ޖަމްޢިއްޔަތުއްސަލަފުން ފޭލި ޖަމްޢިއްޔާއާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. ޖަމްޢިއްޔަތުއްސަލަފްގެ އޮފީހުގައި އިއްޔެ ހެނދުނު ބޭއްވުނު މި ބައްދަލުވުމަކީ މިއަހަރުގެ ރިޙްލާ ޕްރޮގްރާމް ބ. އަތޮޅުގައި ބޭއްވުމާގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
މިއަހަރުގެ ސަލަފް ރިޙްލާ ޕްރޮގްރާމް ބ. އަތޮޅުގައި ބޭއްވުމާގުޅޭގޮތުން ބޭއްވުނު މި ޚާއްޞަ ބައްދަލުވުމުގައި، ބ. އަތޮޅުގެ ރަށު ކައުންސިލްތަކާއި މަދަނީ ޖަމްޢިއްޔާތަކާއި އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. 
ސަލަފް ރިޙްލާ ޕްރޮގްރާމަކީ އިޖުތިމާޢީ، ޢިލްމީ، ދީނީ، މަސައްކަތްތެރި، ތަރުބަވީ ތަފާތު އެތައް ޙަރަކާތްތަކަކާއެކު މުޅި އަތޮޅަށް ޚާއްޞަ ކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ފާއިތުވި އަހަރު ސަލަފް ރިޙްލާ ބޭއްވިފައިވަނީ އދ. އަތޮޅުގައެވެ. 30 އޮކްޓޯބަރ އިން 2 ނޮވެމްބަރ ގެ ނިޔަލަށް ބޭއްވުނު މި ޕްރޮގްރާމުގައި އދ. އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ތަފާތު ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންދެވުނެވެ. އަދި މި ޕްރޮގްރާމަށް، އެ އަތޮޅުގެ ކައުންސިލްގެ ފަރާތުންނާއި ޢާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައިވެއެވެ.
ފޭލި ޖަމްޢިއްޔާއިން އިސްނަންގަވައިގެން، ރިޙްލާ ޕްރޮގްރާމު ބ. އަތޮޅުގައި ކުރިއަށްގެންދިއުމުގެ ޝައުޤު ފާޅުކުރައްވާފައިވާތީ، ބޭއްވުނު މި ބައްދަލުވުމުގައި އެ ޖަމްޢިއްޔާގެ އިސްބޭފުޅުން ބައިވެރިވެލެއްވިއެވެ.
14 ޖުލައި 1979ގައި “ބަހިއްޔާ ސުކޫލު މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާ” ގެ ނަމުގައި ރަޖިސްޓްރީ ކޮށް ހިންގަމުން އައި ޖަމްޢިއްޔާއަކީ އޭދަފުށީގައި ދީނީ އިޖުތިމާޢީ ތަޢުލީމީ ގޮތުން ތަފާތު ޙަރަކާތްތައް ހިންގަމުން އަންނަ ޖަމްޢިއްޔާއެއް. ޖަމްޢިއްޔާގެ ނަން ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) ނަމަށް ބަދަލުކޮށްފައިވަނީ 2022ވަނައަހަރުއެވެ.

