ދީނީ ހޭލުންތެރިކުރުމުގެ ޙަރަކާތްތަކުގެތެރެއިން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ހިންގާ އެންމެ ބޮޑު އެއް ޙަރަކާތްކަމުގައިވާ “ސަލަފްރިޙްލާ” މިފަހަރު ރ.އަތޮޅުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ދަޢުވާ ކޯޑިނޭޓަރު އައްޝައިޚް މުޖްތަބާ ޙަމީދު ހާމަކުރެއްވިގޮތުގައި މާޅޮސްމަޑުލު އުތުރުބުރީގައި ބޭއްވުމަށް ރާވާފައިވާ ‘ރިޙްލާ’ ގެ ދަތުރުގެ ތައްޔާރީތައް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށާއި ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން މެދުކެނޑުނު މި ދަތުރު މިއަހަރު އޮންނާނީ ރ.އަތޮޅުގައިކަމަށެވެ.
“ސަލަފްރިޙްލާ 2022″ މި އަންނަ އޮކްޓޯބަރ މަހުގެ 6 ން 9 ށް ރ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔުމުގެ މަޝްވަރާތައް އެއަތޮޅު ކައުންސިލާއި ރަށްރަށުގެ މަދަނީ ޖަމްޢިއްޔާތަކާއި އެކު މިހާރު ވަނީ ފެށިފަ އިންޝާﷲ އޮކްޓޯބަރ މަހުގެ ފުރަތަމަ ހަފްތާތެރޭގައި ރިޙްލާ ބޭއްވޭތޯ މިދަނީ މަސައްކަތް ކުރަމުން. މިހާރު ރަށްރަށުގެ ފޯކަލް ޕޮއިންޓްތަކާއި ރިޙްލާގައި ބައިވެރިވާނެ ޢިލްމުވެރިންވަނީ ހަމަޖެހިފަ. އަދި އަތޮޅުކައުންސިލުންވެސް މިކަމުގައި އެއްބާރުލުންދެއްވާގޮތަށް އޮތީ. އުއްމީދަކީ އަޅުގަނޑުމެން ކަނޑައަޅާފައިވާ ތާރިޚުގައި މި ރިހްލާ ކުރިއަށްދިއުން” ޝައިޚް މުޖުތަބާ ވިދާޅުވިއެވެ.
ސަލަފު ރިޙްލާ އަކީ ދީނީ ޢިލްމުވެރިންނާއި ރާއްޖޭގެ ފާހަގަކުރެވޭ ޑޮކްޓަރުންނާއި އަދި އެކިއެކި ފަންނުތަކުގެ ތަޖުރިބާކާރު މާހިރުން ބައިވެރިވެގެން މުޅި އަތޮޅަށް ހުޅުވާލެވިގެން ބާއްވަމުން އަންނަ ދިނީ، ސީއްޙީ އަދި އިޖްތިމާޢީ ހޭލުންތެރިކަމުގެ ޕްރޮގްރާމެކެވެ. 2009 ވަނަ އަހަރު ފެށި މި ޕްރޮގްރާމު މިހާތަނަށް ރާއްޖޭގެ ފަސް އަތޮޅެއްގައިވަނީ ކުރިއަށް ގެންގޮސްފައެވެ.