އައްޝައިޚް މުޖުތަބާ ޙަމީދު
އެއްފޯނު ގަންނަން ތިން ފޯނުވެސް ވިއްކާލަފާނަން ހެއްޔެވެ؟ އާއެކެވެ. އެންމެ ފަހުގެ މޮޅު ފޯނެއް ހޯދުމަށް ބާވެ ދުވަސްވެފައިވާ ތިން ފޯނު ނުވަތަ އެއަށްވުރެ ގިނައިންވެސް ވިއްކާލަ ފާނެއެވެ. މީހުން އަބަދުވެސް އެންމެ މޮޅު އަދި އެންމެ ފަހުގެ އެއްޗެހި ގަތުމަށް ލޯބިކުރެއެވެ. މިއީ މިޒަމާނުގައި އެކަނިވާ ކަމެއްނޫނެވެ. ރަސޫލު ޒަމާނުގައިވެސް މިކަން ހިނގާފައިވެއެވެ. އެއީ މީލާދީން ހަތްވަނަ ޤަރުނެވެ. މަދީނާގައި ހިނގާފައިވާ މި އާދަޔާ ޚިލާފު ހާދިސާ ކިޔާލާށެވެ.
އާދަޔާ ޚިލާފުވާނެ ނޫންތޯއެވެ. އެތައް ސަތޭކަ ކަދުރު ރުއްތަކާއި އަދިވެސް މޭވާ އަޅާ ތަފާތުބާވަތްތަކާއި މީރު ފެނުގެ ވަޅުތައް ވާ ބޮޑު ބިޔަބުސްތާނެއް ( ބަގީޗާ- ދަނޑު) ވިއްކާލުމަށްފަހު އެންމެ ކަދުރު ރުކެއް ގަތުމަކީ އާދަޔާ ޚިލާފު ހައިރާންކުރުވަނިވި ކަމަކަށް ނުވެ ނުދާނެއްނޫންތޯއެވެ؟ އެއްދުވަހަކު ރަސޫލާ –صلى الله عليه وسلم– ގެ އަރިހަށް ވަރަށް ނިކަމެތި ފަޤިރު ޞަހާބީއަކު ވަޑައިގެނެނެވިއެވެ. އެބޭކަލަކު ދެންނެވިއެވެ: ” އަޅުގަނޑުގެ ގޭގެ އިން ވަކިކުރަން ފުޅަފެއް ޖެހުމަށް ބޭނުންވެއެވެ. ނަމަވެސް އަވަށްޓެރިޔާގެ ކަދުރު ރުކެއް އެ ފުޅަފުގެ މުޑިއެއްގެ ގޮތުގައި ބޭނުން ކޮށްލަށް ޖެހޭތީ އެ ރުއް ތިމަންކަލޭގެފާނަށް ދެއްވާތޯ އަވަށްޓެރިޔާ ގާތު އައްސަވާދެއްވުން އެދެމެވެ”. އެވަގުތު ކައު ސާހިބާ –صلى الله عليه وسلم– އެ ފަޤީރު ޞަހާބީގެ އަވަށްޓެރިޔާއެކަލޭގެފާނުގެ އަރިހަށް ހާޟިރުކުރެއްވުމަށް އަމުރުކުރެއްވިއެވެ. سبحانالله ! ނިކަމެތި ރައްޔިތަކު މަދީނާގެ ވެރިޔާގެ އަރިހަށްގޮސް މި އެދުނު ކަންތައްތައް ވެސް ކޮށްދެއްވުމަށް އެ މަތިވެރި ވެރިޔާ ފަސްޖެހިވަޑައިނުގަތެވެ. ރައްޔިތުންނާ މެދު ވެރިޔަކަށް މިވަރަށް އޯގާތެރިވެވޭނެތޯއެވެ؟
