ފަތިސް ލީގުން އިންތިޒާމް ކުރި “ބިގްމޭން ސުޕަރ ކަޕް 2025” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޖަމްޢިއްޔަތުއްސަލަފްގެ ޓީމް ހޯދައިފިއެވެ. އެއްދުވަހުގެ މި މުބާރާތަކީ ފަތިސްލީގުން އިންތިޒާމް ކުރަމުން އަންނަ މުބާރާތްތަކުގެ ތެރެއިން މުބާރާތެކެވެ.
މިއަދު ހެނދުނު 6:00 ގައި، ހުޅުމާލެ، ފޭސް2 ގެ އެޗް15 ފުޓްސަލް ދަނޑުގައި ކުރިޔަށް ދިޔަ މި މުބާރާތުގައި ޖުމްލަ 10 ޓީމުން ބައިވެރިވެފައިވެއެވެ. މިއީ ދީނީ ކަންކަމަށް ލޯބިކުރާ އަޚުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫޙު އާލާކޮށް، އިސްލާމީ ގިއުގަނޑުގެ ތެރެއިން އުފާފައުޅު ކުރުމުގެ ގޮތުން ފަތިސް ލީގުގެ ފަރާތުން އިންތިޒާމް ކުރަމުން އަންނަ މުބާރާތްތަކެކެވެ.
ދެ ގުރޫޕަށް ބަހާލައިގެން ކުޅެވުނު މިމުބާރާތުގެ ފައިނަލާ ހަމައަށް ޓީމް ސަލަފުން ވާޞިލުވީ، އެއްވެސް ޓީމެއްގެ އަތުން ބަލިނުވެ، ގުރޫޕު ބީގެ އެއްވަނަ ޓީމުގެ ގޮތުގައި 10 ޕޮއިންޓު ހޯދައި އަދި ސެމީ ފައިނަލް މެޗުންވެސް މޮޅުވެގެންނެވެ. ޓިމް ސަލަފުން ފައިނަލްގައި ކުޅެފައިވަނީ ގުރޫޕް ބީ އިން 2 ވަނަ ޓީމުގެ ގޮތުގައި ސެމީގައި ކުޅެ މެޗު ކާމިޔާބުކޮށްގެން ފައިނަލަށް ދިޔަ، ޓީމް ރަފަހަ އާއެވެ.
ފޯރިގަދަ ކުޅުންތަކެއް ފެނިގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ޓީމް ސަލަފުން ހޯދާފައިވަނީ، ފައިނަލްމެޗުގައި ޓީމް ރަފަހަ އާކުޅެ ވަޤުތު ހަމަވިއިރު އެއްވެސް ކޮޅަކަށް ލަނޑެއް ޖެހިފައި ނުވާތީ، ޕެނަލްޓީ ޖަހައިގެން، 2 – 0ގެ ނަތީޖާއަކުންނެވެ. ގުރޫޕް ސުޓޭޖްގައި ކުޅެވުނު މެޗުތަކުން ޓީމް ސަލަފުގެ ކޮޅަށް އެއްވެސް ގޯލެއް ވަދެފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
2023 ވަނަ އަހަރު ބޭއްވި، “ފަތިސް ލީގު ފުޓްސަލް ކަޕް 2023” ގައި ބައިވެރިވެ، އެ މުބާރާތުގެ ޗެމްޕިއަންކަންވެސް ޓީމް ސަލަފުން ވަނީ ހޯދާފައެވެ. ނަމަވެސް 2024 ވަނަ އަހަރު ބައިވެރިވި މުބާރާތުގެ ސެމީ ފައިނަލާ ހަމައިން ޓީމްސަލަފް މުބާރާތާ އަލްވަދާޢު ކިޔާފައިވާއިރު، މިއަހަރު މިމުބާރާތުން ޗެމްޕިއަންކަން ހޯދުމާއެކު ޖުމްލަ 2 އަހަރުގެ ޗެމްޕިއަންކަން ޓީމް ސަލަފުން މިވަނީ ހޯދާފައެވެ.