އަލްއިމާމު އައްޠަޙާވީ – رحمه الله – އެކަލޭގެފާނުގެ ފޮތް ކަމުގައިވާ އަލްޢަޤީދަތުއް ޠަޙާވިއްޔާގައި ވިދާޅުވެފައިވެއެވެ.
” ސުވަރުގެއާއި ނަރަކަ ވަނީ މިހާރުވެސް ހައްދަވާފައެވެ. މިދެތަން ދުވަހަކުވެސް ފަނާ ނުވާނެއެވެ. އަދި ނިމުމަކަށްވެސް ނާންނާނެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ސުވަރުގެއާއި ނަރަކަ އެހެން ޚަލްގުތަކުންނަށް ވުރެ ކުރިން ހެއްދެވިއެވެ. އަދި ކޮންމެ ތަނަކަށް ވެސް އެތަނެއްގެ އަހުލުވެރިން ހެއްދެވިއެވެ. އެކަލާނގެ އިރާދަ ކުރައްވާ ބައެއް އެކަލާނގެ ފަޟްލުވަންތަކަމުން ސުވަރުގެ ވައްދަވައެވެ. އަދި އެކަލާނގެ އިރާދަ ކުރައްވާ ބައެއް އެކަލާނގެ ޢަދުލުވަންތަކަމުން ނަރަކަ ވައްދަވައެވެ.”
ޢަބުލް ޢިއްޒުލް ޙަނަފީ – رحمه الله – އަލްޢަޤީދަތުއް ޠަޙާވިއްޔާގައި އިމާމުއް ޠަޙާވީގެ މިބަސްފުޅު ޝަރަޙަ ކުރަމުން ވިދާޅުވިއެވެ.
“ސުވަރުގެއާއި އަދި ނަރަކަ ވަނީ މިހާރުވެސް ހައްދަވާފައިކަމަށް ސުންނަތް ޖަމާޢަތުގެ އަހްލުވެރިން އިއްތިފާޤްވެއެވެ. އަދި ސުންނަތް ޖަމާޢަތުގެ އަހުލުވެރިން މިގޮތުގައި ތިއްބާ ސުންނަތް ޖަމާޢަތުގެ އަޤީދާއިން ބޭރުވެގެންވާ ބައެއް ކަމުގައިވާ، މުޢުތަޒިލާއިން އަދި ޤަދަރިއްޔާއިން މިކަމަށް އިންކާރުކުރިއެވެ. އަދި އެމީހުން ބުންޏެވެ. ﷲ ތަޢާލާ ސުވަރުގެއާއި ނަރަކަ އުފައްދަވާނީ ޤިޔާމަތް ދުވަހުންނެއެވެ. “
އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ.
“މިބައިމީހުން ބުންޏެވެ. ޙިސާބު ބައްލަވައި ޖަޒާދެއްވުމުގެ ކުރިން ސުވަރުގެ (އަދި ނަރަކަ) ހެއްދެވުމަކީ ބޭކާރު ކަމެކެވެ. އެހެނީ އެކަން އެގޮތަށް ކޮށްފިނަމަ އެތަން ވަރަށް ގިނަ ޒަމާން ތަކެއް ވަންދެން ބޭނުން ނުކޮށް ފަޅުކޮށް ހުންނާނެވެ. މިބައިމީހުންގެ މިބާޠިލް ޢަޤީދާ ދެކޮޅަށް ޤުރުއާނާއި ސުންނަތުގައި އައިސްފައި ހުރި ނައްޞުތައް ގަބޫލު ނުކޮށް ދޫކޮށް އަދި އެނައްޞުތައް ނުބައިކޮށް މާނަކޮށް، އެބައިމީހުންނާ ޚިލާފުވާ މީހުންނަކީ މަގުފުރެދިފައިވާ ބިދުޢަވެރިން ކަމުގައިވެސް އެބައިމީހުން ބުންޏެވެ.”
ދެން އެއަށްފަހު އެކަލޭގެފާނު ޤުރުއާނާއި ސުންނަތުގައި ސުވަރުގެއާއި ނަރަކަ މިހާރުވެސް ﷲ ތަޢާލާ ވަނީ ހައްދަވާފައިކަމާއި، އެކަމުގެ މައްޗަށް ދާލީލުކޮށްދޭ ނައްޞުތައް ބަޔާން ކޮށްދެއްވިއެވެ.
ﷲ ތަޢާލާ ސުވަރުގެއާއި ބެހޭގޮތުން ވަޙީކުރެއްވިއެވެ.
