ޢަދަދު ނޫހުން އިއްޔެ ޝާއިޢު ކޮށްފައިވާ ލިޔުމެއްގައި، ޖަމްޢިއްޔަތުއްސަލަފާމެދު ބުހުތާނު ދޮގު ހަދާފައިވާތީ، އެކަން ސާބިތުކޮށްދިނުމަށް އެދި، އެ ނޫހަށް މިއަދު ސިޓީއެއް ފޮނުވައިފިއެވެ.
“ޑރ. މުޢިއްޒު އެވެ. ފުދިއްޖެއެވެ. އިސްތިއުފާދޭށެވެ.” މި މައުޟޫޢުގައި ލިޔެފައިވާ އާރޓިކަލްގައި “ސުޕްރީމް ކޯޓުގެ ގޮނޑިއެއް ހުސްވުމުން އެ ގޮނޑިއަށް އައިސްދިނުމަށް މުއިއްޒު ގުޅި ސަލަފު ޖަމްއިއްޔާގެ މެންބަރުން ވެސް ދުނިޔޭގައި އެބަތިއްބެވެ.” މިއީ އެއްވެސް ޒިންމާދާރުކަމެއްނެތި، ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފަށް، އެ ނޫހުން ޝާއިޢު ކޮށްފައިވާ ބޮޑު ދޮގެއް ކަމުގައި މި ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ޖަމްޢިއްޔާގެ ރައީސް ސޮއެކުރައްވާ، ޢަދަދު ނޫހުގެ އެޑިޓަރަށް ފޮނުވާފައިވާ މި ސިޓީގައި، މިފަދަ ބޮޑު ބުހުތާނެއް ހަދާފައިވާތީ، އެކަމަށް ޖަމްޢިއްޔާގެ މެމްބަރުންގެ ގާތުން މާފަށް އެދުމާއެކު އެކަން އެ ނޫހުގައި ހާމަކޮށްދިނުމަށްވެސް އެދިފައިވެއެވެ. ނޫންނަމަ، ޚަބަރުގައި ބަޔާންކޮށްފައިވާ މެމްބަރުންގެ ނަންތަށް ހާމަކޮށްދެއްވައި، މަޞްދަރާއި އަދި އެ ވާހަކައިގެ ތެދުކަމުގެ ހެކި ދެއްކެވުމަށްވެސް އެދިފައިވެއެވެ.
އިބްނު ޚަލީލު ނަމަކަށް ކިޔާ ބޭފުޅަކުގެ ނަމުގައި ލިޔުއްވާފައިވާ އެ ޚަބަރުގައި ބުނާ ވާހަކައިގެ ތެދުކަމުގެ ހެކި ނުދައްކަވާނަމަ، އެކަމުން ބަޔާންވެގެންދާނީ މީހުންގެ އަބުރު ކަތިލައި ބުހުތާނު ހަދައި، މުޖުތަމަޢުގެ މަސަލަސްކަން ނަގާލައި، ބަލްބަލާ އުފެއްދުމަށް ކުރެވޭ މުޑުދާރު ޢަމަލެއްކަމުގައި ސިފަކުރައްވާފައިވެއެވެ.
” ހެކިނުދައްކަވައިފިނަމަ، އަޅުގަނޑުމެންނަށް ބަޔާންވެގެންދާނީ އެހެންޏާވެސް “ޢަދަދު” ނޫހާއިމެދު ރައްޔިތުންގެ ތެރޭގައި މަޝްހޫރުވެފައިވާ އަދި ތަޖްރިބާވަމުންދާ “ޒިއްމާދާރުކަމެއްނެތް ޚަބަރާއި، ހިތްހަމަނުޖެހޭ ފަރާތަކާމެދު ބުހުތާނު ދޮގުފަތުރައިގެންވިޔަސް، އެފަރާތްތަކުގެ އަބުރު ކަތިލައި، އަނެއްބަޔަކު ބަދުނާމުކޮށް، މުޖްތަމަޢުގެ މަސަލަސްކަން ނަގާލައި، ބަލްބަލާ އުފެއްދުމުގެ މުޑުދާރު ޢަމަލެވެ.” ސިޓީގައި ވެއެވެ.
ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޖަމްޢިއްޔާގެ އަގުވައްޓާލައި ބަދުނާމު ކުރުމަށް ކުރާ މަސައްކަތް ކުއްވެރި ކުރުމާއެކު، މިކަމުން ލިބޭ މަޢުނަވީ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެވާހަކަވެސް މި ސިޓީގައި ވެއެވެ.
ޢަދަދު ނޫހަށް މިއަދު ފޮނުވާފައިވާ ސިޓީގެ ކޮޕީ މީޑިއާ ކައުންސިލަށްވެސް އީމެއިލްގެ ޒަރީއާއިން ވަނީ ފޮނުވާފައެވެ.