ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން މިއަހަރުވެސް ރަމަޟާންމަހަށް ޚާއްޞަކޮށްގެން ތަފާތު އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި، ކޮންމެ ރަމަޟާންމަހަކުވެސް، ފުރުޤާން މިސްކިތުގައި ކުރިއަށްގެންދާ ސިލްސިލާ ދަރުސް ހިމެނެއެވެ. މިއީ ރަމަޟާންމަހުގެ ކޮންމެ ދުވަހެއްގެ އަޞްރުނަމާދަށްފަހު، 30 މިނިޓަށް ކުރިއަށްގެންދެވޭ ޚާއްޞަ ސިލްސިލާ ދަރުސް ޕްރޮގްރާމެކެވެ. މިގޮތުން، މިއަހަރުގެ ރަމަޟާންމަހު ދަރުސްދިނުމަށް ހަމަޖެހިފައިވާ މައިގަނޑު މައުޟޫޢުއަކީ “ޙާދިސާ” އެވެ. މި މައުޟޫގެ ދަށުން ކީރިތި ޤުރްއާނުގެ އާޔަތްތަކާގުޅުން ހުރި ޙާދިސާތަކަށް، ރާއްޖޭގެ ފުންނާބު އުސް އެކި ޢިލްމުވެރިން ދަރުސް ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހުޅުމާލޭ ފޭސް 2 ގެ މަސްޖިދު ޙަސަން އާދަމްގައި ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮންމެ ދެ ދުވަހަކުން އެއްދުވަހަކު “ޙައްޤުތައް” މި މައިގަނޑު މައުޟޫއަށްވެސް ދަރުސްތައް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން “ޑޯން ޓު ޑަސްކު” ގެ ނަމުގައި ޚާއްޞަ ކުއިޒް މުބާރާތެއް ކުރިއަށް ދާނެއެވެ. މި ކުއިޒް މުބާރާތުގައި ބައިވެރި ވެވޭނީ ގުރޭޑް 1 އިން 12 ގައި ކިޔަވާ ދަރިވަރުންނަށެވެ. މި ކުއިޒުގައި ކޮންމެ ދުވަހަކު ހުށައެޅޭ ސުވާލަށް، ރަނގަޅު ޖަވާބު ދޭ ދަރިވަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ދަރިވަރަކަށް ހަދިޔާގެ ގޮތުގައި ޕިއްޒާއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ހަދިޔާ ރޯދަމަހުގެ ކޮންމެ ދުވަހަކުވެސް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. މިޕްރޮގްރާމަށް ޕިއްޒާ ހުށައަޅާފައިވަނީ، ޑަންކް އެންޑް ޑިޕް ގެ ފަރާތުންނެވެ.
ޢާއްމުންނަށް ހުޅުވާލެވިގެން ސަލަފު ރޯދަ ސުވާލު މުބާރާތް މިއަހަރުވެސް ކުރިއަށް ދާނެއެވެ. މި ސުވާލު މުބާރާތުގައި ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުގައި ކޮންމެ ދުވަހަކުވެސް ޖަވާބު ފޮނުވުމަށް ސުވާލެއް ހުށައަޅާނެއެވެ. އެންމެ ގިނައިން ރަނގަޅު ޖަވާބު ދޭފަރާތަކަށް ފައިސާގެ އިނާމު ހުށައެޅިފައިވާ މި މުބާރާތުގައި، ޖުމްލަ 30 ސުވާލު ހުށައެޅާގޮތަށް ވަނީ ހަމަޖެހިފައެވެ. ރަނގަޅު ޖަވާބު އެއްފަރާތަށްވުރެ ގިނަ ފަރާތްތަކަކުން ދީފައިވާނަމަ، އެފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން އެއްވަނައަށް އަންނަ ފަރާތެއް ކަނޑައަޅާނެއެވެ.
މި ޕްރޮގްރާމްތަކުގެ އިތުރުން؛ ހޮސްޕިޓަލްތަކުގައި ތިބޭ ބަލިމީހުންނަށާއި، އެހީތެރީންނަށާއި، ނަރުހުންނަށާއި، ޑިއުޓީ ބަލަހައްޓަވާ ޕޮލިހުންނަށާއި ހޮސްޕިޓަލުގެ މުވައްޒިފުންނަށް ރޯދަ ވީއްލުމަށް ތަކެތި ފޯރުކޮށް ދިނުމަށް ކުރިއަށް ގެންދާ “ހަދާޔާ” ޕްރޮގްރާމްވެސް ކުރިއަށް ދާނެއެވެ. މި އަހަރުގެ ރަމަޟާންމަހު އައިޖީއެމްއެޗްގައާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިވެސް ހަދާޔާ ޕެކް ބަހާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަށް އެހީތެރިވެ ދެއްވަން ބޭނުންފުޅުވާ އަޚުންނާއި އުޚްތުންނަށް އެ މަގު ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވެލެއްވުމަށް މަޢުލޫމާތު ހޯއްދެވުމަށް، ޖަމްޢިއްޔާގެ ސެކްރެޓަރީ، މުޙައްމަދު ސުޖާޢު، ފޯން 9909381 އާ ގުޅުއްވާލެއްވުމުން މަޢުލޫމާތު ލިބޭނެއެވެ.
އެހީތެރިކަމަށް ބޭނުންޖެހިފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކުރިއަށްގެންދާ، ވާބިލް ޕްރޮގްރާމްވެސް މިއަހަރުވެސް ކުރިއަށް ދާނެއެވެ. އަދި މިޕްރޮގްރާމްގެ ދިރާސާކުރުމުގެ ބައި ނިމި، ޢާއިލާތަށް ކަނޑައެޅި، މިހާރު އެފަރާތްތަކަށް ދަނީ ތަކެތި ދޫކުރެވެމުންނެވެ.
މާލޭ ސިޓީގެ އިތުރުން ރާއްޖެތެރޭގެ އެކި ރަށްތަކުގައި ދީނީ ނަޞޭޙަތްދިނުމާއި، ދަރުސްތަކާއި، ފޯރަމްތަކާއި، ވޯކްޝޮޕްތައްވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.