ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއެކޮށްފިއެވެ. ދީނީ އިޖުތިމާޢީ އަދި އެހެނިހެން ދާއިރާތަކުން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަށް ކައުންސިލާއެކު މި ސޮއެކުރެވުނު ފަހުމުނާމާގެ މުއްދަތަކީ 4 އަހަރެވެ.
މި ފަހުމުނާމާގެ ދަށުން، ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އިޖުތިމާޢީ އެކިއެކި މަސައްކަތު ބައްދަލުވުންތައް ހިންގައިދިނުމާ، ކޮންމެ 3 މަހަކުން އެ ކައުންސިލާގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ. އަދި ކައުންސިލުން އެދިއްޖެ ޙާލަތެއްގައި، ޝަރުޢީގޮތުން އެކި ކަންކަމުގައި، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރީންގެ މަޖިލީސް މެދުވެރިކޮށް ލަފާއެރުވުންވެސް މި ފަހުމުނާމާގައި އެއްބަސްވެވުނު ކަންކަމުގެތެރޭގައި ހިމެނެއެވެ.
މާވަށު ކައުންސިލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއެކުރެއްވީ، އެ ކައުންސިލްގެ މެމްބަރު އަލްފާޟިލާ ފާޠިމަތު ޝެހެނާޒްއެވެ. އަދި ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ސޮއެކުރެއްވީ، ދަޢުވާ މެނޭޖަރ އެޓޯލް ޑިވިޝަން، އައްޝައިޚް މުޖުތަބާ ޙަމީދުއެވެ. މި ފަހުމުނާމާގައި ސޮއެކުރެވުނީ، މާވަށު ކައުންސިލާއި މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން މިހަފްތާގައި އެ ރަށުގައި ކުރިއަށްގެންދާ “ހަފްތާ ބަންދު ދަރުސް” ޕްރޮގްރާމުގެ ތެރެއިން، ރޭ، މާވަށު އިޖުތިމާޢީ މަރުކަޒުގައި، ޢާންމުންނަށް ހުޅުވާލައިގެން ބޭއްވި ޚާއްޞަ ދަރުހަށްފަހުއެވެ.

