ސްކޫލުތަކުގައި ހިނގާ ކަންކަން ނުފެންނަ ކަމަކަށް ހަދައި، އެއީ ނުހިނގާ ކަންކަމަށް ހަދައި އޮއްބާލައިގެން އެކަންކަން ފޮރުވުމަކީ ކުރިޔަށް އޮތް ޖީލު ހަލާކުކޮށްލުން ކަމުގައި، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރީންގެ މަޖިލީހުގެ މެންބަރު، އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.
މިހާރު ސޯޝަލް މީޑިއާގައި ޢާންމުވެ ދައުރުވަމުންދާ، ޓީޗަރަކާއި ދަރިވަރަކާދެމެދު މާރާމާރީ ހިންގާ ވީޑިއޯތަކަކާގުޅިގެން، ދިރާސީ ނަޒަރަކުން އެ ވީޑިއޯތަކުން ފާހަގަކުރެވިފައިވާ ކަންކަން ހިއްސާކުރައްވަމުން، ޝައިޚުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރައްވާފައިވާ ޕޯސްޓުގައި ވަރަށް ގިނަ ކަންކަން ހިއްސާކުރައްވާފައިވެއެވެ.
މީގެ އިތުރުން، މިއަދު ރާއްޖޭގެ ސްކޫލު ތަކުގައި ހިންގަމުންދާ ބޭއަދަބީ ކަންކަން ފާހަގަ ކުރައްވަމުން، ޝައިޚް ވިދާޅުވެފައިވަނީ، އަޅުގަނޑުމެންގެ ސްކޫލުތަކުގައި ވޭޕް ކުރުން ގިނަވެ، ދަރިވަރުންގެ ތެރޭގައި ވޭޕް ސްޓިކް ވިއްކާ އެތައް އޭޖެންޓުންނެއް ތިބި ކަމަށާއި، އެކަން ހުއްޓުވުމުގެ ގޮތުން، ވޭޕް މަނާކުރުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅަކީ މުހިއްމު ފިޔަވަޅެއް ކަމުގައެވެ. މިއާއެކު، “ކޯ-އެޑިއުކޭޝަން” ނުވަތަ ދެޖިންސު މައްސުނިކޮށްގެން ކިޔަވައިދިނުމުން އޭގެ ނަތީޖާ ރަނގަޅުނޫންކަމަށާއި، މިގޮތުން ފުރާވަރުގެ ކުދިންތަކެއް އެކުގައި ގިނަ ވަޤުތު އެއްތަނެއްގައި ހޭދަކުރުމުގެ ނަތީޖާ ގޯސްވެ، ކުދީންގެ އަޚުލާޤީ ފެންވަރު ނެތިދަނީކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.
ކުދިންގެ އަޚުލާޤީ ފެންވަރު ނެތިގޮސްފައިވާ މިންވަރު ފާހަގަކުރައްވަމުން، ޝައިޚް ލިޔުއްވާފައިވަނީ، ވިޔާނުދާ ޢަމަލު ސުކޫލުތަކުގައި އިތުރުވެ، ނޭދެވޭ ގުޅުންތަކުން އުފެދޭ މައްސަލަތަކުގައި މާރާމާރީ ހިންގުމާއި، މޮބައިލްފޯނާއި ލެޕްޓޮޕް ފަދަތަކެތި ސްކޫލުތަކުގައި ބޭނުންކުރުމުން، ފާޙިޝް ވިޔާނުދާ މަންޒަރުތައް ބެލުން އިތުރުވެފައިވާކަމަށެވެ. ހަމަމިއާއެކު، ސުކޫލުތަކުގައި ބަދުއަޚުލާޤީ ޢަމަލުތައް ހިންގުމުން، އެކަންކަމުގެ ވާހަކަ ދައްކާމީހާ، ނުވަތަ ޓީޗަރުން ގޯސްވުން ހިމެނޭކަމުގައެވެ. ސުކޫލުތަކުގެ ދަރިވަރުން، ނަޙަލާލަށް ވިހެއުމާއި، ޙައްޤުތައް ޙިމާޔަތް ކުރުމުގެ ނަމުގައި އެކަންކަން ފޮރުވާކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ބުލީކުރުމުގެ މައްސަލަތައް ސުކޫލުތަކުގައި ބޮޑުވެފައިވާއިރު، އެފަދަ ކަންކަމުގެ ސަބަބުން، ނަފްސާނީ އަނިޔާލިބިފައި ތިބި އެތައް ކުދިންނެއް މިއަދު ރާއްޖޭގައި ތިބިކަން ޝައިޚުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ކަމުގައިވާއިރު، މިއަދު ސުކޫލުތަކުން ނުކުންނަ ދަރިވަރުންގެ މެދުގައި އިސްލާމްދީނުގެ ހޭލުންތެރިކަން މަދުކަމުގައި ފާހަގަކުރައްވަމުން، ޝައިޚު ލިޔުއްވާފައިވަނީ، އިސްލާމީ ހޭލުންތެރިކަން ކުޑަވުމާއި، ނަމާދު ކުރުންޖެހޭ ކަމަށް ޤަބޫލު ނުކުރާ ނަމާދު ނުކުރާ އެތައް ކުދިންނެއް އުޅެމުންދާކަމަށާއި، ހަމައެއާއެކު ޓީޗަރުންގެ ތެރެއިންވެސް ނަމާދު ކުރަނީ ކިތައް މުދައްރިސުންތޯ ސުވާލު އުފެދޭކަމުގައި ޝައިޚު ލިޔުއްވާފައިވެއެވެ. މީގެ އިތުރުން، ދަރިވަރުންގެ ތެރޭގައި ދީން ޤަބޫލު ނުކުރާ ކުދިން ފާޅުވާކަންވެސް ޝައިޚުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
ސުކޫލުތަކުގައި ހިނގާ މިފަދަ ކަންކަން ނުފެންނަ ކަމަށް ހަދައިގެން، އެއީ ނުހިނގާ ކަމެއްކަމަށް ހަދައި އޮއްބާލައިގެން އެކަންކަން ފޮރުވުމަކީ ކުރިޔަށް އޮތް ޖީލު ހަލާކުކޮށްލުން ކަމަށާއި، ސުކޫލުތަކުގެ ޔުނީފޯމުގެ ޤަވާޢިދުގެ ތެރެއިން ދަރިވަރުން އިސްލާމީ ފޭރާމެއް ލާން ފުރުޞަތު ދިނުމަކީ ސަރުކާރުން ނިންމި ހެޔޮ ނިންމުމެއްކަމުގައި ޝައިޚު ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް، މިކަންވެސް ބަޔަކަށް ވީ މި ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުން ކަމަށާއި، އަދި ބޭކާރު ޚަރަދު ތަކެއް ކުރަން ބެލެނިވެރިންނަށް މަޖުބޫރު ކުރުންކަމުގައި ބުނެ، ސިޔާސީ ބައެއް ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުން، ޝައިޚު ލިޔުއްވާފައިވަނީ، މިފަދަ ކަންކަން ސިޔާސީ ކަންކަމަށް ހަދައި ވާހަކަ ދައްކައިގެން މުޖުތަމަޢަށް ހެޔޮ ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

