ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ބައިވެރިންނަށާއި، މުބާރާތުގައި ވަނަތައް ހޯދި ފަރާތްތަކަށް، ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު މަރުޙަބާ ދަންނަވައިފިއެވެ.
ސޯޝަލް މީޑިއާގައި އައްޝައިޚް އަޙްމަދު ސަމީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ އެންމެހައި ބައިވެރިންނާއި، މުބާރާތުގައި ފަޚުރުވެރި ވަނަތައް ޙާސިލްކުރެއްވި ފަރާތްތަކަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވާ ކަމަށެވެ.
“ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ އެންމެހައި ބައިވެރިންނާއި، މުބާރާތުގައި ފަޚުރުވެރި ވަނަތައް ޙާސިލްކުރެއްވި ފަރާތްތަކަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން!”
މީގެ އިތުރުން މިއަހަރުގެ ޤުރުއާން މުބާރާތުގައި ވަނަވަނައަށްދިޔަ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ކަނޑައަޅުއްވާދެއްވާފައި ވާތީ، ސަރުކާރަށްވެސް ޝުކުރު ދަންނަވާފައިވެއެވެ.
“އަދި މިމުބާރާތައް ވަރަށް އަގުހުރި އިނާމުތަކެއް ކަނޑައަޅުއްވާ ދެއްވީތީ އަދުގެ ސަރުކާރައްވެސް ޝުކުރު ދަންނަވަން! އަޅަމެންނާއި އަޅަމެންގެ ދަރިންނަކީ ޤުރުއާނުގެ އަހުލުވެރިން ކަމުގައި ލައްވާށި!”
މިއީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރަތުގެ ރަންވަނަތަކަށް އެންމެ އަގުހުރި އިނާމުތައް ދެވިގެންދިޔަ އަހަރެވެ. އެގޮތުން މިފަޚުރުވެރި ވަނަތަކަށް މިއަހަރު ދެވުނު އިނާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމު، އަދި ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ އިނާމުތަކާއި، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދޭ 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި، ޓްރޮފީގެ އިތުރުން މޯލްވިސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދެއްވާ ޢުމްރާ ދަތުރެވެ.
މިއަހަރުގެ ޤުރުއާން މުބާރާތުގައި ޙާފިޡުންގެ ގޮފިން، މުޅި މުބާރާތުން 1 ވަނަ ޚާޞިލްކޮށްފައިވަނީ، ތަދްރީސުލް ޤުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ފާޠިމަތު ޝާޔާ ޒާހިރު އެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 1ވަނަ ޚާޞިލްކޮށްފައިވަނީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި ޢާއިޝަތު ޝަބާ އެވެ. އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ޚާޞިލްކުރީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި އަޙްމަދު ޝައިމް ރިޟާ އެވެ.

