ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން، އެ މަހާ ގުޅޭ ތަފާތު މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި ހޭލުންތެރި ކުރުމުގެ ޙަރަކާތްތަކުގެ ތެރެއިން ހިންގޭ ޚާއްޞަ ޙަރަކާތް “ސަލަފް ރޯދަ ހަދިޔާ” ހުކުރު ދުވަހުގެ ރޭ އޮންނާނެއެވެ. إن شاء الله
އަގުހުރި އެތައް ހަދިޔާތަކަކާއެކު ބާއްވާ މި ޙަރަކާތުގައި، ޖުމުލަ 101 އިނާމު ހިމެނެއެވެ. އޭގެ ތެރެއިން، 90 އިނާމުގައި، ދިވެހި ކޮންމެ ރައްޔިތަކަށް ބައިވެރި ވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އެއީ ރަށްރަށުގައި ތިއްބަވާ ފަރާތްތަކަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ޖަމްޢިއްޔާއިން ނިންމަވާފައިވާ ނިންމެވުމެކެވެ. އަދި އެންމެ އަގުބޮޑު 10 އިނާމުގައި ބައިވެރިވެވޭނީ އިވެންޓަށް ވަޑައިގެން ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އިނާމު ލިބިލައްވާ ފަރާތްތައް ހޮވާނީ ބައިވެރިންގެ މެދުގައި ނެގޭ ގުރުއަތުންނެވެ.
13 ފެބްރުއަރީ 2026ވާ ހުކުރު ދުވަހުގެ ރޭ، ހުޅުމާލެ، ސެންޓުރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޙަރަކާތުގައި، ބައިވެރިވެވޭނީ ކޫޕަން ލިބިލައްވާ ފަރާތްތަކަށް އެކަންޏެވެ. ކޫޕަން ދޫކުރުމަށް ހަމަޖެހިފައިވަނީ، އެ ރޭ، 8:15 އިން 8:45 އަށެވެ. އަދި އޮންލައިންކޮށް ބައިވެރިވެލައްވާ ފަރާތްތަކަށް، އޮންލައިންކޮށް ފޯމެއް ފުރުއްވާލައިގެން މި ޙަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ރޭގަނޑު 8:00 އިން 9:00 އަށް ހުޅުވާލެވޭނެއެވެ.
މި ޕްރޮގްރާމް ދާރިސްޓީވީ، ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ފޮނުވޭނެއެވެ. މިފުރުޞަތުގައި ދާރިސްޓީވީ އިން އަޅުގަނޑުމެންގެ ދަރުސްތަކާއި އަދި އެހެނިހެން ޕްރޮގްރާމްތައް ލައިވްކުރުމުގައި ވެދެއްވާ އެހީތެރިކަމަށް ނުހަނު އިޚްލާޞްތެރި ކަމާއެކު ޝުކުރު ދަންނަވަމެވެ.
“ސަލަފް ރޯދަ ހަދިޔާ 1447″ގައި ދެވޭ ބޮޑެތި އިނާމުތަކުގެ ތެރޭގައި، ޙައްޖު ދަތުރު، ސައިކަލު، ޢުމްރާ ދަތުރު، ސޯފާސެޓް، ކުއީންސައިޒްގެ އެނދަކާއި ގޮދަޑިއެއް، އޭސީ، ދޮންނަ މެޝިން، ފުރިޖް، އަވަން އަދިވެސް އެތައް ހަދިޔާއެއް ހިމެނެއެވެ.
“ސަލަފް ރޯދަ ހަދިޔާ” އެންމެ ފުރަތަމަ ބޭއްވިފައިވަނީ ފާއިތުވި އަހަރުއެވެ. އެ ޙަރަކާތަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، މިއަހަރުގެ މި ޙަރަކާތް އިތުރަށް ފުރިހަމަވެ، ތަރުޙީބު ލިބިގެންދާނެ ކަމުގައި އަޅުގަނޑުމެން އުންމީދު ކުރަމެވެ.
މި ފުރުޞަތުގައި، “ސަލަފް ރޯދަ ހަދިޔާ 1447” ސްޕޮންސަރ ކޮށްދެއްވާފައިވާ ފަރާތްތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. މިގޮތުން، އެލިއާ އިންވެސްޓްމަންޓް، އެސް.ޓީ.އޯ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެޗް.ޑީ.ސީ، ފަރުމާ ފަރުނީޗަރު، މެރައިން އިކުއިޕްމަންޓް، ސުވެނިއަރ މެރައިން، ލޯން ހާރޑްވެއަރ އަދި ރެޑްވޭވް ފާހަގަކުރަމެވެ.

