ޙަލާލު ގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
“މުދަލުގެ ޙުރުމަތް” މި މައުޟޫއަށް ދީފައިވާ މިއަދުގެ ޚުތުބާގައި، ކޮންމެ އިންސާނެއްގެ އަޖަލާއި އޭނާގެ ރިޒުޤާއި، އޭނާއަކީ، ބާއްޖަވެރިއެއްކަން ނުވަތަ އަބާއްޖަވެރިއެއްކަން މާތްﷲ ވަނީ ލިޔުއްވާފައި ކަމަށާއި، އެއްވެސް އިންސާނަކު، އެ އިންސާނަކަށް މާތް ﷲ ކަނޑައަޅުއްވައިފައިވާ ރިޒުޤު ފުރިހަމަވުމުގެ ކުރީން އޭނާގެ އަޖަލާ ބައްދަލެއް ނުކުރާނެ ކަމުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މާތްﷲ އިންސާނާއަށް ދެއްވި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށާއި، އެއްވެސް މީހަކު އަނެކާގެ މުދަލަށް ޙައްޤަކާނުލައި އަރައިގަތުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެއް ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.
އަދި މާތްﷲ ވަނީ، އެކަލާނގެ ދީނުގައި މުދާ ހޯދައި، އެ މުދާ މިލްކުކުރުމުގެ ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވާފައި ކަމަށާއި، ބާޠިލުގޮތުގައި މީސްތަކުންގެ މުދާ ނުކެއުމަށް އެކަލާނގެ ވަނީ އަމުރުކުރައްވައިފައި ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. އަދި ހެޔޮ ގޮތުގައި ވިޔަފާރިކޮށް ދިރިއުޅުން ބާއްޖަވެރިކުރާން މަސައްކަތްކުރުމަށް އަންގަވާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
“ޙަލާލު ގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެކެވެ. އަދި އަހަރެމެންގެ ޢަމަލުތައް މާތްﷲގެ ޙަޟުރަތުގައި ޤަބޫލުވެވޭނޭ ކަމެކެވެ. ޙަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭނެ ކަމެކެވެ.” ޚުތުބާގައި ބުނެފައިވެ އެވެ.
ޙަރާމް ގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގެ ބަރަކާތްކެނޑޭނޭ ކަމެއް ކަމަށާއި، ޢަމަލުތައް ޤަބޫލުވެވުމަށް ހުރަސްއެޅޭނޭ ކަމެއް ކަމަށާއި ދިރިއުޅުމުގައި އުފާވެރިކަމާއި ބާއްޖަވެރިކަންނެތޭނޭ ކަމެއް ކަމުގައި ބުނެފައިވެއެވެ.
ޙަލާލު ގޮތުގައި ރިޒުޤު ހޯދާން މަސައްކަތްކުރުމަށް އިސްލާމްދީނުގައި ބާރުއަޅުއްވައިފައިވާ ކަމުގައިވެސް މިއަދުގެ ޚުޠުބާގައި ވަނީ ބުނެފަ އެވެ. ނަމަވެސް، މިއަދު މުޖުތަމަޢުގެ ޙާލާމެދު ފިކުރުހިންގާއިރު، މުޖުތަމަޢުގައި ދިމާވާ ގިނަ ދަތިތައް ގުޅިފައިވަނީ، މުދަލާމެދު ދީނުގައި އަންގަވައިފައިވާ އުޞޫލުތަކަށް އިހުމާލުވުން ކަމުގައި ޚުޠުބާގައި ބުނެފައިވެއެވެ. އެގޮތުން ކޮރަޕްޝަނާއި، ރިޝްވަތާއި، އަމިއްލަ މަޞްލަޙަތު އިސްކުރުމާއި، އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަށް ފަސްޖެހުންފަދަ އެންމެހައި ކަންކަން މި އިހުމާލުވުމުގެ ތެރޭގައި ހިމެނޭކަމަށާއި، އެފަދަ ކަންކަމުން ދުރުހެލިވެ ރައްކާތެރިވުމަށް އިސްލާމްދީނުގައި ބާރު އަޅުއްވާފައިވާ ކަމަށްވެސް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ.
މާތްﷲ އަށް ތަޤުވާވެރިވެ، ރިވެތި ގޮތުގައި ރިޒުޤު ހޯދުމަށް މާތްﷲގެ ޙަޟުރަތުން އެދުމަށް ނަޞޭޙަތްތެރިވުމާއެކު، ޙަލާލު ތަކެތި ލިބިގަނެ، ޙަރާމް ތަކެއްޗާ ދުރުހެލިވުމަށްވެސް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދުމަކޮށްދީ ނަޞޭޙަތްތެރިވެފައިވެއެވެ.

