ޖަމްޢިއްޔަތުއްސަލަފާއި އދ. އަތޮޅުކައުންސިލް އާއި އަދި ރަށުކައުންސިލްތައް ގުޅިގެން ބާއްވާ، “ސަލަފް ރިޙްލާ 2025” ގައި ބައިވެރިވެލައްވާ ބައިވެރިންގެ ވަފުދުތައް އދ. އަތޮޅަށް އިއްޔެގެ ވަޤުތެއްގައި ޙާޟިރުވާން ވަނީ ފަށާފައެވެ. ދަތުރުތައް ހަމަޖެހިފައިވާ ގޮތުން، އެކި ޓީމުތައް މާލެއިން އދ. އަތޮޅުގެ ރަށްތަކަށް ފުރުމަށް ހަމަޖެހިފައިވަނީ މިއަދާއި އަދި މާދަމާގެ ވަޤުތެއްގައެވެ.
ތަފާތު އެކިއެކި ޙަރަކާތްތަކަކާއެކު ބާއްވާ މި ޕްރޮގްރާމުގައި، ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ދީނީ ދަރުސްތަކާއި، މިސްކިތު ދަރުސްތަކާއި، ފޯރަމްތަކުގެ އިތުރުން، ކުޑަކުދިންނާ ގުޅޭ ޚާއްޞަ، ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ސުކޫލުތަކުގެ ދަރިވަރުންނަށް ތަފާތު އެކިއެކި ވޯރކްޝޮޕްތަކާއި، ބެލެނިވެރިންނަށް ޚާއްޞަ ވޯރކްޝޮޕްތަކުގެ އިތުރުން، އަންހެނުންނަށް ޚާއްޞަ އިވެންޓުތައްވެސް ހިމެނިފައިވެއެވެ.
“ސަލަފް ރިޙްލާ 2025” އިފްތިތާޙް ކުރުމުގެ ގޮތުން ބާއްވާ ޙާއްޞަ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާރެއެވެ. އދ އަތޮޅުގައި 5 ދުވަހުގެ މުއްދަތައް ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގެރާމްގައި ބައިވެރިވާ ޢިލްމުވެރިންގެ ތެރޭގައި ޖަމްޢިއްޔަތުއްސަލަފްގެ ރައީސް، އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމް، ނައިބު ރައީސް އަދި ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު، ޢިލްމުވެރީންގެ މަޖިލީހުގެ ވަކީލު، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދުގެ އިތުރުން ޢިލްމުވެރީންގެ މަޖިލީހުގެ މެމްބަރުންކަމުގައިވާ އައްޝައިޚް މުޖުތަބާ ޙަމީދު، އައްޝައިޚް އާދަމް ބަޝީރު އަދި އައްޝައިޚް ޝިހާމް މުޙައްމަދުވެސް ހިމެނިވަޑައިގަންނަވައެވެ. އަދި މީގެ އިތުރުން، ޖަމްޢިއްޔާގެ ދުޢާތުންގެ މަޖިލީހުގެ މެމްބަރުން ކަމުގައިވާ އައްޝައިޚް އަޙްމަދު ފަޒާދު ފާއިޒް، އައްޝައިޚް މުޙައްމަދު ޝާހިދު، އައްޝައިޚް ސާޖިދު މުޙައްމަދު، އައްޝައިޚް ޢަބްދުﷲ ސަޢުދާން، އައްޝައިޚް ޙަސަން ފައިޞަލް، އައްޝައިޚް ޙަސަން ޒިޔާން، އައްޝައިޚް ޝުޢައިބު ނާޒިމް އައްޝައިޚް ބިލާލް ޢަބްދުއްސައްތާރު ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން މި ޕްރޮގްރާމްގައި އެކި ޢުމުރުފުރައިގެ ކުދިންނާއި ގުޅޭ އެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް، އެކި ދާއިރާގެ ހުނަރުވެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަޝްހޫރު މުޙައްމަދު ޖައިލަމް އަދި އާދަމް ވަޙީދު، މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަކްރަމް އަބްދުލްޣަނީ، ވޮލީބޯޅައަށް މަޝްހޫރި