ކުޑަ އިރުކޮޅެއްގެ ފަހުން އަވަށްޓެރިޔާ ޙާޟިރުވެއްޖެއެވެ. އެވަގުތު ކައު އިތުރު ސާހިބާ –صلى الله عليه وسلم– ޙަދީޘްކުރެއްވިއެވެ: “ތިބާގެ މި ހުންނެވި އަވަށްޓެރިޔާއަށް ތިބާގެ ކަދުރު ރުއް ދޭށެވެ. އޭރުން އޭގެ ބަދަލުގައި ސުވަރުގެއިން ކަދުރު ރުކެއް ތިބާއަށް ލިބޭނެއެވެ”. ކޮންފަދަ މޮޅު ނަފާހުރި ވިޔަފާރިއެއްތޯއެވެ. ނަމަވެސް ކަންތައްވީ ތިޔަ ހީފުޅު ކުރައްވާގޮތަކަށްނޫނެވެ. އެ ފަޤީރު ނިކަމެތި ޞަޙާބީގެ އަވަށްޓެރިޔާ ކީރިތި ރަސޫލާ –صلى الله عليه وسلم–ގެ އެ ހުށައެޅުވުން ޤަބޫލެއް ނުކުރިއެވެ. އޭނާގެ ކަދުރު ރުއް ޞަދަޤާތުގެ ގޮތުގައި ދިނުމަށް އެއްބަހެއްނުވިއެވެ. އަދި ނިކަމެތި ޞަހާބީއަށް އެ ރުއް އެކަލޭގެފާނުގެ އަވަށްޓެރިޔާގެ އަތުން ބައްލަވައިގަތުމަށް ކުޅަދާނައެއްނޫނެވެ. އެއަށްވުރެ އެކަލޭގެފާނު ފަޤީރެވެ.
ނަބިއްޔާ –صلى الله عليه وسلم– ތަކުރާރުކޮށް ސުވަރުގެއިން ކަދުރު ރުކެއް ލިބިލައްވާނެކަމަށް ހަދީޘްކުރެއްވީމަވެސް އެ އަވަށްޓެރިޔާ އޭނާގެ ރުއް ހިލޭސާބަހަށް ދިނުމަށް އެއްބަސްނުވިއެވެ. އެހެންކަމުން ޚުދު އިތުރު އެކަލޭގެފާނަށްވެސް ދެން ކޮންދެވޭނެ ކަމެއް އިތުރަކަށް ފެނިވަޑައިނުގެންނެވިއެވެ. އެހެނީ މީހެއްގެ މުދަލެއް އެމީހާގެ ނުރުހުމުގައި ޤައުމުގެ ވެރިޔާއަކަށްވެސް އަތުނުލެވޭ ކަން ބަޔާންކޮށްދެއްވީ ވެސް އެކަލޭގެފާނެވެ.
މިހުރިހާކަމެއް ހިނގައިދިޔައިރު އެތަނުގައި އެތަށް ޞަޙާބީންނެއް ތިއްބެވިއެވެ. އެންމެ ފަހުން ނަބިއްޔާ-صلى الله عليه وسلم– އެ މަޖްލީސް ނިންމަވާލެއްވިއެވެ. އަދި އެ އަވަށްޓެރިޔާ އޭނާގެ ގެއަށް ދިޔުމަށް ހިނގައިގަތެވެ. އެތަންވަޅު އޭނާގެ ފަހަތުން އެތަނުގައި އިންނެވި ބޭކަލަކު ހަރުކޮށް ވަޑައިގެން އޭނާގެ އެ ކަދުރު ރުއް ވިއްކުމަށް އެދުނެވެ. އަގަކީ އެތަށް ސަތޭކަ ކަދުރު ރުއްތަކުން ފުރިގެންވާ ބޮޑު ކަދުރު ދަނޑެކެވެ. އެއްވެސް ފަސްޖެހުމެއްނެތި ކަދުރު ރުއް ވިއްކާލިއެވެ. ކޮންމެ އަކަސް ދެން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ބޮޑުކަދުރު ރުކެއް ވިއްކާލުމަށްފަހު ގަތް ކަދުރުރުކުގެ ވާހަކައާގެން އެ ވިޔަފާރި ކުރެއްވި ޞަޙާބީ ބޭކަލު ވަޑައިގެން ނަބިއްޔާ –صلى الله عليه وسلم– ގެ އަރިހުގައި ހުއްޓިވަޑައިގެން އެ ދަންނަވަނީ ހާދަހައި އަޖައިބު ކުރުވަނިވި ވާހަކައެކެވެ.
