ޙަޤީޤަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މަޢުރިފާކޮށް އަޅުގަނޑުމެންނަށް އެނގޭނަމަ، މިސްކިތްތަކެއް ހުހަކަށް ނުހުންނާނެ ކަމަށް ޖަމްޢިއްޔަތުއްސަލަފްގެ ނައިބުރައީސް އަދި ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝައިޚް މިފަދައިން ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރީގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދާ “ސަލަފް ރިޙްލާ 2026” އިފްތިތާޙުކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތަށްފަހު، “އޭ ދަރިފުޅާއެވެ!” މި މައުޟޫޢަށް ކުރިއަށްގެންދިޔަ ޚާއްޞަ ފޯރަމްގައި ދެއްކެވި ވާހަކަފުޅުގައެވެ.
މާތް ﷲ މަޢުރިފާކޮށް ދެނެގަތުމަކީ، ޙަޤީޤީ މާނައިގައި ދެނެގަތުމަކީ ކޮބައިތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން، ޝައިޚު ވަނީ ވަރަށް ދިގުކޮށް ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ޝައިޚް ވިދާޅުވީ، އަޅުގަނޑުމެން ކޮންމެ މީހަކުވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއާ ބެހޭގޮތުން އެނގެނީ ކޮންއެއްޗެއްތޯ ސުވާލުކޮށްލައިފިނަމަ އަޅުގަނޑުމެން ކީކޭތޯ ބުނާނީ، ކޮންޖަވާބެއްތޯ ދޭނީ، އެއީ އަޅުގަނޑުމެން ހެއްދެވިފަރާތް ކަމުގައި ބުނެފައި ނިންމާލާނީތޯ، އަދި އެވަރުން ފުދުނީތޯ ޝައިޚު ސުވާލުކުރެއްވިއެވެ.
ﷲ މަޢުރިފާ ކޮށް، އެއިލާހަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމަށް އަޅުގަނޑުމެންނަށް ވަރަށް ގިނައިން ޚުޠުބާތަކުގަޔާއި ދަރުސްތަކުގައި އަޑުއިވޭކަމަށާއި ނަމަވެސް، ﷲ ސުބުޙާނަހޫ ވަތަޢާލާއާ ބެހޭގޮތުން އަޅުގަނޑުމެންނަށް އެންމެ ފުރިހަމަގޮތުގައި ނޭންގޭކަމަށް ޝައިޚް ވިދާޅުވިއެވެ.
“ﷲ މަޢުރިފާކޮށް ދަސްކުރާވާހަކައަކީ ވަރަށް ގިނައިން އަޅުގަނޑުމެން ޚުޠުބާ ތަކުގަޔާ ނަސޭޙަތްތަކުގައި އަޑުއަހާވާހަކައެއް. އެކަމަކު ކަނޑައެޅި ފާޅުވެ ފެންނަން އޮތް ޙަޤީޤަތަކީ ކާއިނާތުގައި އަޅުގަނޑުމެންނަށް ފެންނަ ތަކެއްޗާ، ނުފެންނަ ތަކެއްޗާ އަޅުގަނޑުމެންނަށް ނުފެންނަ ހިސާބުގައި މިހިރަ ހުރިހާ ތަކެއްޗާ، މިހުރިހާ އެއްޗެއް ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނަވައި، އެތަކެތި ތަދުބީރު ކުރައްވައި، އެތަކެއްޗަށް ރިޒުޤު ދެއްވައި، އެތަކެތި