ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މިއަދު ހެނދުނު، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފެށިގެން ކުރިއަށް އެބަދެއެވެ. މިއަދު ހެނދުނު ފެށުނު މި ބައްދަލުވުން ފެށިފައިވަނީ މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ޖަލްސާއަކުންނެވެ. މިޖަލްސާ ޝަރަފުވެރި ކޮށްދެއްވީ، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.
ރާއްޖޭގެ އެކި އަތޮޅުތަކުންނާއި މާލޭގައި ތިއްބެވި ޢިލްމުވެރިންގެ ތެރެއިން ޖުމްލަ 63 ޢިލްމުވެރިން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި، ޢިލްމުވެރިންނާ ގުޅުންހުރި އެކިއެކި ދާއިރާތަކުން ފަންނީ ހުނަރުތަކާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަންތަކެއް، ކަމާބެހޭ ދާއިރާތަކުން ތަޖުރިބާކާރުން ނަންގަވައިދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ބަހުގެ ހަމަތަކާއި، ތަޤުރީރު ކުރުމުގެ ހުނަރާއި، ދަރުސަށް ތައްޔާރު ވުމުގައި ކަންކުރަންޖެހޭ ގޮތްތަކާއި އަދިވެސް މިފަދަ އެތައް މަޢުލޫއަކަށް އަލިއަޅުވާލާ މަޢުލޫމާތު ދެވޭނެއެވެ.
ހަމަމިއާއެކު، ދިވެހިރާއްޖޭގެ ދަޢުވަތުގެ ތާރީޚާއި، ތަޖުރިބާ، އަދި ދަޢުވަތަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން ޢިލްމުވެރިންގެ މެދުގައި މަޝްވަރާކުރެވިގެން ދާނެއެވެ. އަދި ދަޢުވަތުގެ މައިދާނުގައި އެކިބޭފުޅުންގެ ތަޖުރިބާތައް ޙިއްސާ ކުރުންވެސް މިބައްދަލުވުމުގައި ކުރިއަށް ދާނެއެވެ.