އަބޫ ދަޙްދާޙް ރަޟިއްޔަﷲ ޢަންހު ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާ އެވެ! އެކަދުރު ރުއް ތިމަންކަލޭގެފާނު ގަނެފަ ﷲ އަށް ޓަކައި އެރުއް ޞަދަޤާތް ކޮށްފިނަމަ ތިމަންކަލޭގެފާނަށް ސުވަރުގެއިން ކަދުރު ރުކެއް ލިބޭނެތޯއެވެ” ޖަވާބުގައި އާދޭހެވެ! ނަބިއްޔާ –صلى الله عليهوسلم– ޙަދީޘު ކުރެއްވުމުން އަބޫ ދަޙްދާޙްގެފާނު ވަގުތުން އެކަލޭގެފާނު ކަންތައްކުރެއްވި ގޮތް ކިޔާދެއްވިއެވެ. އަދި ދެންނެވިއެވެ. އެ ކަދުރު ރުއް ތިމަންކަލޭގެފާނު ކަލޭގެފާނަށް ހަދިޔާ ކުރައްވައިފީމެވެ. އެކަމާ ކައުއިތުރު ނަބިއްޔާ –صلى الله عليه وسلم– އުފާފުޅުކުރެއްވިއެވެ. އަދި އަބޫ ދަޙްދާޙުގެފާނު އެކަލޭގެފާނުގެ އެ ބޮޑު ބިޔަ ކަދުރުދަނޑަށް ވަޑައިގެން އެވަގުތު އެދަނޑުގައި އިންނެވި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ގޮވާލެއްވިއެވެ: “އޭ އުއްމު ދަޙްދާޙުއެވެ. ހަމަ މިހާރު މި ދަނޑުން ނުކުންނާށެވެ. ސުވަރުގޭގެ ކަދުރު ރުކަކަށް ތިމަންނަ މި ދަނޑުވިއްކާލައިފީމެވެ.” އެއްވެސް ޝަކުވާއެއް ކުރެއްވުމެއްނެތި ފިރިކަލުންގެ ބަސްފުޅާ އެއްގޮތަށް އުއްމު ދަޙްދާޙު އެ ދަނޑުން ނުކުމެވަޑައިގެން ފިރިކަލުންނާ މުޚާޠަބުކުރައްވައި ދެންނެވިއެވެ: “ތިޔަ ކުރެއްވީ ކޮންފަދަ ފައިދާ ހުރި ވިޔަފާރިއެއްތޯއެވެ”. އާއެކެވެ. ޞާލިޙު އަނބިންނަކީ މިފަދަ ބަޔެކެވެ. ހެޔޮ ކަންތައްތަކުގައި ފިރިންނަށް ފިސާރި އެހީތެރިކަން ފޯރުވާނެއެވެ.
އޭގެ ދުވަސްކޮޅެއް ފަހުން އަބޫ ދަޙްދާޙުގެފާނު އުޙުދު ހަނގުރާމައަށް ނުކުންނެވިއެވެ. އަދި އެ ހަނގުރާމާގައި އެކަލޭގެފާނު ޝާހީދުވެ ވަޑައިގެންނެވިއެވެ. އެވަގުތު ނަބިއްޔާ –صلى الله عليه وسلم–ޙަދީޘުކުރެއްވިއެވެ. “ސުވަރުގޭގައި އަބޫ ދަޙްދާޙު އަށްޓަކައި ގިނައިން ކަދުރުއަޅާ ފުރިފައިވާ ކިތައް ކިތައް ކަދުރުގެ އިހާތައް ވޭހެއްޔެވެ!”
ﷲ އަށްޓަކައި ކުރާ ކިތަންމެ ކުޑަ ޞަދަޤާތެއްވެސް އެކަލާނގެ ގެއްލެނި ނުކުރައްވާނެތެވެ.