ބަލަހައްޓަވައި އެ ތަކެތީގެ ރައްބުވަންތަ އިލާހުއާ ބެހޭގޮތުން އަޅުގަނޑުމެންނަށް އެނގެންޖެހޭ މަޢުލޫމާތު ނޭންގޭ ކަމުގެ އެންމެ ބޮޑު ހެއްކަކީ އެ އިލާހަށް އަދާކުރަންޖެހޭ ޙައްޤު ޤަދަރު އަދާކުރާތަން މުޖުތަމަޢުގައި ނުފެންނާތީ. އެއީ ވަރަށް ބޮޑު ހެއްކެއް.” ޖަމްޢިއްޔާގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ދުނިޔޭގައި އެކިއެކި ފަންނުތަކާއި ހުނަރުތަކުގެ އަހުލުވެރިން ދުނިޔެ އުފެދުމުގެ ކުރީގެ ވާހަކަތަކާއި، ބިމާ އެތައްހާސް ދުރުމިނެއްގައި ހުރި އެއްޗެއްގެ ވާހަކަ ދައްކައިފިނަމަ އެފަދަ މީހަކު މޮޅުމީހަކަށްވެގެން، އެމީހާގެ ވާހަކަތައް އަޅުގަނޑުމެންގެ ތަޢުލީމީ މުޤައްރަރުގައި ކިޔަވައިދޭ ކަމަށް ޝައިޚް ވިދާޅުވިއެވެ. ނަމަވެސް މިފަދަ ފަރާތްތަކަށް ﷲގެ ކުޅަދުންވަންތަކަން ނޭންގޭކަމަށާއި، އެންމެ ބޮޑަށް އެނގެންޖެހޭނެ ޙަޤީޤަތަކީ އެއީ ކަމުގައި ޝައިޚު ވިދާޅުވިއެވެ.
” އަޅުގަނޑުމެން މިސާލަކަށް ބަލާ، މިހާރު އަޅުގަނޑުމެންގެ މި ދުނިޔޭގައި އުޅޭ އެކިއެކި ފަންނުތަކާ ހުނަރުގެ އަހުލުވެރިން އެބަކިޔާ ދުނިޔެ އުފެދުމުގެ މިތަށްހާސް އަހަރު ކުރީގައި ކޮންމެސް ކަމެއް ހިނގާފައި އޮތްވާހަކަ. ހަތްހާސް އަހަރުގެ ވާހަކަ، އަށްހާސް އަހަރުގެ ވާހަކަ އެތައްހާސް އަލިއަހަރެއްގެ ވާހަކަ، ބިމާ މިވެނި ދުރުމިނެއްގައި މިވެނި އެއްޗެއް ހުރިވާހަކަ، އެވެނި އެއްޗެއް ހުރިވާހަކަ އޭގައި މިވެނި އެއްޗެއް ހުރިވާހަކަ، ކިޔައިގެން ވަރަށްބައިވަރުވާހަކަ ދެއްކީމައި، އަޅުގަނޑުމެން މިބުނަނީ ހާދަހާވާ މޮޅުމީހެކޭ އޭނައަކީ، ދެން އެމީހާ މޮޅުވީމާ، އެމީހާގެ ފޮޓޯ އަޅުގަނޑުމެންގެ ޕްރޮފައިލްއަށްލައި، މުޤައްރަރުގައި ކިޔަވައިދީ، އެމީހާ ހަދާފައިހުރި ރިސާޗްތަކާ އެއްޗެތި ބަލާ ދިރާސާކޮށް މިހުރިހާ އެއްޗެއް ކިޔައިގެން އޭނާ އެއީ ވަރަށް ވަރުގަދަ މީހެއް ދެން ކޮންމެއަކަސް، އެއީ އޭނާގެ ޢިލްމީ ހުނަރުތައް، އޭނަ މޮޅުވީމައި. އެކަމަކު އޭނަ މުޅި ކާއިނާތުގައި އޭނާގެ ޢިލްމު ފޯރާ ހުރިހާ ހިސާބަކަށްގޮސް ބައިވަރު ވާހަކަ ދެއްކި އިރުވެސް މި ކާއިނާތުން އެންމެ ބޮޑަށް އެނގެންޖެހޭ ޙަޤީޤަތް އޭނައަކަށް ނޭންގެ. އެއީ މާތްރަސްކަލާނގެ ކުޅަދުންވަންތަކަން ނޫން ހުރިހާ އެއްޗެއް އޭނައަށް އެނގޭ. ދެން ކޮންއެއްޗެއްތޯ އޭނައަށް މި އެނގެނީ.”
