ޖަމްޢިއްޔަތުއްސަލަފުން މުލަކަތޮޅު ދިއްގަރު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ދީނީ އަދި އިޖުތިމާޢީ ހޭލުންތެރިކަން ފެތުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން ޤާއިމުކުރެވުނު މި ފަހުމުނާމާގެ މުއްދަތަކީ 4 އަހަރެވެ.
މި ފަހުމުނާމާގައި ސޮއިކުރެވުނީ، މިކަމަށްޓަކައި ޖަމްޢިއްޔާގެ އޮފީހުގައި އިއްޔެ ހަވީރު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ޖަމްޢިއްޔާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަމްޢިއްޔާގެ ރައީސް، އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމްއެވެ. އަދި ދިއްގަރު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް، އަޙްމަދު ނިޝާންއެވެ.
އިއްޔެ ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން، ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އިޖުތިމާޢީ އެކިއެކި މަސައްކަތު ބައްދަލުވުންތައް ހިންގައިދިނުމުގެ އިތުރުން، ކޮންމެ 3 މަހަކުން އެ ކައުންސިލާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އަޅުގަނޑުމެންގެ ޢިލްމުވެރިން ދިއްގަރަށް ފޮނުވައިދިނުން ހިމެނެއެވެ. އަދި ކައުންސިލުން އެދިއްޖެ ޙާލަތެއްގައި، ޝަރުޢީ ތަފާތު ކަންކަމުގައި އަޅުގަނޑުމެންގެ ޢިލްމުވެރީންގެ މަޖިލީސް މެދުވެރިކޮށް ލަފާއެރުވުންވެސް މި ފަހުމުނާމާގައި އެއްބަސްވެވުނު ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ. މީގެއިތުރުން، މި ޕްރޮގްރާމްތައް ހިންގުމުގައި ކައުންސިލްގެ ފަރާތުން ދޭންޖެހޭ އެއްބާރުލުމާއި ކުރަންޖެހޭ ކަންތައްތައްވެސް މި ފަހުމުނާމާގައި ބަޔާންކޮށްފައިވެއެވެ.
ސޮއިކުރުމަށް އިއްޔެ ބޭއްވުނު މި ރަސްމިއްޔާތުގައި، ދިއްގަރު ކައުންސިލްގެ ނައިބު ރައީސް ޢަބްދުﷲ އާރިފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އަޅުގަނޑުމެން ހިންގާ ޙަރަކާތްތަކުގައި ކައުންސިލްތަކުން ދެއްވާ އެއްބާރުލުން އުފަލާއެކު ފާހަގަކުރަމެވެ. ދީނީގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ލ. މާވަށު ކައުންސިލާއި އއ. ހިމަންދޫ ކައުންސިލާއެކު ވެސް މިއަހަރު ސޮއިކުރެވިފައިވާކަން މިފުރުޞަތުގައި ފާހަގަ ކުރަމެވެ.

