ޢަޤީދާއާ ގުޅޭ މުހިންމު ސުވާލުތަކަށް ފުރިހަމަ ޖަވާބު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، އަޅުގަނޑުމެން އިންތިޒާމުކުރާ ޚާއްޞަ ވޯކްޝޮޕް “އަންފިލްޓަރޑް” މި އޮގަސްޓު މަހުގެ 21 އަދި 22 ގައި ބޭއްވުމަށް މިހާރުވަނީ ތައްޔާރުވެފައެވެ.
ކިންގް ސަލްމާން މިސްކިތުގެ ކޮންފަރެންސް ހޯލުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕަކީ 14 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭގޮތަށް ފުރުޞަތު ހުޅުވާލާފައިވާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގެ ސެޝަންތައް ނަގައިދެއްވާނީ އަޅުގަނޑުމެންގެ ޖަމްޢިއްޔާގެ ތަރުޖަމާނު އައްޝައިޚް ޙަސަން މޫސާ ފިކުރީއާއި، ދަޢުވާ މެނޭޖަރ އެޓޯލް ޑިވިޝަން އައްޝައިޚް މުޖުތަބާ ޙަމީދު އަދި ދުޢާތުންގެ މަޖިލީހުގެ މެންބަރު އައްޝައިޚް މުޙައްމަދު ޢައްލާމް ނަޢީމެވެ.
މި ވޯކްޝޮޕުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ﷲ ވޮޑިގެންވުމާއި، ކީރިތި ޤުރުއާނުގެ ޞައްޙަކަމާއި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބީކަމުގެ ތެދުކަން ފަދަ ޢަޤީދާގެ އަސާސީ މައުޟޫޢުތަކަށެވެ.
ބައިވެރިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް ހަދިޔާގެ ގޮތުގައި ސިޓީ ޑީލްސް، ނަގަސް ރެސްޓޯރަންޓް، ޑަންކް އެން ޑިޕް އަދި ކޮއްތު ހަޓުގެ އެހީތެރިކަމާއެކު އެއަރޕޮޑާއި ރޭގަނޑުގެ ފަރިއްކޮޅު ފަދަ ޚާއްޞަ ހަދިޔާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ވޯކްޝޮޕްގެ ފީއަކީ -/349 ރުފިޔާއެވެ. ޖާގަ ކަށަވަރު ކުރުމަށްޓަކައި ގޫގުލް ފޯމު ފުރުއްވައިގެން ވީއެންމެ އަވަހަކަށް ބައިވެރިވެވަޑައިގަތުމަށް އަޅުގަނޑުމެން އެދެމެވެ.

