އިސްލާމީ ޝަރީޢަތުގެ މަތިވެރި ޤަވާޢިދުގެތަކުގެ ތެރޭގައި ހިމެނޭ އެއް ޤަވާޢިދަކީ ޢަމަލުތަކުގެ ޖަޒާ ދެއްވުން ވަނީ އެ ޢަމަލެއްގެ ބާވަތުންކަމުގައި ލައްވާފައިވުމެވެ. އަދި ކުޑިފުކެއްގެ މިންވަރުގެ ހެޔޮކަމެއްކޮށްފައިވާ މީހާއަށްވެސް އެއްވެސް އުނިވުމަކާ ނުލައި އޭނާގެ ޢަމަލުގެ ހެޔޮ ޖަޒާ ދެއްވާނެއެވެ. ހަމައެފަދައިން، ކުޑިފުކެއްގެ މިންވަރުވެސް ނުބައި ޢަމަލެއް ކޮށްފައިވާ މީހާއަށް އޭނާ ކޮށްފައިވާ ނުބައި ޢަމަލުގެ ޙައްޤު ޢުޤޫބާތް ލިބޭނެއެވެ. ﷲ ތަޢާލާ އެއިލާހުގެ އެއްވެސް އަޅަކަށް އަނިޔާވެރިވެ ވޮޑިގެންނުވެއެވެ.
ކޮއްފައިވާ ޢަމަލުގެ ބާވަތުން ޖަޒާ ދެއްވުމަކީ އިސްލާމް ދީނުގެ ފުރިހަމަކަމާއި ސަމާޙަތްތެރިކަން ހާމަކޮށްދޭ ކަމެކެވެ. އަދި މިޤަވާޢިދަކީ ކީރިތި ޤުރްއާނުގެ ބަސްފުޅުތަކުން، އެމައްޗަށް ހެކިލިބޭ ޤަވާޢިދެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿هَلْ جَزَاء الْإِحْسَانِ إِلَّا الْإِحْسَانُ﴾ (الرحمن 60) މާނައީ: “ހެޔޮކަމުގެ ޖަޒާއަކީ، ހެޔޮ ދަރުމަކަމުގައި މެނުވީ ވާނެހެއްޔެވެ؟” ކޮންމެ މީހަކު ކުރި ޢަމަލަކަށް ފުރިހަމަ ޖަޒާ ދެއްވާނެއެވެ. އެ ޢަމަލަކީ ހެޔޮ ޢަމަލެއް ކަމުގައިވާނަމަ ހެޔޮ ޖަޒާއެވެ. އެޢަމަލަކީ ނުބައި ޢަމަލެއް ކަމުގައިވާނަމަ ނުބައި ޖަޒާއެވެ. އިޙްސާންތެރިކަމުގެ ޖަޒާއަކީ އިޙްސާންތެރިކަން ކަމުގައިމެނުވީ ނުވެއެވެ.
ތިމާއާއި ތިމާގެ ވެރި ރައްބާ ދެމެދުގައްޔާއި، ތިމާއާއި އެއިލާހުގެ އަޅުތަކުންނާ ދެމެދު އޮންނަ މުޢާމަލާތްތަކުގައިވެސް އިޙްސާންތެރިކަން ހިމެނެއެވެ. ޚާލިޤުވަންތަ އިލާހާ، އެ އިލާހުގެ އަޅާ އާއިދެމެދުގައި އޮންނަ އިޙްސާންތެރިކަން، ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ބަޔާންކޮށްދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. « أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ» މާނައީ: “އެއީ ތިބާއަށް ﷲ ތަޢާލާ ފެނިގެންހުރެ އަޅުކަން ކުރާ ފަދައިން ތިބާ އަޅުކަންކުރުމެވެ. އެހެނީ ތިބާއަށް އެއިލާހު ނުފެނުނު ކަމުގައިވިޔަސް، އެއިލާހު ތިބާގެ ދެކެވޮޑިގެންވެއެވެ.” (ރިވާކުރެއްވީ އަލްއިމާމުލް މުބާޚާރީއާއި އަލްއިމާމު މުސްލިމެވެ.)
އެމީހެއްގެ ވެރި ރައްބާ އޮންނަ ގުޅުމުގައި އިޙްސާންތެރިވެއްޖެ އަޅަކާއެކުގައި އޭނާގެ ކަންކަން އިޞްލާޙު ކުރައްވައި، އޭނާއަށް ރައްކާތެރިކަން ދެއްވުމުގައި މާތް ﷲ، އޭނާއާކެގައި ވޮޑިގެންވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ ﴾(العنكبوت 69) މާނައީ: “ތިމަންރަސްކަލާނގެ މަގުގައި ގަދައަޅައި މަސައްކަތްކުރާ މީހުން ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، އިޙްސާންތެރިންނާ އެކުގައިކަން ކަށަވަރެވެ.” އަދި ހަމައެފަދައިން، އިޙްސާންތެރިވާ އަޅުންދެކެ ﷲ ލޯބިވެވޮޑިގެންވާކަންމުގައިވެސް ވަނީ ވަޙީކުރައްވާފައެވެ.