ފުރިހަމަ ތަފްޞީލީ ޖަވާބެއް ލިބިގެންދިޔަ މި ސުވާލަށް ޖަވާބުދެއްވަމުން ޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ، ދުނިޔޭގެ ޢިލްމުވެރިންނާއި ސައިންސްވެރިން ކާއިނާތުގެ އެކި ހޯދުންތަކާއި އެތައް ހާސް އަހަރެއްގެ ވާހަކަތައް ދެއްކި ނަމަވެސް، އެ އެންމެހައި ވާހަކަތަކެއް ބިނާވެފައިވަނީ ފުރަތަމަ އުޑުގެ ތިރީގައި ވާހަކަތައްކަން ޝައިޚް ވިދާޅުވިއެވެ.
” ބައްލަވާ ދުނިޔޭގެ މި އެކިއެކި ޢިލްމީ ހޯދުންތަކާ ސައިންޓިސްޓުންނާ މިހުރިހާ އެންމެންގެ ހުރިހާ އެންމެންގެ ހޯދުންތައްވެސް އެއްކުރީމައި ފުރަތަމަ އުޑު ކަޑައްތު ކޮށް ނުދޭ. ފުރަތަމަ އުޑާ ހަމައަކަށް ނުދޭ. މިތާ ހުރިހާ އެންމެން މިދައްކާ ހުރިހާ ވާހަކައަކީވެސް ފުރަތަމަ އުޑުގެ ތިރީގައި ދެކެވޭ ވާހަކަ. ވިސްނާލައްވާ! އެތައް ބައިވަރު އަހަރުތަކެއްގެ ވާހަކައާ އެތައްބައިވަރު ކަންތައްތަކެއްގެ ކާއިނާތުގައި ހިނގާ ވާހަކަޔާ، މިހުރިހާ އެއްޗެއް މިދައްކަނީ ކޮންވާހަކައެއްތޯ! ވަރަށް މަގަތުގައި ހިނގާ ކަންތައްތަކެއްގެ ވާހަކަ މިދައްކަނީ. ފުރަތަމަ އުޑުގެ ތިރީގައި ހިނގާ ކަންތައްތަކެއްގެ ވާހަކަ މިދައްކަނީ.” އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވިއެވެ.
އަދި ކީރިތި ޤުރުއާނުގައި ހަތް އުޑުގެ ވާހަކައާއި، މަލަކޫތީ ޢާލަމުގެ ވާހަކަޔާއި އިންސާނުން ޚަލްޤުކުރެއްވުމުގެ ކުރިން ކަންކަން ހިނގާފައިވާ ގޮތުގެ ވާހަކަތަކާއި، މަލާއިކަތުންނާއި ﷲ ސުބުޙާނަހޫ ވަތަޢާލާއާ ދެމެދު ދެކެވިފައިވާ ވާހަކަތައްވެސް ކީރިތި ޤުރުއާނުގައި އައިސްފައިވާކަން ޝައިޚު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މިދައްކަނީ ހަތް އުޑުގެ ވާހަކަ، ހަތް އުޑުގެ މަތީގައި ވޮޑިގެންވާ އިލާހެއްގެ ވާހަކަ، ހަތް އުޑުގެ ކަންކަމުގެ ވާހަކަ. މަލަކޫތީ ޢާލަމުގެ ކަންތައްތަކުގެ ވާހަކަ، އިންސާނާ އުފެއްދެވުމުގެ ކުރީގައި މަލާއިކަތުންނާއި ﷲ ސުބުޙާނަހޫ ވަތަޢާލާއާ ދެކެވިފައި ހުރި ވާހަކަޔާއި ޤުރުއާނުގައި އައިއްސައި ހުރީ. އެހެންވީމާ، ޙަޤީޤަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ، ހެއްދެވި ފަރާތުގެ މަޢުރިފާކޮށް އަޅުގަނޑުމެންނަށް އެނގޭނަމަ އަޅުގަނޑުމެންގެ މިސްކިތްތަކެއް ހުހަކަށް ނުހުންނާނެ. އެއީ ޔަޤީންކަމެއް.” ޖަމްޢިއްޔާގެ ނައިބުރައީސް އަދި ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އަޅުގަނޑުމެން ކޮންމެ ކުއްޖެއްގެ ކައިރީގައި، އެންމެ ލޯބިވަނީ ކޮންފަރާތެއްދެކެތޯ ސުވާލުކޮށްލައިފިނަމަ، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އަދި ކުއްޖެއްގެވެސް ޖަވާބަކަށްވަނީ މާތްﷲ ކަމުގައި ބުނާކަމަށާއި، ނަމަވެސް، ﷲ ގޮވާލެއްވީމައި އެ ގޮވާލެއްވުމަށް އިޖާބަނުދީ، ﷲ އެންގެވި ކަންކަން ނުކޮށް، އަޅުގަނޑުމެން ކުރާ ކަންކަމުގައި ﷲ ރުއްސަވާތޯ ނުވަތަ ނުރުއްސަވާތޯ ބެލުން އަޅުގަނޑުމެންނަށް މުހިއްމުނުވާކަމުގައި ޝައިޚް ވިދާޅުވިއެވެ.
ކުޑަކުދިންނަށްވެސް ފަސޭހައިން ވިސްނޭ ބަހުރުވައިން ޝައިޚު ވަނީ މި ސުވާލަށް ޖަވާބުދެއްވާފައެވެ. މިގޮތުން ﷲ ދެކެ ލޯބިވުމަކީ ކޮބައިތޯ ސުވާލުކުރައްވަމުން ވަރަށް ރީތި މިސާލަކުން އޭގެ ޖަވާބު ޝައިޚު ބުނެދެއްވިއެވެ. މިގޮތުން ޝައިޚު ވިދާޅުވީ، މީހަކު އަޅުގަނޑުމެންގާތު “ތިމަންނަ ކަލޭދެކެ ވަރަށް ލޯބިވެއޭ” ބުނެފައިމެ، އެ ލޯބިވާމީހާ ބުނާތާކަށް ނުދާކަމަށާއި، ކުރަން ބުނާ ކަންކަން ނުކުރާކަމަށާއި، އޭނާ ރުޅިއަންނަ ހުރިހާ ކަމެއް ކުރާކަމަށް ވިދާޅުވިއެވެ. މިފަދަ އިން މީހަކު ބުނާއިރު، އަޅުގަނޑުމެންކައިރީގައި އެއީ ތެދެއްތޯ ސުވާލުކޮށްފިނަމަ، ޚުދު އަޅުގަނޑުމެންވެސް ބުނާނީ އެމީހަކު އެހަދަނީ ދޮގުކަމުގައި ބުނާކަމަށާއި ތިކަން ޤަބޫލެއް ނުކުރެވޭނެކަމުގައި ބުނާއިރު، މިއީ އަޅުގަނޑުމެންގެ ގުޅުންތައް މިންކުރާގޮތްކަމުގައި ޝައިޚް ވިދާޅުވިއެވެ. އަދި ހަމަ މި މިސާލުން ﷲދެކެ ލޯބިވާކަމުގައި ބުނެ ޢަމަލުކުރެވެމުންދާ ގޮތް ވިސްނާދެއްވިއެވެ.
“ދެން ސުވާލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެ ލޯބިވާކަމަށް އަހަރެމެން ބުނެފައި، އެކަލާނގެ ގެ (މިސްކިތް) އަޅުގަނޑުމެން ފަޅަށް ބަހައްޓާފައި، އެކަލާނގެ ގޮވާލެއްވީމައި ނުގޮއްސައި، އެކަލާނގެ އަމުރު ކުރެއްވީމަ ކިޔަމަންތެރި ނުވެފައި އެކަލާނގެ ނަހީކުރެއްވި ކަންތައް ކޮށްފައި، ދެން އެ ލޯތްބަށް އަޅުގަނޑުމެން ދަޢުވާކުރީމައި، ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ޤަބޫލުކުރައްވާނެތޯ! މީ ކޮންމެ ނަފުސަކުވެސް ކުރަންޖެހޭ ސުވާލެއް.” އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވިއެވެ.
