ނިމިދިޔަ، 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވާ ޙަރަކާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން އިންތިޒާމްކޮށްފައިވާ ޙަރަކާތްތަކަކީ އިސްލާމީ ތަރަޙައިގެ ތެރެއިން ގެންގޮސްފައިވާ ޙަރަކާތްތަކަކަށްވާތީ އެކަންފާހަގަ ކޮށް، އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ ޚާއްޞަ ޙަފްލާ މިރޭ ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
މިރޭގެ ޙަފްލާ ޝަރަފްވެރި ކޮށްދެއްވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އާދަމް ޝަރީފް އަޙްމަދުއެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން، ކޮންމެ އަހަރަކުވެސް ޢީދު ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކިއެކި ޙަރަކާތްތައް ހިންގެއެވެ. މިގޮތުން ހިންގާ ގިނަ ޙަރަކާތްތަކަކީ، އިސްލާމްދީނުގެ ތަރަޙައިން ބޭރުން ކުރެވޭ، އޭގައި ފާޙިޝް އެތައް ކަމެއް ހިމެނިގެން ހިންގޭ ޙަރަކާތްތަކެކެވެ. މިހެންކަމަށްވުމާއެކު، ޖަމްޢިއްޔަތުއްސަލަފާއި، އަދިވެސް ދީނީ ދަޢުވަތުގެ މައިދާނުގައި މަސައްކަތްކުރައްވާ އެކި ޖަމްޢިއްޔާތައް ގުޅިގެން، “ޢީދުއުފާ އިމުގެތެރޭ” މި ޝިޢާރުގެ ދަށުން ސޯޝަލް މީޑިއާގައި، އިސްލާމީ ތަރަޙައިގެ ތެރޭގައި ޢީދު ފާހަގަ ކުރުމުގެ މުހިއްމުކަމާއި ގުޅޭ ކެމްޕޭނެއް ކުރިއަށް ގެންގޮއްސައެވެ.
ގިނަ ރަށްތަކެއްގައި ޢީދު ފާހަގަ ކުރެވިގެން ދިޔައިރު، އިސްލާމްދީނާ ބީރައްޓެހި އެތައްކަމެއް ފެނިގެންދިޔަ ނަމަވެސް، މަދު ރަށެއްގައި އިސްލާމްދީނުގެ ތަރަޙައިގެ ތެރެއިން ޢީދުގެ ކުޅިވަރުތައް ބޭއްވިފައިވާކަން ފާހަގަ ކުރެވެއެވެ.
އިސްލާމްދީނުގެ ކަންކަން ކުރިއަރުވައި، އިސްލާމީ ރޫޙު އާލާކުރުމަކީ އަޅުގަނޑުމެންގެ ޖަމްޢިއްޔާގެ މަޤްޞަދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިހެންވުމާއެކު، މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމުގައި، އިސްލާމީ ތަރަޙައިގެ ތެރޭގައި ޢީދުގެ އުފާ ފާޅުކުރުމަށް ސަމާލުކަންދީ، އެގޮތުގެ މަތިން ޙަރަކާތްތައް ކުރިއަށްގެންގޮސްފައިވާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވޭ މި ޙަފްލާއަކީ ވަރަށް މުހިއްމު ފިޔަވަޅެއްކަމުގައި އަޅުގަނޑުމެން ދެކެމެވެ. މީގެ ސަބަބުން، އިތުރު ފަރާތްތަކުންވެސް، ޢީދު ފާހަގަ ކުރުމުގައި އިސްލާމްދީނުގެ ހުދޫދުގެ ތެރެއިން ޢީދު ފާހަގަ ކުރުމަށް ސަމާލުކަން ދޭނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަމެވެ.