ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލިސް މިއަދު އިފްތިތާޙުކޮށްފިއެވެ. މި މަޖިލިސް އިފްތިތާޙުކޮށްދެއްވީ، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިހާރު ކުރިއަށްދާ، މިޖަމްޢިއްޔާގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައެވެ. ޝަރަފުވެރި މެހެމާންގެ ގޮތުގައި ބައިވެރިވެ ވަޑައިގެން، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު، އިފްތިތާޙުކޮށްދެއްވި މި މަޖިލީހުގަ ޖުމްލަ 64 ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.
ދުޢާތުންގެ މަޖިލިސް އިފްތިތާޙުކޮށްދެއްވުމަށްފަހު، ޝަރަފުވެރި މެހެމާން، ޑރ. އިސްމާޢީލް ޝަފީޢުވަނީ ބައިވެރިންނާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޖަމްޢިއްޔަތުއްސަލަފްގެ މަސައްކަތްތައް ފެށިގެން އައި އިރު މުޖުތަމަޢުގެ ޙާލަތާއި މިހާރުގެ މުޖުތަމަޢުގެ ޙާލަތާއި ވަރަށްބޮޑަށް ތަފާތު ވެފައިވާކަމާއި، މިހާރުގެ މުޖުތަމަޢުގެ ވިސްނުން ދަނީ އެއްދުވަހުން އަނެއްދުވަހަށް ބަދަލުވަމުންކަމަށާއި، އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކަށް ވާންވާނީ، އަޅުގަނޑުމެންގެ ތެރެއިން ހެދިބޮޑުވާ ކޮންމެ ކުއްޖަކީ، ކޮންމެ ދިވެއްސަކީ، ކޮންމެ ދިވެހި ޢާއިލާއަކީ އިސްލާމްދީނުގެ ރިވެތި ސިފަތަކަށް ބޯލަނބައި، އިސްލާމްދީން ދެކެ ލޯބިވާ އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަސައްކަތް ކުރާ ބަޔަކަށް ހެދުން ކަމަށެވެ.
“މީގެ 16 އަހަރު ކުރިޔާ، 19 އަހަރު 20 އަހަރު ކުރިޔާ މިހާރާ ވަރަށް ތަފާތު، ޓެކްނޮލޮޖީގެ ވަރަށް ގިނަ މަންސަތަކެއް މިހާރު މިވަނީ ތަޢާރަފްވެފައި، އަޅުގަނޑުމެންގެ ދީނީ ދަޢުވަތު ދިނުމުގެ ވައްޓަފާޅިވެސް މިއާއެކުގައި ވަރަށްބޮޑަށް ބަދަލުވާން އެބަޖެހޭ، މި ޓެކްނޮލޮޖީގެ ވައްޓަފާޅިތަކަށް، މިއައި ކަންތައްތަކަށް ރިޢާޔަތް ކުރަން އެބަޖެހޭ، ޒުވާނުންގެ ވިސްނުން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި، މުޖުތަމަޢުގެ ވިސްނުން މިދަނީ ބަދަލުވަމުން. މިއާއެކު އަޅުގަނޑުމެންގެ އެންމެ އިސްވާޖިބަކަށް ވާންވާނީ އަޅުގަނޑުމެންގެ ތެރެއިން ހެދިބޮޑުވާ ކޮންމެ ކުއްޖަކީ، ކޮންމެ ދިވެއްސަކީ ކޮންމެ ދިވެހި ޢާއިލާއަކީ އިސްލާމްދީނުގެ ރިވެތި ސިފަތަކަށް ބޯލަނބައި އިސްލާމްދީންދެކެ ލޯބިވާ، އަދި ދެދުނިޔޭގެ ބާއްޖަވެރިކަމަށް ރުހިގެންތިބި ބައެއްގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ވިސްނުން އެއީ އަޅުގަނޑުމެން ޙަޤީޤަތުގައި އެންމެ ބޮޑަށް އާލާކުރަން ޖެހޭނެ ވިސްނުމަކީ” ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.
