ޒުވާނުންނަށް ޚާއްޞަކޮށްގެން ބާއްވަމުން އަންނަ ހިޖުރަ ކޭމްޕް، ށ. މަޑިދޫގައި ކުރިއަށް އެބަދެއެވެ. މިއަދު ހެނދުނު ފެށުނު މި ޚާއްޞަ ކޭމްޕު ކުރިއަށް ދާނީ މިއަދުން ފެށިގެން 28 ޖޫން ގެ ނިޔަލަށެވެ.
ޒުވާނުންނާއި ގުޅުންހުރި ތަފާތު އެކިއެކި ޙަރަކާތްތަކުގެ އިތުރުން، ތަރުބަވީ، ޢިލްމީ އެތައް ފިލާވަޅުތަކަކާއި އެކު ރޭވިފައިވާ މި ކޭމްޕްގައި ޖަމްޢިއްޔާގެ ފަރާތުން ބައިވެރިވެލެއްވީ، ޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު އާއި އަދި ދަޢުވާ މެނޭޖަރ އަދި ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޖުތަބާ ޙަމީދުއާއި އަދި ދުޢާތުންގެ މަޖިލީހުގެ މެމްބަރު، އައްޝައިޚް ޝުޢައިބު ނާޡިމްއެވެ. އަދި ޚާއްޞަ މެހެމާނެއްގެ ގޮތުގައި، ރާއްޖޭގެ ޤައުމީ ފުޓުބޯޅަޓީމުގެ ކެޕްޓަން އަކުރަމް ޢަބްދުލްޣަނީގެ އިތުރުން، އަލްއުސްތާޛް އަޙްމަދު ރިޔާޒުވެސް ބައިވެރިވެލައްވައެވެ.
މިޕްރޮގްރާމު ޢަމާޒުކުރެވިފައިވަނީ ޢުމުރުން 18 އަހަރާއި 25 އަހަރުގެ ޒުވާނުންނަށެވެ. ށ. ފޯކައިދޫ، ޅައިމަގު، ފުނަދޫ، ފޭދޫގެ އިތުރުން ހދ. ވައިކަރަދޫއިންނާއި، އަދި މާލެއިންވެސް ޒުވާނުން މި ކޭމްޕްގައި ބައިވެރިވެފައިވެއެވެ.
މިއަދު ހެނދުނު ފެށުނު މިޕްރޮގްރާމުގައި މިއަދުވެސް ވަރަށްގިނަ ޙަރަކާތްތައް ވަނީ ހިންގިފައެވެ. ޖަމްޢިއްޔަތުއްސަލަފްގެ ފޭސްބުކް ޕޭޖުއިން މިޙަރަކާތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ލިބެމުންދާނެއެވެ.
ހިޖުރަ ކޭމްޕަކީ، 2010 ވަނަ އަހަރު މިޖަމްޢިއްޔާއިން ބާއްވަން ފަށާފައިވާ ޙަރަކާތެކެވެ. މިގޮތުން އެންމެ ފުރަތަމަ މި ކޭމްޕް ބޭއްވިފައިވަނީ ވ. ތިނަދޫގައެވެ.