މީސްތަކުންނާ ދެމެދުގައި އޮންނަ މުޢާމަލާތްތަކުގައި އިޙްސާންތެރިވާ މީހާ، މާތް ﷲ ގެ އަޅުތަކުންނަށް ފޯރުކޮށްދޭ ކޮންމެ ހެޔޮ ކަމެއްގެ ބަދަލު ހަމައެފަދައިން، މާތް ﷲ އެމީހަކަށް ދެއްވައެވެ. މީސްތަކުންނާމެދު މުޢާމަލާތް ކުރާ ގޮތަކަށް އޭނާގެ މައްޗަށްވެސް ކަންކަން މެދުވެރިކުރައްވައެވެ. ﷲ ގެ އަޅުތަކުންނާމެދު ޢަމަލުތައް ބަހައްޓާ ގޮތަކަށް، އޭނާއާމެދުވެސް މާތް ﷲ ކަންކަން މެދުވެރި ކުރައްވައެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާ ޙަދީޘެއްގެ މާނައިގައިވެއެވެ. “މުއުމިނަކަށް ދުނިޔޭގައި ދިމާވާ އުނދަގޫތަކުން އުނދަގުލެއް ފިލުވައިދީފި މީހާ ދަންނާށެވެ! އެ މީހަކަށް ޤިޔާމަތް ދުވަހުން މެދުވެރިވާ އުނދަގޫތަކުން އުނދަގުލެއް ﷲ ތަޢާލާ ފިއްލަވައިދެއްވާހުއްޓެވެ. އަދި އަތްމަތި ދަތިވެ، ޙާލުގައި ޖެހިފައިވާ މީހެއްގެ ދަތިކަން ފިލުވައިދީފި މީހާ ދަންނާށެވެ! އެ މީހަކަށް ދުނިޔެއާއި އާޚިރަތުގައި ﷲ ތަޢާލާ ތަނަވަސްކަން ދެއްވާހުއްޓެވެ. އަދި މުސްލިމެއްގެ ޢައިބު ފޮރުވައިދީފި މީހާ ދަންނާށެވެ! ދުނިޔެއާއި އާޚިރަތުގައި ﷲ ތަޢާލާ އެމީހެއްގެ ޢައިބުތައް ފޮރުއްވައި ދެއްވާހުއްޓެވެ. އަޅާ، އޭނާގެ އަޚާއަށް އެހީތެރުވުމުގައި ދެމިހުރިހައިހިނދަކު، ﷲ ތަޢާލާ އެކަލާނގެ އަޅާއަށް ވާގިވެރިވެވޮޑިގަތުމުގައި ދެމިވޮޑިގެންވާހުއްޓެވެ. އަދި ދުނިޔެއާއި އާޚިރަތުގައި، މުސްލިމުންނަށް މަންފާހުރި ޢިލްމެއް ޙާޞިލުކުރުމުގެ މަގެއްގައި ހިނގައފި މީހާ ދަންނާށެވެ! އޭގެ ސަބަބުން އެ މީހަކު ސުވަރުގެ ދިޔުމަށް ފަސޭހަވާނޭ މަގެއް، ﷲ ތަޢަލާ އެ މީހަކަށް ދައްކަވާހުއްޓެވެ.” (ރިވާކުރެއްވީ އަލްއިމާމު މުސްލިމްއެވެ.)
ޢަމަލުތަކަށް ޖަޒާދެއްވުންވަނީ އެ ޢަމަލު ކުޅަ ބާވަތަކުންނެވެ. ކުރެވުނު ހެޔޮ ޢަމަލަކަށް ޖަޒާދެއްވާހުށީ އެ ހެޔޮ ޢަމަލުގެ ބާވަތުން ކަމުގައިވާފަދައިން، ކުރެވޭ ނުބައި ޢަމަލުގެ ޢުޤޫބާތްވެސްވަނީ ކުރި ނުބައި ޢަމަލާ އެއް ބާވަތަކުންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ ثُمَّ كَانَ عَاقِبَةَ الَّذِينَ أَسَاءُوا السُّوأَى ﴾ (الروم 10) މާނައީ: “ދެން ނުބައިކޮށް ކަންތައްކުރި މީހުންގެ ނިމުންވީ (އެއުރެންނަށް ލިބުނު) އެންމެ ނުބައި ޖަޒާއަށެވެ.”
ވީމާ، ހެޔޮ ޢަމަލުތައް ގިނަ ކުރާށެވެ. ތިބާގެ ވެރި ރަސްކަލާނގެއާ އޮތް ގުޅުން އިޞްލާޙުކޮށް، އިޙްސާންތެރިކަމާއެކު އަޅުކަމުގައި ދެމިހުންނާށެވެ. އަދި އެއިލާހުގެ އަޅުތަކުންނަށް ހެޔޮ ފޯރުކޮށްދޭހިނދު، އެހެޔޮކަމުގެ ޖަޒާ އުނިނުވެ ތިބާއަށް ލިބޭނޭކަން ކަށަވަރުކުރާށެވެ. ދެދުނިޔޭގެ ބާއްޖަވެރިކަންހުރި މަގަކީ އެއީއެވެ.