ޖަމްޢިއްޔަތުއްސަލަފާއި އެޗްޑީސީ ގުޅިގެން، ޢާންމުންނަށް ހުޅުވާލައިގެން ބާއްވާ ވަރަށް ޚާއްޞަ ދަރުހެއް ބޭއްވުމުގެ ޖަމްޢިއްޔަތުއްސަލަފުން ދަނީ ތައްޔާރުވަމުންނެވެ. ޖަމްޢިއްޔާގެ ސޯޝަލް މީޑިއާގައި މިހާރު ވަނީ އިސްތިހާރު ކުރަން ފަށާފައެވެ.
26 ޑިސެންބަރު 2025ވާ ހުކުރު ދުވަހުގެ ރޭ، ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުސްގެ މައުޟޫޢަކީ “ފޭރާން” އެވެ. އަދި މި ދަރުސް ދެއްވާނީ، ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރުއްގަނޑު 3 ގައެވެ.
އަޅުގަނޑުމެންގެ އެހެން ދަރުސްތަކެކޭވެސް އެއްގޮތަށް، މި ދަރުސްގެވެސް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރާނީ ދާރިސްޓީވީ ކަމަށާއި، އެޗެނަލުން ދަރުސް ލައިވްކުރުމުގެ ކަންކަން މިހާރު ހަމަޖެހިފައިވާކަމަށް ޖަމްޢިއްޔަތުއްސަލަފްގެ ތަރުޖަމާނު، މުޙައްމަދު ތަސްލީމް، މި ސައިޓަށް މަޢުލޫމާތު ދެއްވިއެވެ.
“މިހާރު އަޅުގަނޑުމެން ކުރިއަށްގެންދާ މިފަދަ ބޮޑެތި ހުރިހާ އިވެންޓެއްގެވެސް، މީޑިއާގައި އިސްދައުރެއް އަދާކުރަނީ ދާރިސްޓީވީއިން، އެގޮތުން، މި އިވެންޓުގައިވެސް އެ ދައުރު އަދާކުރާނީ ހަމަ ދާރިސްޓީވީ އިން. އެހެންވީމަ، ދަރުސް ލައިވްކުރުމުގެ ކަންކަން އެ ޗެނަލްއިން ކުރިއަށް ގެންދާ ގޮތަށް މިހާރުވާނީ ހަމަޖެހިފައި. ހަމައެއާއެކު، ގިނަބަޔަކަށް މެސެޖް ފޯރުކޮށްދިނުން އަޅުގަނޑުމެންގެ ބޭނުމަކީ. އެގޮތުން، އިތުރު ޗެނަލްތަކުންވެސް މި ދަރުސް ލައިވްކުރެވޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން.” މުޙައްމަދު ތަސްލީމް ވިދާޅުވިއެވެ.
މިދަރުހަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަކީ ޖަމްޢިއްޔަތުއްސަލަފާއި އަދި އެޗް.ޑީ.ސީގެ ވަރަށްބޮޑު އެދުމެކެވެ.
މިއަހަރުގެ ނިމުމާ ހަމައަށް އައި އިރު، މިޖަމްޢިއްޔާއިން ތަފާތު އެކިއެކި ޙަރަކާތްތައް ވަނީ ހިންގިފައެވެ. މިކަންކަމުގައި އެކިއެކި ގޮތްގޮތުން، އެކި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ޖަމްޢިއްޔާއިން ފާހަގަކޮށް، އެ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. ވަކިން ޚާއްޞަކޮށް، އެޗް.ޑީ.ސީއިން އެކި ގޮތްގޮތުން އަޅުގަނޑުމެންނަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ.

