ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާ ޖަމްޢިއްޔަތުއްސަލަފު ގުޅިގެން، ޙަދީޘް އިޖާޒާ ނުވަތަ ސަނަދު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ. ތަޤުރީރަކާއެކު ބޭއްވުނު މި ބައްދަލުވުމުގައި ޙަދީޘް އިޖާޒާ ދެއްވީ، މަދީނާ އިސްލާމީ ޔުނިވަރސިޓީން ޙަދީޘް ޢިލްމުން ޕީ.އެޗް.ޑީ ޙާޞިލްކުރައްވާފައިވާ ޑރ. މުޙައްމަދު ރާޒިޤު މުޙައްމަދު އަމްޖަދު ރާޒިޤުއެވެ.
އިސްލާމީ ޔުނިވަރސިޓީގެ ޤުރުއާނާ ސުންނަތާ ބެހޭ ކުއްލިއްޔާއިން އިންތިޒާމު ކުރި މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މިއަދު މެންދުރު 1:00 އިން 3:00 އަށް އެ ޔުނިވަރސިޓީ ހޯލުގައެވެ. 
އުސްތާޛުންނަށާ، ޝަރީޢާ ގުރެޖުއޭޓުންނާއި ދަރިވަރުންނަށް ޢަމާޒުކޮށްގެން ބޭއްވުނު ޙަދީޘް އިޖާޒާ ދިނުމުގެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ޢަރަބި ބަހުންނެވެ. މިއަދުގެ މި ޕްރޮގްރާމުގައި، އިމާމް ނަވަވީގެ މަޝްހޫރު ޙަދީޘް ފޮތެއްކަމުގައިވާ الأربعون النووية (އިމާމް ނަވަވީގެ 40 ޙަދީޘް) ފޮތާއި، އިމާމު އިބްނު ޙަޖަރުގެ نخبة الفكر (ނުޚްބަތުލް ފިކްރު) ޙަދީޘް ޢިލްމުގެ ފޮތުން އިޖާޒާ ދެވުނެވެ. ޙަދީޘް އިޖާޒާ ނުވަތަ ސަނަދަކީ، އިސްލާމްދީނުގެ ޢިލްމުތަކުގެ ތެރެއިން މަތިވެރި ޢިލްމެކެވެ.
ޖަމްޢިއްޔަތުއްސަލަފްގެ ދަޢުވަތަކަށް، ރާއްޖެ ވަޑައިގެންނެވި ޑރ. މުޙައްމަދު ރާޒިޤު މުޙައްމަދު އަމްޖަދު ރާޒިޤު އަކީ ސްރީލަންކާގެ ޢިލްމުވެރިއެކެވެ. ޢުލޫމުލް ޙަދީޘުން ޕީ.އެޗް.ޑީ ޙާސިލް ކުރައްވާފައިވާއިރު، ޑރ. އަމްޖަދުއަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ހަމައަށް ޙަދީޘް ރިވާކުރެއްވުމުގެ ސަނަދު އޮންނަ ބޭފުޅެކެވެ.
ޙަދީޘް އިޖާޒާ ނުވަތަ ސަނަދަކީ އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ހަމައަށް ޙަދީޘްގެ ސަނަދު ރިވާކުރުމުގެ ހުއްދަ ދިނުމެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި، ޙަދީޘް އިޖާޒާ ދެވުނު މިއީ ފުރަތަމަ ފަހަރެވެ.

