3. د. عمرعميري (މޮރޮކޯ)
4. د. محمد رازق محمد أمجد رازق (ސްރީލަންކާ)
މާދަމާ އިފްތިތާޙު ކުރާގޮތަށް ހަމަޖެހިފައިވާ މި އަހަރީ ބައްދަލުވުން ކުރިއަށް ދާނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މާލެ ސަަރަޙައްދުގައި ކުރިއަށްގެންދާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ސެޝަންތައް ނަންގަވައިދެއްވައި، އެ ބޭފުޅުންގެ ޢިލްމީ، ފަންނީ އަދި މައިދާނީ ތަޖުރިބާ ހިއްސާކުރައްވާނެއެވެ.
ދުޢާތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނަގަހައްޓައި، ދެމެހެއްޓުމާއި، ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނުގެ ކަންކަމުގައި ކުރިމަތިކުރެވޭ ގޮންޖެހުންތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ މަތިވެރި މަޤުޞަދުގައި އެކުލަވާލެވިފައިވާ މަޖިލީހެކެވެ. މީގެ އިތުރުން، ޢިލްމުވެރީންގެ ބައިވެރިވުން އިތުރުކޮށް އިސްލާމްދީނުގެ ރިވެތި އަޚުލާޤިއްޔާތުގެ ތެރެއިން ދީނީ ދަޢުވަތުގެ ކަންކަން ހިންގައި، ފުޅާކުރުމުގެ ބޭނުމުގައި އެކުލަވާލާފައިވާ ވަރަށް މުހިއްމު ހިޔާވައްސެކެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިތުރުން، މިއަހަރުގެ މި ބައްދަލުވުން ސްޕޮންސަރ ކުރައްވާފައިވަނީ އެޗް.ޑީ.ސީ، އެމް.ޓީ.ސީ.ސީ އަދި ދާރިސްޓީވީ އިންނެވެ.