ކޯޗު ހުސެން ޝަރީފު (ނަލަ ކޯޗު)، ޤުރުއާންއާއި ތަޖުވީދުގެ ސެޝަންތައް ނަންގަވައިދެއްވުމަށް އަލްޤާރީ މުޙައްމަދު ތައުފީޤު އަދި އަލްޤާރީ މުހައްމަދު އަމްޖަދު، ކުޑަކުދިންނަށް ޚާއްޞަ އިވެންޓް ކުރިއަށް ގެންދިއުމަށް އިބްރާހިމް ރަމީޒް (ރަމީޒްބެ)، ކަސްޓަމަރ ސާވިސްގެ ސެޝަންތައް ނަންގަވައިދެއްވުމަށް އަޙްމަދު މުޙައްމަދު އަދި އިސްލާމިކް ސްޓަޑީޒްގެ ވޯކްޝޮޕްއެއް ނަންގަވައިދެއްވުމަށް ރާމިޒް އަބޫބަކުރު، އަޙްމަދު ނިޝާން، އަބްދުﷲ ރިޒާ އަދި އިބްރާހިމް ޝާހިދް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ ޕްރޮގެރާމްގައި ޑޮކްޓަރުންގެ ޓީމެއްވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި ޓީމުގައި ހިމެނެނީ،ހަމުގެ ބަލިތަކަށް ޙާއްޞަ ޑޮކްޓަރު ޑރ ޢާއިޝަތު ވިޝާން، އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރު ޑރ މުޙައްމަދު ޢަލީ އަދި ކުޑަކުދިންގެ ޙާއްޞަ ޑޮކްޓަރު ޑރ އަޙްމަދު ފައިސަލްއެވެ.
“ސަލަފް ރިޙްލާ 2025” ގެ މައި ސްޕޮންސަރ އަކީ އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއެވެ. އަދި މި ޕްރޮގްރާމްގެ އެކި ޙަރަކާތްތަކުގައި ބައިވެރިވެ، ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމްވެސް ހުށަހަޅާފައިވަނީ އެކުންފުނިންނެވެ. އެއްވަނަ އިނާމަކަށް ހުށަހަޅާފައިވަނީ “ޔަމަހާ އެއިރޮކްސް 155” ސައިކަލެކެވެ.
އެލިއާގެ އިތުރުން ކޯ ސްޕޮންސަރުންގެ ތެރޭގައި ކްލީންހައުސް ޕްރައިވެޓް ލިމިޓެޑް، ރެފްކޫލް، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އަދި ހިޖާޒް ޙައްޖު އެންޑް އުމްރާ ގްރޫޕް ހިމެނެއެވެ. މި ޕްރޮގްރާމްގެ ގުރުއަތުން ހޮވޭ ފަރާތަކަށް ހުށަހަޅާފައިވާ ޢުމްރާ ދަތުރު ހުށަހަޅާފައިވަނީ ހިޖާޒް ޙައްޖު އެންޑް ޢުމްރާ ގްރޫޕްއިންނެވެ. އަދި ތިންވަނައަށް BTU 18000 ގެ އޭސީއެއް ރެފްކޫލްއިން ވަނީ ހުށަހަޅާފައެވެ.
“ސަލަފް ރިޙްލާ” އަކީ މުޅި އަތޮޅަށް ޙާއްޞަކޮށްގެން، އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދެވޭ ދަޢުވަތުގެ ޙަރަކާތެކެވެ. ސަލަފް ރިޙްލާގެ ނަމުގައި މި ޕްރޮގްރާމް ފަށާފައިވަނީ 2009ވަނަ އަހަރު، ޅ ނައިފަރުންނެވެ. އަދި އޭގެ ފަހުން “ސަލަފް ރިޙްލާ” 8 އަތޮޅެއްގައި ކުރިއަށް ގެންދެވިފައިވެއެވެ.
“ސަލަފް ރިޙްލާ 2025” އދ އަތޮޅުގައި ބާއްވާއިރު، މި ޕްރޮގްރާމް މިހާ ފުޅާކޮށް ކުރިއަށް ގެންގޮސް، ކާމިޔާބު ޕްރޮގްރާމްއަކަށް ހެއްދެވުމަށް އެއަތޮޅުގެ ކައުންސިލްތަކުގެ ވަރަށްބޮޑު އެހީތެރިކަމެއް ދަނީ ލިބެމުންނެވެ. އެކަމަށްޓަކައި އދ އަތޮޅު ކައުންސިލްއާއި ރަށުކައުންސިލްތަކުގެ އެންމެހާ މުވައްޒަފުންނަށް ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ޝުކުރު އަދާ ކުރަމެވެ.