ޢިލްމެއްވިޔަސް، ހުނަރެއް ކަމުގައި ވިޔަސް އަދި މަޢުލޫމާތެއް ކަމުގައި ވިޔަސް، އެންމެ އެކަށީގެންވާ ގޮތެއްގައި އަޅުގަނޑުމެންނަށް އެ ފޯރުކޮށްދެވޭނީ އެއީ ކުއްޖެއްކަމުގައިވިޔަސް، އަދި ވަކި ފަރުދެއްކަމުގައިވިޔަސް، އެ ފަރާތްތަކުގެ ވިސްނުމުގެ ޕެޓާން ދެނެގަނެވިގެންކަން ފާހަގަ ކުރައްވައި، ވަޒީރު ވިދާޅުވީ ޒުވާނުން، ކަންކަމާމެދު ވިސްނާ ގޮތް ދެނެގަންނަންޖެހޭ ކަމުގައެވެ.
“މިހާރު ކުދިން ތިބީ ޓިކްޓޮކްގައި، ކުދިންތިބީ ފޭސްބުކްގައި، ޓުވިޓާގައި އަދި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްސްތަކުގައި. ޢިލްމުވެރިން މިއަށް ވަދެވަޑައިގަންނަވަން އެބަޖެހޭ. މި މައިދާންތަކުގައި އަޅުގަނޑުމެންގެ މައްސަލަތަކަށް އެޑްރެސް ކުރެވެން އެބަޖެހޭ. އާއިލާތަކުގެ ހަރުދަނާ ކަމަށްޓަކައި އަޅުގަނޑުމެން މަސައްކަތްކުރަން އެބަޖެހޭ. ލައްކައެއްހާ ކުދިން ކިޔަވަމުންދާއިރުގައި، އަޅުގަނޑުމެންނަށް އެބަ ފެނޭ، މުޖުތަމަޢުގެ ތެރެއިން އުފަންވަމުންދާ މައްސަލަތަކާއި، އުފަންވެފައި ހުރި މައްސަލަތަކެއް. އަޅުގަނޑުމެންނާއި ޢިލްމުވެރިންނަށް އެ ޕްލެޓްފޯމެއްގައި، ޕޮޒިޓިވް އެންވަޔަރަންމަންޓެއްގައި މަޝްވަރާތަކެއް ކުރެވިއްޖެ ކަމުގައި ވަނީ ނަމަ، މި ހުރި މައްސަލަތަކަށް އެޑްރެސްކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެންނަށް ހޯދިދާނެ.” ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.
ދުޢާތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނަގަހައްޓައި، ދެމެހެއްޓުމާއި، ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނުގެ ކަންކަމުގައި ކުރިމަތިކުރެވޭ ގޮންޖެހުންތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ މަތިވެރި މަޤްޞަދުގައި އެކުލަވާލެވިފައިވާ މަޖިލީހެކެވެ. މީގެ އިތުރުން، ޖަމްޢިއްޔާގެ ހިންގުން ހަރުދަނާކޮށް، ޢިލްމުވެރިންގެ ބައިވެރިވުން އިތުރުކޮށް، އިސްލާމްދީނުގެ ރިވެތި އަޚްލާޤިއްޔާތުގެ ތެރެއިން ދީނީ ދަޢުވަތުގެ ކަންކަން ހިންގައި، ފުޅާކުރުމުގެ ބޭނުމުގައި އެކުލަވާލާފައިވާ ވަރަށް މުހިންމު ޢިލްމީ ހިޔާވައްސެކެވެ.
ދުޢާތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޢިލްމުވެރިންގެ ތެރެއިން 1 މެމްބަރަކު ފިޔަވައި ދެންތިއްބެވި ހުރިހާ މެމްބަރުންނަކީ ފިރިހެން ބޭފުޅުންނެވެ.
މިއަދުގެ ޖަލްސާގައި، ޝަރަފުވެރި މެހެމާނުގެ އިތުރުން، ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމް އާއި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުވެސް ވާހަކަފުޅު ދެއްކެވިއެވެ.