(أُعِدَّتْ لِلْمُتَّقِينَ) [سورة آل عمران 133]
މާނައީ:”އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާވެރިންނަށެވެ.”
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.
(أُعِدَّتْ لِلَّذِينَ آمَنُوا بِاللَّـهِ وَرُسُلِهِ) [سورة الحديد 21]
މާނައީ:” އެ ސުވަރުގެ ތައްޔާރު ކުރައްވާފައިވަނީ، ﷲ އަށާއި، އެކަލާނގެ ރަސޫލުންނަށް އީމާންވި މީހުންނަށްޓަކައެވެ.”
އަދި ނަރަކަޔާ ބެހޭގޮތުން ވަޙީކުރެއްވިއެވެ.
(وَاتَّقُوا النَّارَ الَّتِي أُعِدَّتْ لِلْكَافِرِينَ) [سورة آل عمران 131]
މާނައީ:”އަދި، ނަރަކަޔަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ނަރަކަޔަކީ، ކާފިރުންނަށްޓަކައި ތައްޔާރުކުރައްވާފައިވާ ތަނެކެވެ.”
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.
(إِنَّ جَهَنَّمَ كَانَتْ مِرْصَادًا ﴿21﴾ لِّلطَّاغِينَ مَآبًا ﴿22﴾)[سورة النبإ 21,22]
މާނައީ:” ހަމަކަށަވަރުން، ނަރަކައީ، އެތަނަކުން ކުށްވެރިންނަށް ބަލަބަލައިތިބޭ ތަނެއްކަމުގައިވެއެވެ. ކާފިރުންނަށް އެއުރެން އެނބުރިގޮސް ތިބޭނެތަނެއްގެ ގޮތުގައެވެ.”
އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ.
(وَلَقَدْ رَآهُ نَزْلَةً أُخْرَىٰ ﴿١٣﴾ عِندَ سِدْرَةِ الْمُنتَهَىٰ ﴿١٤﴾ عِندَهَا جَنَّةُ الْمَأْوَىٰ ﴿١٥﴾ )[سورة النجم 13, 15,14]
މާނައީ:”ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) އެހެންފަހަރަކުވެސް އެ މަލާއިކަތާ ދެކެވަޑައިގަތްކަން ކަށަވަރެވެ. ސިދްތަރުލް މުންތަހާގެ ކައިރިންނެވެ .އެތާނގެ ކައިރީގައި ޖަންނަތުލް މައުވާވެއެވެ. (އެއީ މުއުމިންތަކުންގެ ފުރާނަތަކުގެ މަރްކަޒެވެ.).”
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް ސިދްރަތުލް މުންތަހާ (ސުވަރުގޭގައިވާ ގަހެއް) ފެނިވަނޑައިގެންނެވިއެވެ. އަދި އެތާނގެ ކައިރީގައި ޖަންނަތުލް މައުވާ ވަނިކޮށް ފެނިވަނޑައިގެންނެވިއެވެ. މިވާހަކަ ޞަޙީޙު ބުޚާރީ އަދި މުސްލިމުގައި އަނަސްގެފާނުގެ ކިބައިން އިސްރާ އަދި މިޢުރާޖުގެ ހާދިޘާގައި ރިވާވެގެން އައިސްފައިވެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
(( ثُمَّ انْطَلَقَ، حَتَّى أَتَى السِّدْرَةَ الْمُنْتَهَى، فَغَشِيَهَا أَلْوَانٌ لاَ أَدْرِي مَا هِيَ، ثُمَّ أُدْخِلْتُ {الْجَنَّةَ} فَإِذَا فِيهَا جَنَابِذُ اللُّؤْلُؤِ وَإِذَا تُرَابُهَا الْمِسْكُ )) رواه البخاري
“ދެން ޖިބްރީލުގެފާނު ތިމަން ކަލޭގެފާނު ގޮވައިގެން ސިދްތަރުލް މުންތަހާ ހަމަޔަށް އައެވެ. އަދި އެތަން ވަނީ ބުނެދެން ނޭގޭ ކުލަތަކުން ފޮރުވިގެންނެވެ. ދެން ތިމަންކަލޭގެފާނު ސުވަރުގެއަށް ވެއްދެވުނެވެ. އެތަނުގައި ހުރީ މުތީގެ ޤުއްބުތަކެވެ. އަދި އެތާނގެ ވެއްޔަކީ ގޮމަކަސްތޫރިއެވެ”
=ނުނިމޭ=