ޖަމްޢިއްޔަތުއްސަލަފުން، އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްގެންދިޔަ “ސަލަފް ރިޙްލާ 2025” ނިންމާލުމަށްފަހު، ރިޙްލާގެ ބައިވެރިން މިއަދު ހެނދުނު މާލެ އަތުވެއްޖެއެވެ. “ސަލަފް ރިޙްލާ 2025” ބާއްވާފައިވަނީ 30 އޮކްޓޯބަރ އިން 2 ނޮވެމްބަރ ގެ ނިޔަލަށެވެ.
އދ. އަތޮޅުގައި މި ބޭއްވުނު “ސަލަފް ރިޙްލާ 2025” ނިންމުމުގެ ގޮތުން ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު އޮތީ، ރޭ، އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. ސަލަފް ރިޙްލާ ނިންމުމުގެ ގޮތުން ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި، “ނަފްސާނީ ދުޅަހެޔޮކަން” މި މައުޟޫޢަށް ބޭއްވުނު ޚާއްޞަ ފޯރަމްއެއް ކުރިއަށް ގެންދެވުނެވެ. މި ފޯރަމްއަށް އިންސާފުކޮށްދެއްވީ، މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުގެ އިތުރުން، ޖަމްޢިއްޔަތުއްސަލަފްގެ ނާއިބު ރައީސް، އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު އާއި ޢިލްމުވެރިންގެ މަޖިލީހުގެ ވަކީލު، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދުއެވެ.

ހަމައެއާއެކު، “ސަލަފް ރިޙްލާ 2025” އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޚާއްޞަ ހަނދާނީ ފިލައެއް އެ ފަރާތްތަކަށް ހަދިޔާކުރެވުނެވެ. އަދި ހަމައެއާއެކު، ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވި ފަރާތްތަކަށާއި އެހީތެރިންގެ ގޮތުގައި ބައިވެރިވި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް ހަދިޔާކުރެވުނެވެ. ހަނދާނީ ފިލަޔާއި އަދި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ، ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމް އެވެ.
އދ. އަތޮޅުގައި ކުރިއަށްގެންދެވުނު “ސަލަފް ރިޙްލާ 2025” އަކީ ސަލަފް ރިޙްލާ ސިލްސިލާގެ 9ވަނަ ބޮޅެވެ. މިއަހަރުގެ ސަލަފް ރިޙްލާ ނިންމާލުމުގެ ރަސްމިއްޔާތުގައި ޝުކުރު އަދާކުރެއްވުމުގެ ގޮތުން، ޖަމްޢިއްޔަތުއްސަލަފުގެ ރައީސް، އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބުރާހީމް ޖަލްސާގައި ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އދ. އަތޮޅު ކައުންސިލަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ. އަދި ހަމައެއާއެކު އދ. އަތޮޅުގެ ރަށުކައުންސިލްތަކަށްވެސް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ. އަދި އެހީތެރިންގެ ގޮތުގައި ބައިވެރިވެލައްވާފައިވާ ޒުވާން ޓީމަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ. މިއާއެކު، މިއިވެންޓު ސްޕޮންސަރ ކޮށްދެއްވާފައިވާ ފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.

