ޖަމްޢިއްޔަތުއްސަލަފުން، 30 އޮކްޓޯބަރ އިން 2 ނޮވެމްބަރ ގެ ނިޔަލަށް އދ. އަތޮޅުގައި ކުރިއަށް ގެންދިޔަ “ސަލަފް ރިޙްލާ 2025″ގެ ޙަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު 3 ފަރާތުގެ ނަން އިޢުލާން ކުރައްވައި، އެ ފަރާތްތަކަށް އިނާމުތައް ޙަވާލުކޮށްފިއެވެ.
ގުރުއަތުން ނެގުން އޮތީ ރޭ، އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުނު “ސަލަފް ރިޙްލާ 2025” ނިންމުމުގެ ރަސްމިއްޔާތުގައެވެ. ޚާއްޞަ ފޯރަމް އަކާއެކު ކުރިއަށް ގެންދެވުނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވެވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. ގުރުއަތުން ހޮވުނު ފަރާތްތަކަށް ހަދިޔާ ޙަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ އިތުރުން، އދ. އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން އދ. މަހިބަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ނަސީރުއެވެ.
ރިޙްލާގައި ކުރިއަށްގެންދެވުނު ޙަރަކާތްތަކުގައި ބައިވެރިވެލައްވާ ކޮންމެ ފަރާތްތަކަށްވެސް ކޫޕަންއެއް ދޫކުރާގޮތަށް ކުރިއަށްގެންދެވުނު “ސަލަފް ރިޙްލާ 2025″އަށް އަތޮޅުގެ ހުރިހާ ރަށްރަށަކުންވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަން ޖަމްޢިއްޔަތުއްސަލަފުން ފާހަގަކުރަމެވެ.
މިއަހަރުގެ ރިޙްލާއަށް އިނާމު ހަދިޔާކުރައްވާފައިވަނީ، އެލިއާ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް، އަލްޙިޖާޒް ޙައްޖު އެންޑް ޢުމްރާ އަދި ރެފްކޫލްގެ ފަރާތުންނެވެ. އެއްވަނައަށް ހޮވޭ ފަރާތަކަށް ހަދިޔާގެ ގޮތުގައި އެލިއާއިން ހުށައަޅުއްވާފައިވާ، އެއްރޮކްސް 155 ސައިކަލް އެކެވެ. އަދި ދެވަނައަށް ހޮވޭ ފަރާތަކަށް ހަދިޔާގެ ގޮތުގައި، އަލްޙިޖާޒް ޙައްޖު އެންޑް ޢުމްރާއިން ހުށައަޅުއްވާފައިވަނީ، ޢުމްރާ ދަތުރެކެވެ. އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް، ރެފްކޫލް އިން ހުށައަޅުއްވާފައިވަނީ، 18000 ބީޓީޔޫގެ އޭސީ ސިސްޓަމެކެވެ. މިފުރުޞަތުގައި، އަޅުގަނޑުމެންގެ މި އިވެންޓު ސްޕޮންސަރ ކޮށްދެއްވި އެންމެހާ ފަރާތްތަކަށް އިޚުލާޞްތެރި ކަމާއެކު ޖަމްޢިއްޔަތުއްސަލަފުން ޝުކުރު އަދާކުރަމެވެ.
މިއަހަރުގެ ރިޙްލާގެ ޙަރަކާތްތަކުގައި ބައިވެރިވެލައްވި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވި ހަދިޔާ ލިބުނު ފަރާތްތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
- އަސްރާ އަޙްމަދު (ކޫޕަން ނަންބަރު: 4887)
- މެހެރިން ބިންތު މޫސާ (ކޫޕަން ނަންބަރު: 2706)
- މުޙައްމަދު ރާކިން އިބްރާހީމް (ކޫޕަން ނަންބަރު: 4504)
ރޭ ބޭއްވުނު “ސަލަފް ރިޙްލާ 2025” ނިންމުމުގެ ރަސްމިއްޔާތުގައި އދ. އަތޮޅު ކައުންސިލްގެ ރައީސްއާއި މަހިބަދޫ ކައުންސިލްގެ ރައީސް އަދި އެކައުންސިލްގެ މުވައްޒަފުންގެ އިތުރުން، އަތޮޅުގެ އެކިރަށްރަށުންވެސް ވަރަށް ގިނަ ބޭފުޅުން މިރަސްމިއްޔާތަށް މަހިބަދޫއަށް ވަޑައިގެން ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.
“ސަލަފް ރިޙްލާ 2025” ނިންމުމުގެ ޚާއްޞަ ރަސްމިއްޔާތު، ދާރިސްޓީވީއިން ވަނީ ވަޤުތުން ދުރަށް ފޮނުވާފައެވެ. މީގެ އިތުރުން ރިޙްލާގެ ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތާއި އަދި ބައެއް ބޮޑެތި ދަރުސްތައްވެސް ވަޤުތުން ފޮނުވާދެއްވާފައިވެއެވެ. ދާރިސްޓީވީ އަކީ “ސަލަފް ރިޙްލާ 2025″ގެ ބްރޯޑްކާސްޓިންގ ޕާރޓްނަރެވެ.

