އދ އަތޮޅުގައި ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން މިހާރު ކުރިއަށްގެންދާ “ސަލަފް ރިޙްލާ 2025” ގައި ގިނަ ދަރުސްތަކެއް އެއްވަގުތެއްގައި ބާއްވައިފިއެވެ. އެ އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ހުކުރު ދުވަހުގެ ރޭ ޖުމްލަ 8 ރަށެއްގައި މުޙިއްމު މަޢުޟޫތަކަކަށް ވަނީ ބޮޑު ދަރުސްތަކެއް ބޭއްވިފައެވެ.
އެގޮތުން “ހެއްލިގެން ނުދާށޭ” މި މައުޟޫޢުއަށް 20:45 ގައި އދ ދަނގެތީގައި އ ޢަބްދުއްސަލާމް ދާވޫދު ދަރުސް ދެއްވާފައިވާއިރު “އުފާވެރި އާއިލާ” މި މައުޟޫޢުއަށް އޮމަދޫގައި އައްޝައިޚް އަޙްމަދު ފަޒާދު ވަނީ ދަރުސް ދެއްވާފައެވެ. މި ދަރުސް ބާއްވާފައި ވަނީ އޮމަދޫ ސްކޫލްގައެވެ.
މީގެއިތުރުން “އުފާވެރި ކަމުގެ ޚަބަރުތައް” މި މ މައުޟޫޢުއަށް ކުނބުރުދޫ ސްކޫލްގައި އައްޝައިޚް ސާޖިދު މުޙައްމަދު ދަރުސް ދެއްވާފައިވާއިރު، ހަންޏާމީދޫގައި އައްޝައިޚް އަޙްމަދު ސަމީރު ވެސް ވަނީ ދަރުހެއް ދެއްވާފައެވެ. އައްޝައިޚް ސަމީރު ދަރުސް ދެއްވާފައި ވަނީ “މަރު” މި މ މައުޟޫޢުއަށެވެ. އަދި ހަމަ މި މައުޟޫޢުއަށް އައްޝައިޚް ޢަބްދުﷲ ސަޢުދާންއާއި އައްޝައިޚް މުޖުތަބާ ޙަމީދު ވެސް ވަނީ އިތުރު 2 ރަށެއްގައި ދަރުސް ދެއްވާފައެވެ. އައްޝައިޚް ސައުދާން ދަރުސް ދެއްވާފައި ވަނީ ދިގުރަށުގައެވެ. އަދި އައްޝައިޚް މުޖުތަބާގެ ދަރުސް ކުރިއަށް ގެންގޮސްފައި ވަނީ އދ ފެންފުށީގެ ރަސްމީ ޖެޓީގައެވެ.
އދ މަންދޫ ޕްރީސްކޫލް ގައި އައްޝައިޚް ޝިހާމް މުޙައްމަދުގެ ދަރުސްއެއް ވެސް ވަނީ ބޭއްވިފައެވެ. މި ދަރުސް ދެއްވާފައި ވަނީ “އީމާންކަން ތާޒާކުރުން” މި މައުޟޫޢުއަށެވެ. ދެން ދަރުސް ބޭއްވިފައި ވަނީ އދ ދިއްދޫގައެވެ. “ނަފްސާނީ ދުޅަހެޔޮކަން” މި މައުޟޫޢުއަށް ދަރުސް ދެއްވީ އައްޝައިޚް މުޙައްމަދު އާމިލްއެވެ.
ސަލަފް ރިޙްލާ 2025 ގައި، އެއްވަޤުތެއްގައި، އެކި ރަށްރަށުގައި ކުރިއަށް ގެންދެވުނު މި ދަރުސްތަކަށް، ހުރިހާ ރަށަކުންވެސް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަން ފާހަގަ ކުރަމެވެ.
ދަރުސްތަކުގެ އިތުރުން، ޒުވާނުންނަށް ޚާއްޞަކޮށް އަދި ޢާންމުކޮށް ހުޅުވާލެވިގެން ބޭއްވުނު، ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން، އަކުރަމް ޢަބްދުލް ޣަނީގެ ޙަޔާތުގެ މައްޗަށް އަލިއަޅުވާލާ ބޭއްވުނު، “ލައިފް ސްޓޯރީ ބައި އަކޫ”ގެ ޚާއްޞަ އިވެންޓު ވެސް ކުރިއަށް ގެންދެވުނެވެ. މި އިވެންޓު ބޭއްވިފައިވަނީ މާމިނގިލީގައެވެ. އަދި މި އިވެންޓު ދާރިސްޓީވީއިން ވަނީ ވަޤުތުން ގެނެސްދީފަ އެވެ.