ދަރިވަރުންނާ މުޚާޠިބުކޮށް ޝައިޚު ވިދާޅުވީ މިއަދު މައިންބަފައިންނަށްވުރެ ބޮޑަށް ދަރިވަރުން ކިޔަވާ މުޤައްރަރުތަކުގައި ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ވާހަކަތައް ހިމެނޭކަމާއި، އިންސާނާގެ ހަށިގަނޑާއި، ގުނަވަންތަކުގައި ލައްވާފައިވާ އަޖައިބެއްފަދަ ކަންތައްތަކާއި، ގަސްގަހާ ގެއްސާ ދިރޭ ތަކެތީގައި ހުރި އަޖާއިބު ކުރުވަނިވި ވާހަކަތައް އެގެން ހުރިއިރު، މި ކަންކަމަކީ ދަރިވަރުން ޕްރޮޖެކްޓް ހަދައި ޕްރޮޒެންޓޭޝަން ހަދާ މަތީ މާކްސް ހޯދާ ކަންކަން ކަމުގައި ވިދާޅުވިއެވެ. އަދި އެތައް ބައިވަރު ވަނަތަކެއް މިކަންކަމުން ހޯދަމުންއަންނައިރު، ސިކުނޑީގެ އެއްބައި ގެއްލިފައި އޮންނަކަން ފާހަގަކުރައްވަމުން ވިދާޅުވީ، ޚާލިޤުވަންތަ ﷲގެ މަތިވެރިކަން، އެނގިއްޖެއްޔާ އެ އިލާހަށް ބިރުވެތިވެ، ކިޔަމަންތެރިވި، އެއިލާހުގެ ލޯބި ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިޖީލު އިޞްލާޙުވެ ރަނގަޅު ތަރުބިއްޔަތެއްގައި ތަރުބިއްޔަތުވަމުން އަންނާނީ މިފަދައިން ވިސްނާ ފިކުރުކޮށް، ﷲ މަޢުރިފާކުރެވިގެންކަމުގައި ޝައިޚް ވިދާޅުވިއެވެ.
“އެ މަތިވެރިވަންތަކަން އަޅުގަނޑުމެންނަށް އެނގިއްޖެއްޔާ އެ އިލާހަށް ބިރުވެތިވާނެ، ކިޔަމަންތެރިވާނެ އެއިލާހުގެ ލޯބި ހޯދަން މަސައްކަތް ކުރާނެ. އޭރުން މިޖީލު މިދަންނަވާ ރަނގަޅު ތަރުބިއްޔަތެއް އަންނާނީ. އެހެންވީމަ، ﷲ މަޢުރިފާކޮށް އެނގުން އެއީ ކާއިނާތުގައި ލައްވާފައިވާ ކޮންމެ އެއްޗަކުންވެސް ވިސްނާ ފިކުރުކުރަންޖެހޭ ޚާލިޤުވަންތަ އިލާހުގެ މަތިވެރިކަން، އެއީ ޤުރުއާނުގައި ﷲ ޢަމުރުކުރައްވާފައިވާ ގޮތަކީ، ވިސްނާ ފިކުރުކުރުމަށް އަޅުގަނޑުމެން ކަންކަމަށް ދިރާސާކޮށް ބަލާ ހޯދުމަށް، ކޮންމެ އެއްޗަކީވެސް ﷲ ގެ ކުޅަދުންވަންތަކަން އަޅުގަނޑުމެންނަށް ކިޔައިދޭ އެއްޗެއް، އެއީ ޙަޤީޤަތުގައި ﷲ މަޢުރިފާ ކޮށް ދެނެގަތުމުގެ މާނައަކީ.” އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވިއެވެ.

